ހޮނިހިރު ދުވަހުގެ އިންތިޚާބުން އިދިކޮޅު އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް މިރޭ ބާއްވާ 'ހޭވައްލާ ތައްޔާރު' ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރައްވާ ބޭފުޅުން ވަޑައިނުގެން، ބޮއިކޮޓް ކުރައްވައިފިއެވެ.
މިރޭގެ ޖަލްސާގައި ނަޝީދު ވާހަކަފުޅުދެއްކެވުމަށް ފުރުސަތު ނުދެއްވުމުގެ ސަބަބުން، އެ ޕާޓީގެ އެތެރެ ވަނީ ހޫނުވެފައެވެ.
ކަން އެހެން އޮއްވައި، މިރޭގެ ޖަލްސާ ފެށުނު އިރު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި، އެމްޑީޕީގެ ވަގުތީ ޗެއާޕާސަން، ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާގެ މެދުގައި ހުރީ ހުސް ގޮނޑިއެކެވެ. ނަމަވެސް ޖަލްސާ ފަށައި ކުޑައިރުކޮޅެއް ތެރޭ، އެ ގޮނޑި ވަނީ ނަގައިފައެވެ.
އެމަނިކުފާނުގެ ނުރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ވެސް ވިދާޅުވީ މިރެއަކީ އުފާވެރި ރެއަކަށް ވިޔަސް، އެމަނިކުފާނު ހިތްދަތިވެފައިވާ ކަމަށެވެ.
'ސަން' އަށް އެނގިފައިވާ ގޮތުގައި އެ ޖަލްސާގެ އެޖެންޑާ އެންމެ ފުރަތަމަ ހެދިއިރު އޮތީ ރައީސް ނަޝީދާއި، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙުގެ އިތުރުން އިންތިޚާބުގައި ގޮނޑި ދިފާއުކުރެއްވި އެ ޕާޓީއަށް ނިސްބަތްވާ ފަސް މޭޔަރުން އަދި އެމްޑީޕީގެ ވަގުތީ ޗެއާޕާސަން، ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވެސް ވާހަކަދައްކަވާ ގޮތަށެވެ.
ނަމަވެސް ކުއްލި ގޮތަކަށް އެޖެންޑާ ބަދަލުކުރިއިރު ރައީސް ނަޝީދާއި ރައީސް ޞާލިޙުގެ ވާހަކަފުޅުދެއްކެވުން އޮތީ އެޖެންޑާއިން ވަކިކޮށްފައިކަން ވަނީ އެނގިފައެވެ. އޭގެ ބަދަލުގައި މިހާރު އެޖެންޑާގައި އޮތީ ފަސް މޭޔަރުންނާއި، ޣަފޫރުގެ އިތުރުން ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވާހަކަދައްކަވާ ގޮތަށެވެ.
އެއާއެކު، ނަޝީދަށް ވެސް ނާންގަވައި އެ ބަދަލު ގެނައުމުން ޕާޓީގެ އެތެރެ ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ.
އަދި ނަޝީދަށް ތާއީދުކުރައްވާ ވަރަށް ގިނަ ބޭފުޅުން މިރޭގެ ޖަލްސާއަށް ނުދާނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވެސް ދަނީ އެ ވާހަކަދައްކަވަމުންނެވެ.