"ޕީޖީއޯ 2.0" މަޝްރޫއަށް 12 މިލިއަން ރުފިޔާ ހޭދަވި؛ ދެން އަދުލުއިންސާފު ލިބުން އަވަސްވާނެ: އައްބާސް

ޕީޖީ އައްބާސް ޝަރީފް -- ސަން ފައިލް ފޮޓޯ/ ނާއިޝް ނާހިދު

ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ވަސީލަތްތައް ތަރައްގީކުރުމަށް ކުރިއަށްގެންދާ "ޕީޖީއޯ 2.0" މަޝްރޫއުގެ ޖުމުލަ އަގަކީ 12 މިލިއަން ރުފިޔާ ކަމަށާއި، މި މަޝްރޫޢު އެއްކޮށް ނިމުމުން އަދުލު އިންސާފު ގާއިމުކުރުމަށް ހޭދަވާ މުއްދަތު އަވަސްކުރެވޭނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ޢައްބާސް ޝަރީފް މިރޭ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއިން ގެނެސްދިން "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޕީޖީ ޢައްބާސް ޝަރީފް ވިދާޅުވީ، "ޕީޖީ 2.0" ގެ ދަށުން އޭއައި އިންޓެގްރޭޓްކުރުމަށް ކުރިއަށްގެންދާ ދެ އަހަރުގެ މަޝްރޫޢު ނިމުމުން، ޕީޖީ އޮފީހުގެ ކައުންޓަރުން ދެމުން އައި ހުރިހާ ޚިދުމަތެއް އޮންލައިންކޮށް ލިބެން ހުންނާނެ ކަމަށެވެ. އެގޮތުން 'އީ-ދޮރޯށި' ނިޒާމާއި އީފާސް މެދުވެރިކޮށް ރައްޔިތުންނަށް އޮފީހަށް ހާޒިރުނުވެ 24 ގަޑިއިރު ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި މަޝްރޫޢުގެ ސަބަބުން ތަހުގީގީ އިދާރާތަކުން ފޮނުވާ މައްސަލަތައް ދިރާސާކުރުމާއި ދަޢުވާ ކުރުމުގެ މަރުޙަލާ ވަރަށް ބޮޑަށް އަވަސްވެގެންދާނެ ކަމަށް ޕީޖީ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ސްކޭން ކޮށްގެން، އިލެކްޓްރޯނިކް ފައިލް ޕްރޮސެކިއުޓަރާ ހަމައަށް ދާއިރު 15 މިނެޓް ތެރޭ ހުރިހާ ކަމެއް ވެގެންދާނެ. އަޅުގަނޑުމެން އެންމެ އަވަހަށް ވެސް ވަގުތު ނަގާ މައްސަލަތައް 24 ގަޑިއިރު 48 ގަޑިއިރުން [ނިންމޭ މައްސަލަތައް]، ދުވަހެއްގެ ދެބައިކުޅަ އެއްބައިން [ދެން ނިމޭނެ]،" ޕީޖީ ވިދާޅުވިއެވެ.

"އޭގެ މާނައަކީ 6 ގަޑިއިރު ތެރެއިން އެ މަސައްކަތް ކުރެވޭނެ. ބޮޑެތި މައްސަލަތައްވެސް ގިނަވެގެން 48 ގަޑިއިރު ތެރޭ އަޅުގަނޑުމެންނަށް ކޯޓަށް ފޮނުވޭ ވަރަށް މަސައްކަތް ކުރާނެ،" ޕީޖީ އިތުރަށް ވިދާޅުވިއެވެ.

https://sun.mv/225869

މީގެ އިތުރުން، ބޭނުންކުރާ އޭއައި ވަސީލަތަކީ ޕީޖީ އޮފީހުން އަމިއްލައަށް ތަރައްގީކުރާ އެއްޗަކަށް ވާތީ ޒާތީ މަޢުލޫމާތުގެ ރައްކާތެރިކަން ފުރިހަމައަށް ކަށަވަރު ކުރެވޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ތަހުގީގު އިދާރާތަކުން ހުށަހަޅާ ލިޔެކިޔުންތަކަށް ކުރިން ފަސް ދުވަހުން ދެމުން އައި ޖަވާބު އެ ދުވަހުން އެ ދުވަހަށް ދެވި، މުޅި އަދުލު އިންސާފުގެ ނިޒާމަށް ބޮޑު ހަލުވިކަމެއް ލިބިގެންދާނެ ކަމަށް ޕީޖީ ފާހަގަކުރެއްވިއެވެ.

ޕީޖީއޯ 2.0 އަކީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ މަސައްކަތްތަކާއި ޚިދުމަތްތައް މުޅިން ޑިޖިޓަލައިޒްކޮށް، ޒަމާނީ ފެންވަރަކަށް ތަރައްގީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި އިޞްލާޙީ މަޝްރޫޢުގެ މައިގަނޑު މަގްޞަދަކީ އެ އޮފީހުގެ ހިންގުން އިތުރަށް ހަރުދަނާކޮށް، ދެފުއްފެންނަ ނިޒާމެއްގެ ތެރެއިން ޚިދުމަތްތައް ފޯރުކޮށްދިނުމެވެ.

މީގެއިތުރުން، ދައުލަތުގެ ހުރިހާ މުއައްސަސާއެއް އެއް ނެޓްވޯކަކުން ގުޅުވާލައި، ޑިޖިޓަލް އައިޑީ އަދި ސައިބާ ސެކިއުރިޓީ ވަރުގަދަކުރުމަށް ސަރުކާރުން ދަނީ މައްކަތްތަކެއް ކުރަމުންނެވެ.

comment ކޮމެންޓް