ވެރިން އެކަނި ވަކިކުރިޔަސް ފުދޭތަ؟ ބަހައިލިހާ ސިޔާސީ ވަޒީފާތައް ކޮބާ؟

ލޯކަލް ކައުންސިލް އިންތިޚާބާއި ފެންނަނުފެންނަ ވޯޓުން ސަރުކާރަށް ލިބުނު ބޮޑު ނާކާމިޔާބީއަށްފަހު، ސަރުކާރުގެ އިސް މަގާމުތަކުގައާއި ކުންފުނިތަކުގައި ތިއްބެވި ގިނަ އަދަދެއްގެ ސިޔާސީ ބޭފުޅުން ވަނީ ވަޒީފާއިން ވަކިކޮށްފައެވެ. މިގޮތުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ލީކުވި އޯޑިއޯއަކާ ގުޅިގެންނާއި، އިންތިޚާބުގައި އެކަށީގެންވާ ނަތީޖާއެއް ނެރެދެވިފައިނުވާތީ މިފަދަ ފިޔަވަޅުތަކެއް އަޅާފައިވާކަމަށް ބެލެވެއެވެ. ނަމަވެސް، ކެމްޕޭން ދުވަސްވަރު ބަހައިލި އެތައް ސަތޭކަ ވަޒީފާތަކެއް އަދިވެސް އޮތުމުން، މިއީ ހަމައެކަނި ޚަރަދު ކުޑަކުރުމުގެ ނިޔަތުގައި ކުރާ ކަމެއްތޯ ވަނީ ސުވާލު އުފެދިފައެވެ. ކުރިއަށް އޮތް ދެ އަހަރާއި ބައިގެ ތެރޭގައި ސަރުކާރުން އިސްލާހީ ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭކަން މި ހާލަތުން އަންގައިދެއެވެ.

  • ލޯކަލް ކައުންސިލް އިންތިޚާބާއި ފެންނަނުފެންނަ ވޯޓުން ސަރުކާރަށް ބޮޑު ނާކާމިޔާބީއެއް ލިބުން.
  • ނާކާމިޔާބީއާ ގުޅިގެން ސަރުކާރާއި ކުންފުނިތަކުގެ ސިޔާސީ ގިނަ މަގާމުތަކަކުން މީހުން ވަކިކުރުން.
  • މަޖިލިސް މެންބަރެއްގެ އޯޑިއޯ ލީކުވުމާ ގުޅިގެން އޭނާގެ އާއިލީ ބޭފުޅުން މަގާމުތަކުން ވަކިކުރުން.
  • ޚަރަދު ކުޑަކުރުމުގެ ނަމުގައި ފިޔަވަޅުތައް އެޅިއަސް، ކެމްޕޭނަށް ބަހައިލި ވަޒީފާތަކާމެދު ސުވާލު އުފެދުން.
  • ސަރުކާރުގެ ތާއީދު އަނބުރާ ހޯދުމަށް ކުރިއަށް އޮތް ތަނުގައި އިސްލާހީ ބޮޑެތި ފިޔަވަޅުތަކެއް އަޅަންޖެހިފައިވުން.

ލޯކަލް ކައުންސިލް އިންތިޚާބު ނިމިގެން އަދި ހަމަޔަކަށް ނޭޅެއެވެ. ރައީސް ޑރ. މުޙައްމަދު މުއިއްޒު ރާއްޖެއިން ފުރާވަޑައިގެންނެވިތާ އަދި ސައުވީސް ގަޑިއިރު ވެސް ނުވެއެވެ. ކުއްލިއަކަށް ބޮޑު ތޫފާނެއް އަރައިފިއެވެ. ސަރުކާރުގެ އެކި ކުންފުނިތަކުން ފެށިގެން ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި އެތައް ސިޔާސީ ބޭފުޅެއްހެ ވަޒީފާ ގެއްލިއްޖެއެވެ.

މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދުގެ ލީކުވި އޯޑިއޯއެއްގެ މައްސަލައިގައި، އޭނާގެ ބޭފުޅުން ތިއްބެވި ސަރުކާރުގެ މަގާމުތަކުން ވަކިކޮށްފިއެވެ. ސަރުކާރު ކުންފުނިތަކަށް އައްޔަންކޮށްފައިވާ ރިޓަޔާޑް ބޭފުޅުންތަކެއްގެ މަގާމުގެ މުއްދަތުގައި ވެސް ސިއްކަ ޖެހިއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި، ފެންނަނުފެންނަ ވޯޓުން ސަރުކާރަށް ބޮޑު ނާކާމިޔާބެއް ލިބުނީ އިހަށްދުވަހެވެ. އެތައް ސަތޭކަ މިލިއަން ރުފިޔާއެއްގެ އިތުރަށް، ބަހައިލި އެތައް ސަތޭކަ ވަޒީފާއިން ވެސް މިވަރުގެ ނާކާމިޔާބެއް ލިބުމަކީ އާދައިގެ ބަލިވުމެއް ނޫނެވެ. މި ބައްޔާ މެދު ވިސްނާނެ ވަގުތު ވެސް ނުލިބެނީސް ކުއްލިއަކަށް ސަރުކާރުގެ ކުންފުނިތަކާއި، މަގާމުތަކަށް ލޮޅުން އަރަން ފެށުމަކީ އިއްތިފާގެއް ވެސް ނޫނެވެ. އެ ބުނެދެނީ މި ބޮޑު ނާކާމިޔާބާ ގުޅޭ ވާހަކަތަކެކެވެ. ފެއިލިއާތަކެއްގެ ވާހަކައެވެ. ނާކާމިޔާބަށް ފަހިކުރި "ކަތުރުފަނި" ތަކެއްގެ ވާހަކައެވެ.

ނަމަވެސް "ކަތުރުފަނިތަކަށް ބޭސް ޖަހައި މަރައިލި"އެއްކަމަކު މި އިންތިޚާބާ ދިމާކޮށް ދެން ބަހައިލި އެތައް ސަތޭކަ ސިޔާސީ ވަޒީފާތަކުގައި ތިބި މީހުން ކޮބައިހެއްޔެވެ؟ އެކި ކުންފުނިތަކުގައި ސިޔާސީ ވައިކުޑައިގައި ފޭބި މީސްމީހުން ބޭތިއްބުމަކީ އިސްލާހީ ގޮތުން ހަގީގަތުގައި އަޅާ ފިޔަވަޅެއްތޯ މިއީ ވަރަށް ބޮޑު ސުވާލެކެވެ.

3 އޭޕްރީލް 2026: ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭން ނިންމަން ޕީއެންސީން ބޭއްވި ރެލީގައި ރައީސް މުއިއްޒު -- ސަން ފޮޓޯ

ކައުންސިލާއި ފެންނަނުފެންނަ ވޯޓުގެ ނާކާމިޔާބާ އޮތް ގުޅުމެއްތަ؟

ދައުރުގެ މެދުތެރޭ މިހާ ބޮޑު ބައްޔަކުން ސަރުކާރަށް ނާކާމިޔާބެއް ލިބުމަކީ އާދައިގެ ކަމެއް ނޫނެވެ. އެ ދެނީ އަރިހުގައި ތިއްބެވި އެތައް ބަޔަކު ފެއިލްވެފައިވާ ކަމުގެ ސާފު މެސެޖެކެވެ. ސިޔާސީ ހިސާބު ޖެއްސެވުމުގައި ގޯސްތަކެއް ހެއްދެވުނުކަމެވެ. ޕީއެންސީއަށް ހޯދައިދޭން ބޮޑެތި މަގާމުތަކުގައި ތިއްބެވި ބޭފުޅުން ޕްލެޖުކުރެއްވި އަދަދަށް ވެސް ވޯޓު ހޯދައި ނުދެވުނު ކަމެވެ.

"ވަރަށް ބޮޑެތި ގޯސްތަކެއް ހެދިފައި މި ވަނީ. ކެމްޕޭނަށް އެވަރުގެ ބޮޑު ބަޖެޓެއް ދީފައި، މިތިބި ކުންފުނިތަކުގެ އެކި ފަރާތްތަކަށް ވެސް، އެ މީހުންގެ ޓީމުތަކަށް ވެސް. އެކަމަކު ނަތީޖާ މި ނުކުތީ ހަމަ އަނެއް ކޮޅަށް. މާލެ، އައްޑޫ ކަހަލަ ތަންތަނުގައި،" ޕީއެންސީގެ ކެމްޕޭނުގައި އިސްކޮށް އުޅުނު ސަރުކާރުގެ ސިޔާސީ މަގާމެއްގައި ހުންނެވި ބޭފުޅަކު ވިދާޅުވިއެވެ.

