ސްޕޯޓްސް މިނިސްޓްރީގައި 291 ސިޔާސީ ވަޒީފާ!

ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު: -- ފޮޓޯ/ ސްޕޯޓްސް މިނިސްޓްރީ

ކުޅިވަރާ ބެހޭ ކަންކަން ކުރަން ޚާއްސަ، މިނިސްޓްރީ އޮފް ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގައި ތިންސަތޭކައާ ގާތްކުރާ އަދަދަކަށް ސިޔާސީ މުވައްޒަފުން އައްޔަންކޮށްފައި ތިބިކަން ވަނީ ހާމަވެފައެވެ. ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު އެ މިނިސްޓްރީގައި އެކި ފެންވަރުގެ ސިޔާސީ މަގާމުތަކުގައި މި ވަގުތު ޖުމްލަ 291 މީހަކު އެބަތިއްބެވެ. މިހާ ގިނަ މަގާމުތައް ހުރިއިރު، މި ފަރާތްތަކުގެ ވަޒީފާގެ މަސްއޫލިއްޔަތުތައް ބެހިފައިވާ ގޮތާއި ކުރަނީ ކޮން މަސައްކަތެއްކަން ސާފެއް ނޫނެވެ. މީގެ އިތުރުން ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ ޖުމްލަ އަދަދާމެދު އިދިކޮޅު ފަރާތްތަކުން ވެސް އަންނަނީ ސުވާލު އުފައްދަމުންނެވެ.

  • ސްޕޯޓްސް މިނިސްޓްރީގައި 291 ސިޔާސީ މުވައްޒަފުން އެބަތިބި
  • މީގެ ތެރޭގައި އެކި ފެންވަރުގެ ޑިރެކްޓަރުންނާއި މިނިސްޓަރުން ހިމެނޭ
  • މި މުވައްޒަފުންގެ ދައުރާއި މަސްއޫލިއްޔަތުތައް އެނގޭކަށް ނެތް
  • މިނިސްޓްރީގެ ބަޖެޓުގެ ބޮޑު ބައެއް މިހާރުވެސް ވަނީ ހޭދަކޮށްފައި

ކުޅިވަރާ ބެހޭ ކަންކަން ކުރަން ޚާއްސަ، މިނިސްޓްރީ އޮފް ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގައި 300 އާ ގާތްކުރާ އަދަދަކަށް ސިޔާސީ މުވައްޒަފުން އައްޔަންކޮށްފައި ތިބިކަން ހާމަވެއްޖެއެވެ.

"ސަން"އަށް ލިބިފައިވާ މައުލޫމާތުތަކެއްގައިވާ ގޮތުން، އެ މިނިސްޓްރީގައި އެކި ފެންވަރުގެ މަގާމުތަކުގައި މި ވަގުތު ޖުމްލަ 291 މީހަކު އެބަތިއްބެވެ. އެއީ:

  • މިނިސްޓަރާއި، ކޮމިޝަނާ އޮފް ސްޕޯޓްސް ހިމެނިވަޑައިގަންނަވާހެން މިނިސްޓަރު ފެންވަރުގެ ދެ ބޭފުޅުން
  • 3 ސްޓޭޓް މިނިސްޓަރުުން
  • 18 ޑެޕިއުޓީ މިނިސްޓަރުން
  • 114 ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުން
  • 78 ޕޮލިޓިކަލް ޑިރެކްޓަރުން
  • 20 އެސިސްޓަންޓް ޕޮލިޓިކަލް ޑިރެކްޓަރުން
  • 56 ޔޫތު އެސޯސިއޭޓުން

މިހާ ގިނަ މަގާމުތައް ހުރިއިރު، މި ހުރިހާ މަގާމެއްގައި ތިބި ފަރާތްތަކަށް ވަޒީފާގެ މަސްއޫލިއްޔަތުތައް ބެހިފައިވާ ގޮތް ވެސް ސާފެއް ނޫނެވެ. އަދި ކުރަނީ ކޮން މަސައްކަތެއްކަން ވެސް ނޭނގެއެވެ.

މި އަހަރު ސްޕޯޓްސް މިނިސްޓްރީއަށް ކަނޑައަޅައިފައިވަނީ 623 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. މާޗު މަހުގެ 26ވަނަ ދުވަހާ ހަމައަށް އޭގެ ތެރެއިން 80 މިލިއަން ރުފިޔާވަނީ ހޭދަކޮށްފައެވެ.

މި ސަރުކާރަށް ދެ އަހަރާއި ބައި ވެފައިވާއިރު، ސަރުކާރުން ބުނާ ގޮތުގައި ސިޔާސީ މަގާމުތަކުގައި ތިބީ އެންމެ 700 އެއްހައި މީހުންނެވެ. ނަމަވެސް އިދިކޮޅުން ވެސް އެ އަދަދުތަކާ މެދު ސުވާލު އުފައްދާއިރު، އެ އަދަދު ހާހުން މައްޗަށް އަރާނެކަމަށް އަންނަނީ ތުހުމަތުކުރަމުންނެވެ.

comment ކޮމެންޓް