ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުން ލިބުނު ކާމިޔާބީއާ ގުޅިގެން އެމްޑީޕީން މިރޭ ބާއްވާ އުފާފާޅުކުރުމުގެ ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅުދެއްކެވުމަށް ފުރުސަތު ނުދެއްވުމުގެ ސަބަބުން، އެ ޕާޓީގެ އެތެރެ ހޫނުވެއްޖެއެވެ.
'ސަން' އަށް އެނގިފައިވާ ގޮތުގައި އެ ޖަލްސާގެ އެޖެންޑާ އެންމެ ފުރަތަމަ ހެދިއިރު އޮތީ ރައީސް ނަޝީދާއި، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙުގެ އިތުރުން އިންތިޚާބުގައި ގޮނޑި ދިފާއުކުރެއްވި އެ ޕާޓީއަށް ނިސްބަތްވާ ފަސް މޭޔަރުން އަދި އެމްޑީޕީގެ ވަގުތީ ޗެއާޕާސަން، ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވެސް ވާހަކަދައްކަވާ ގޮތަށެވެ.
ނަމަވެސް ކުއްލި ގޮތަކަށް އެޖެންޑާ ބަދަލުކުރިއިރު ރައީސް ނަޝީދާއި ރައީސް ޞާލިޙުގެ ވާހަކަފުޅުދެއްކެވުން އޮތީ އެޖެންޑާއިން ވަކިކޮށްފައިކަން ވަނީ އެނގިފައެވެ. އޭގެ ބަދަލުގައި މިހާރު އެޖެންޑާގައި އޮތީ ފަސް މޭޔަރުންނާއި، ޣަފޫރުގެ އިތުރުން ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވާހަކަދައްކަވާ ގޮތަށެވެ.
އެއާއެކު، ނަޝީދަށް ވެސް ނާންގަވައި އެ ބަދަލު ގެނައުމުން ޕާޓީގެ އެތެރެ ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ.
އަދި ނަޝީދަށް ތާއީދުކުރައްވާ ވަރަށް ގިނަ ބޭފުޅުން މިރޭގެ ޖަލްސާއަށް ނުދާނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވެސް ދަނީ އެ ވާހަކަދައްކަވަމުންނެވެ.
އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕަށް ފޮނުވި މެސެޖެއްގައި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވީ އިއްޔެ ގުޅައި، މިރޭ ޖަލްސާގައި ވާހަކަ ދައްކަން އެދުމުން ސްޕީޗް ވެސް ތައްޔާރުކުރި ފަހުން އޭނާއާއި ރައީސް ނަޝީދަށް ފުރުސަތު ނުދޭން ނިންމިކަން އެނގުނު ކަމަށެވެ.
ޗެއާ އަރިހު އިއްޔެ ވެސް ދެންނެވިން އަޅުގަނޑަށް ފުރުސަތު ދިނުމުން މައްސަލަ ޖެހޭނެ ނޫންހޭ. ވިދާޅުވީ ތިމަންނާގެ ނިންމުމޭ. އައި ވިލް ޑިސައިޑް. ކޮންމެޔަކަސް ޕާޓީގެ އެކުވެރިކަން ވަރުގަދަ ކުރުމަށް އަޅުގަޑަށް ފުރުސަތު ނުދެއްވި ނަމަވެސް ރައީސް ނަޝީދަށް ދިނުން ކުރިމަގަށް މުހިންމު ކަމަށް ފެނޭ. ކާމިޔާބު ޖަލްސާއަކަށް އެދެން، ފައްޔާޒު އިސްމާއިލް
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުގައި ރާއްޖޭގެ ފަސް ސިޓީގެ މޭޔަރުކަމަށް ސަރުކާރުގެ ކެންޑިޑޭޓުންނާ ވާދަ ކުރައްވައި, އެމްޑީޕީގެ މޭޔަރުން ވަނީ ދިފާއު ކުރައްވައިފައެވެ. އަދި ސިޓީތަކުގެ ގިނަ ގޮނޑިތަކާއި އެ ސިޓީތަކުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސް ކަމާއި ގިނަ ގޮނޑިތައް ވެސް ކާމިޔާބު ކުރީ އިދިކޮޅު އެމްޑީޕީންނެވެ.
މިއީ ސަރުކާރަށް ލިބުނު ބޮޑު ނާކާމިޔާބީއަކަށް ވިއިރު، ސިޔާސީ ގޮތުން "މަރުވަމުން" ދިޔަ އެމްޑީޕީއަށް ލިބުނު ބޮޑު ހިތްވަރެކެވެ.
ދެހާސްތޭވީސް ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުން އެމްޑީޕީއަށް ލިބުނު ބޮޑު ނާކާމިޔާބީއަށް ފަހު، މަޖިލިސް އިންތިޚާބުގައި ވެސް އެމްޑީޕީއަށް ލިބުނީ ވަރަށް މަދު ގޮނޑިއެކެވެ. ރިޔާސީ އިންތިޚާބުގައި އެމްޑީޕީން ނާކާމިޔާބުވާން މެދުވެރިވި އެންމެ ބޮޑު ސަބަބަކީ ވެސް ޕާޓީ ދެބައިވުމެވެ.
ޕާޓީގެ ތެރޭ ޚިޔާލުތަފާތުވުން ބޮޑުވެ، ނަޝީދާއި ޞާލިޙަށް ތާއިދުކުރި ދެ ފެކްޝަނެއް އުފެދުނެވެ. އެންމެ ފަހުން ނަޝީދާއި އެމަނިކުފާނަށް ވަފާތެރި އެންމެން ޕާޓީ ދޫކޮށް ދިޔައީއެވެ. އެފަހުން އެމްޑީޕީ ވަނީ ވަރަށް ބޮޑަށް ބައިބައިވެފައެވެ.
ނަމަވެސް ޕާޓީ ދޫކޮށް ދިޔަ ހުރިހާ މެންބަރުންނާއި ނަޝީދު އެނބުރި ޕާޓީއާ ގުޅިވަޑައިގަތް ފަހުން އައި ފުރަތަމަ އިންތިޚާބުގައި އެމްޑީޕީއަށް މިވަނީ އަލުން އެ ޕާޓީ ދިރުވޭނެ ފަދަ ކާމިޔާބީއެއް ލިބިފައެވެ.