ނުވިތާކަށް މި ދަނޑިވަޅުގައި ލީކުވި، މެންބަރު އަސްމާ ރަޝީދުގެ އޯޑިއޯއިން ވެސް ހާމަވަނީ ހަމަ މި ހަގީގަތެވެ. އެ އޯޑިއޯގެ ސައްހަކަން ކަށަވަރުކޮށްދީފައި ނުވި ނަމަވެސް އެއާ ގުޅިގެން ފިޔަވަޅު އަޅައިފިއެވެ. އެއިން ހާމަވާ ދެތިން ކަމެއް އެބައޮތެވެ. އެއީ އެ އޯޑިއޯގެ ސައްހަ އެއްޗަކަށް ވުމުގެ ފުރުސަތު ބޮޑުކަމެވެ. އަނެއް ކަމަކީ ސަރުކާރުގެ ތެރެއިން، އަސްމާއަށް ވަފާތެރި ޒުވާނަކަށް ދޭން ވައުދުވި "ހައްގު" މަގާމު ނުދީގެން، ޕީއެންސީއާ މި ސަރުކާރު ދެކެ ވަރަށް ބޮޑަށް ނުރުހުންވެ ދެކޮޅުވެފައި ހުންނެވި ކަމެވެ. މާލޭގެ ދާއިރާއަކަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރަކު މިފަދަ ނުރުހުންވެރިކަމެއް ފާޅުކުރެއްވުމަކީ ހަމަ ޔަގީނުން ވެސް އެ މެންބަރަކު ނިސްބަތްވެވަޑައިގަންނަވާ ދާއިރާއަކުން ވެސް ދައްކާނެ އަސަރެކެވެ. މާލެއިން ޕީއެންސީގެ މޭޔަރު ކެންޑިޑޭޓް މޫސާއަލީ ޖަލީލަށް ލިބިވަޑައިގެންނެވި ބޮޑު ނާކާމިޔާބުގެ އެއް ސަބަބަކީ މިއީ ކަމަށް ވެސް ވެދާނެއެވެ. ނާކާމިޔާބީއަކަށް މަގުފަހިކުރުވި ސަބަބަކާ ހެދި ސިޔާސީ ބޭފުޅުންތަކެއްގެ ވަޒީފާ ގެއްލުނީއެވެ.

https://sun.mv/220247

ފެނަކަ ފަދަ، ސިޔާސީ ވަޒީފާތައް އިންތިހާއަށް "ބަހައިލި" ކުންފުނިތަކުގެ ވެރިން ހަމަ ކުއްލިއަކަށް ވަކިވާން ޖެހުނީއެވެ. އެއީ އެ ސިޔާސީ ވަޒީފާތަކުން ނެރެވުނު ނަތީޖާއެއް ނެތީމާ ހެއްޔެވެ؟

އެހެންކަމުން ރައީސް މުއިއްޒު، ސިޔާސީ ގޮތުން މިހެން އައްޔަންކުރައްވާ ބޭފުޅުންތަކެއްގެ މަގާމު މި ދަނޑިވަޅުގައި ގެއްލުމަކީ ހައިރާންވާންޖެހޭ ވަރުގެ ކަމެއް ނޫނެވެ. މި ބޮޑު ނާކާމިޔާބުގެ ސަބަބުތައް ދެނެގަތުމަކީ މާ ބޮޑު އަރަތަކަށް ނުވެދާނެއެވެ. ނަމަވެސް ވަފާތެރިންނާއި، ފޮރުވިގެން ތިބި މަކަރުވެރިން ދެނެގަތުމަކީ މި ދަނޑިވަޅުގައި އެ މަނިކުފާނަށް އޮތް އެންމެ ބޮޑު ޕްރެޝަރެވެ.

