ޚަރަދުކުޑަކުރުމުގެ ގޮތުން ޕީޖީ އޮފީހުގެ މުވައްޒަފުން ކޮންމެ އަންގާރަ ދުވަހެއްގައި ދެން މަސައްކަތްކުރާނީ ގޭގައި ތިބެގެން ކަމަށް އެ އޮފީހުން މިރޭ ބުނެފިއެވެ.
ޕީޖީ އޮފީހުން ނެރުނު ބަޔާނުގައި ބުނީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔެއަށް ކުރިމަތިވަމުންދާ އިޤްތިޞާދީ މައްސަލަތަކާ ވިދިގެން، ދިވެހިރާއްޖެއަށް ކޮށްފާނެ އަސަރުތައް ކުޑަކުރުމަށް ދިވެހި ދައުލަތުން އަޅާފައިވާ ފިޔަވަޅުތަކުގައި ބައިވެރިވުމުގެ ގޮތުން، އެ އޮފީހުން ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން މާދަމާއިން ފެށިގެން މެއި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ގެންނަ ބަދަލުތައް ޕީޖީ އޮފީހުން ވަނީ ހާމަކޮށްފައެވެ. އެ ބަދަލުތަކަކީ:
- ކޮންމެ އަންގާރަ ދުވަހަކީ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރާ ދުވަހެއްގެ ގޮތުގައި ހަމަޖެއްސުން
- ރަސްމީ ބައްދަލުވުންތައް އޮންލައިންކޮށް ބޭއްވުން
- އޮފީސް ހުޅުވާފައި ހުންނަ ވަގުތު މަދުކުރުމާއި، ކަރަންޓު ބޭނުންކުރުން މަދުކުރުން
- ކަރުދާސް ބޭނުންކުރުން މަދުކުރުން
- އޮފީސް ވެހިކަލް ބޭނުންކުރާ މިންވަރު މަދުކުރުން
މި މުއްދަތުގައި ކޮންމެ އަންގާރަ ދުވަހަކު އެ އޮފީހުގެ މުވައްޒަފުން އާންމު އުސޫލެއްގެ ގޮތުން ގޭގައި ތިބެގެން މަސައްކަތްކުރި ނަމަވެސް، ކޮންމެހެން އޮފީހަށް ހާޒިރުވެގެން ނޫނީ ނުކުރެވޭނެ މަސައްކަތްތައް އޮފީހަށް ހާޒިރުވެ ކުރަމުން ގެންދާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
އަދި ކޯޓު އަޑުއެހުންތަކަށް ގަވާއިދުން ހާޒިވަމުން ގެންދާނެ ކަމަށާއި، ރަސްމީ ބައްދަލުވުންތަކުގެ ތެރެއިން އޮންލައިންކޮށް ކުރިއަށް ނުގެންދެވޭ ބައްދަވުންތަކާއި، އޮންލައިންކޮށް ކުރިއަށް ގެންދިއުމުގެ ސަބަބުން ބައްދަލުވުމުން ނެރެވިދާނެ ނަތީޖާއަށް އުނިކަމެއް އައިސްދާނެކަމަށް ބެލެވޭ ބައްދަލުވުންތައް ހާޒިރުވެގެން ކުރިއަށް ގެންދާނެ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
ހަމައެއާއެކު އެ އޮފީހުން ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމުގެ ގޮތުން މުވައްޒަފުން އޮފީހަށް ހާޒިރުވާ ދުވަސްތަކުގައި ވެސް މެންދުރު 14:00 ގެ ފަހުން ގޭގައި ކުރެވެން ހުންނަ މަސައްކަތްތައް ގޭގައި ތިބެގެން ކުރުމަށް ބާރު އެޅުމާއި، އޮފީސް ބަންދުކުރާ ގަޑި 18:00 އަށް އަވަސްކުރުމަށް ހަމަޖެހިފައިވާ ކަމަށް ޕީޖީން ބުންޏެވެ.
އަދި އެ އޮފީހުގެ މަސައްކަތްތައް މުޅިން ޑިޖިޓަލައިޒްކޮށް، ކަރުދާސް ބޭނުންކުރުން ހުއްޓާލުމަށް ޕްރޮސިކިއުޓާ ޖެނެރަލް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، އެ އޮފީހުން ކަރުދާސް ބޭނުންކުރާ މިންވަރު މަދުކުރުމަށް މި މުއްދަތުގައި ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ޕީޖީން ވަނީ މި ބަދަލުތަކުގެ ސަބަބުން އެ އޮފީހުން އާންމުންނަށް ނުވަތަ އިދާރާތަކަށް ދޭ ޚިދުމަތްތަކަށް އެއްވެސް އުނިކަމެއް ނުވަތަ ލަސްކަމެއް ނާންނާނެ ކަމުގެ ޔަގީންކަން ވަނީ ދީފައެވެ. އަދި އެ މުއްދަތުގައި ވެސް، އަދި އަބަދުވެސް އެ އޮފީހުގެ ވެބްސައިޓް މެދުވެރިކޮށް ޚިދުމަތްތައް ހޯއްދެވުމަށް އެންމެހައި ރައްޔިތުންނާއި އިދާރާތަކަށް އެ އޮފީހުން ބާރުއަޅާ ކަމަށް ޕީޖީން ބުންޏެވެ.