ވައިގެ މަގުން އެތެރެކުރަން މަސައްކަތްކުރި ގާތްގަނޑަކަށް ދެ މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއެކު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އިންޑިއާގެ ދެ އަންހެނަކު މިދިޔަ ހަފުތާގައި ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ، މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ދެ އަންހެނަކު ހައްޔަރުކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން، މިދިޔަ ބުދަ ދުވަހު ކަމަށެވެ.
މި މައްސަލައިގައި އިންޑިއާގެ 23 އަހަރުގެ އަންހެނަކާއި 34 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށް، ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ ދެ މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފައެވެ.
ކަސްޓަމްސްއިން އާންމުކުރި ތަފުސީލުގައިވާ ގޮތުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިދިޔަ ބުދަ ދުވަހު އަތުލައިގަތް ހަޝިޝް އޮއިލްގައި 2.17 ކިލޯގުރާމު އެބަ ހުއްޓެވެ. އެ ތަކެތީގެ އަގު 1.7 މިލިއަން ރުފިޔާއަށްވުރެ ބޮޑު ކަމަށްވެސް ކަސްޓަމްސްއިން ބުންޏެވެ.
ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހްގީގުކުރަމުންނެވެ.
ފާހަގަކުރެވޭ ގޮތުގައި، މި ފަހަކަށް އައިސް ރާއްޖެއަށް ވައިގެ މަގުން މަސްތުވާތަކެތި އެތެރެ ކުރަން އުޅެގެން ހައްޔަރު ކުރި މީހުންގެ ތެރޭގައި އިންޑިއާ މީހުން ގިނައެވެ.