ސަބަބަކަށް "ޚަރަދު ކުޑަކުރުން" ނަމަ ވަރަށް ގޯސް

ޔަގީންވަމުން އަންނަ އެއް ކަމަކީ ލޯކަލް ކައުންސިލް އިންތިޚާބު ނިމުމާއެކު ސަރުކާރުގެ އެކި އިދާރާތަކަށާއި، ބައެއް ކުންފުނިތަކަށް ހަނގުރާމައެއް ދުނިޔޭގައި ހިނގަމުން އަންނަކަން އިހުސާސްވާން ފަށައިފި ކަމެވެ. ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް ވެސް ބައެއް އިދާރާތަކުން އަންނަނީ އިއުލާނުކުރަމުންނެވެ. ނަމަވެސް މިހާރު ސަރުކާރުގެ އެކި ކުންފުނިތަކުން، ވެރީން ވަކި މި ކުރަނީ އެ ނިޔަތުގައިތޯ ބުނުމުގެ ފުރުސަތު އެބައޮތް ހެއްޔެވެ؟

އިއްޔެ މަގާމުން ވަކިކުރި ކުންފުނިތަކުގެ ވެރީން، މީގެ މަހެއްހާ ދުވަސްކުރިން ދިޔައީ އެ ކުންފުނިތަކަށް އެތައް ސަތޭކަ މުވައްޒަފުން އިތުރުކުރުމަށް ބޮޑެތި ދޮރުތަކެއް ހުޅުވައިލައިފައެވެ. މިއީ ލައްކަ ފައިސާއެވެ. ބޮޑު އިންތިޚާބެއް ބޯމަތީ އޮއްވައި އެ ފުރުސަތު އޭރު ހުޅުވައިލައި، އެ ފަދަ ކިތައް މީހުންނަށް ވަޒީފާ ހަމަޖެހިފައި ހުންނާނެ ހެއްޔެވެ؟

ސަރުކާރަށް ދެ އަހަރު ފުރުމުގެ ޖަލްސާގައި މި ސަރުކާރުގެ ސިޔާސީ ބޭފުޅުންތަކެއް --

އެހެންކަމުން މި ދަނޑިވަޅުގައި އިސް މަގާމުތަކުން އެކި ބޭފުޅުން ވަކިކުރައްވާއިރު މިއީ އަދި ޚަރަދުކުޑަކުރުމުގެ ނިޔަތުގައި ކުރައްވަމުން އަންނަ ކަމެއްކަމަށް ބުނުމުގެ ޖާގަ ވެސް ކުޑައެވެ. މި ވަގުތު ޚަރަދުކުޑަކުރަން މަސައްކަތްކުރާނަމަ، ސަރުކާރުގެ އެކި ވުޒާރާތަކުގައި އެތައް ސަތޭކައިން ތިއްބެވި ސިޔާސީ މަގާމުތައް ހުސްކުރަންވީއެވެ. ސަރުކާރުގެ އެކި ކުންފުނިތަކުގައި ބޮޑު މުސާރަ ނަންގަވަމުން ގެންދަވާ، "ޓްވީޓުކުރެއްވުން ނޫން އެހެންކަމެއް ނުކުރައްވަވާ" ބޭފުޅުން ވެސް ހަމަ ވަކިކުރަންވީއެވެ. ސަބަބަކީ ސިޔާސީ މަގާމުތަކުން ފުރިބާރުވެފައި އޮތް މިހާ މަތިބަރު ސަރުކާރަކުން ރައީސް މުއިއްޒަށް ވެސް ލިބިވަޑައިގަތީ ގެއްލުމެވެ. އަމާޒުވީ ބޮޑު މެޖޯރިޓީއެއްގެ ނުރުހުމެވެ. އެހެންކަމުން ސިޔާސީ މަގާމުތަކުން މީހުން ކޮންމެހެން ވެސް ހުސްކުރަންޖެހެއެވެ.

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބާއި ރައްޔިތުންގެ ފެންނަނުފެންނަ ވޯޓު މިވީ، ބޮޑު ތާއީދެއް އޮތްކަމަށް ދެކެމުން އައި އަވާމެންދުރެއް ކުއްލިއަކަށް ގެއްލުނު ވޯޓަކަށެވެ. ދެން މާ ވަގުތެއް ނެތެވެ. އިސްލާހީ ފިޔަވަޅުތައް އެޅުމަށް ވެސް ރައީސް މުއިއްޒުގެ އަތްޕުޅުގައި މި އޮތީ ދެ އަހަރާއި ބައެވެ. ކުރިއަށް ދެން އޮތީ ބުރަ، އުނދަގޫ ދަތުރުކެވެ.

comment ކޮމެންޓް