ފެބްރުއަރީ 8 ގައި އައްޑޫގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ތިން ކުއްޖެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ

8 ފެބްރުއަރީ 2012 ވަނަ ދުވަހު ހިތަދޫ ޕޮލިސް އެކަމޮޑޭޝަން ގައި ހުޅުޖަހާފައި --- ސަން ފައިލް ފޮޓޯ

ފެބްރުއަރީ އަށް ވަނަ ދުވަހު އައްޑޫ ސިޓީގައި ހިނގައި ދިޔަ ހަމަނުޖެހުންތަކާ ގުޅިގެން ތިން ކުއްޖެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި އެެވެ.

ޖުވެނައިލް ކޯޓުގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ ހަމަނުޖެހުންތަކާ ގުޅިގެން ތިން ކުއްޖެއްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެ ކޯޓަށް ފޮނުވާފައިވީ ނަމަވެސް މިއަދު ކުރިއަށް ގެންގޮސްފައި ވަނީ ދެ ކުދިންގެ ޝަރީއަތް ކަމަށެވެ.

އޮފިޝަލް ވިދާޅުވީ އެ ދެ ކުދިންގެ ތެރެއިން އެއްކުއްޖެެއްގެ މައްޗަށް ދައުވާ ކޮށްފައި ވަނީ ފެބްރުއަރީ އަށް ވަނަ ދުވަހުގެ އިރުއޮއްސި 6:00 އެހާކަންހާ އިރު ސ. ގަމަށް އެރުމަށް ދާން އޮންނަ ކޯޒުވޭ މަތީގައި ސަފަކަށް އެތުރިގެން ތިބި ސިފައިންނާއި ފުލުހުންނަށް އެ ކުއްޖާ ހަމަލާދީފައިވާ ކަމަށް ތުހުމަތު ކުރެވޭތީ ކަމަށެވެ.
އަނެއްކުއްޖާގެ މައްޗަށް ދައުވާ ކޮށްފައި ވަނީ ފެބްރުއަރީ އަށް ވަނަ ދުވަހުގެ އިރުއޮއްސި 6:00 އެހާކަންހާ އިރު ސ. ގަމަށް އެރުމަށް ދާން އޮންނަ ކޯޒުވޭ މަތީގައި ސަފަކަށް އެތުރިގެން ތިބި ސިފައިންނާއި ފުލުހުންނަށް އެ ކުއްޖާ ހަމަލާދީފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އާއި ހަމަ އެވަގުތު ގަމު ޕޮލިސް ސްޓޭޝަންގެ އިމާރާތަށާއި މުދަލަށް އެ ކުއްޖާ ގެއްލުންދީފައިވާ ކަމަށް ތުހުމަތު ކުރެވޭތީ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އެ ދެ ކުދިންގެ މައްޗަށް ދައުވާ އިއްވުމަށް ފަހު ވަކީލަކު އައްޔަން ކުރުމަށް ފަހު ދައުވާ އަށް ޖަވާބުދާރީ ވުމަށް ފުރުސަތު ދީފައިވާ ކަމަށެވެ. އަދި ދައުވާ ލިބޭ އަނެއް ކުއްޖާގެ ޝަރީއަތް މިއަދު ކުރިއަށް ނުގެންދެވުނީ އެކުއްޖާ ކޯޓަށް ހާޒިރު ނުކުރެވޭތީ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ކޯޓަށް ހާޒިރު ނުކުރެވޭ ކުއްޖާގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކޮށްފައި ވަނީ ވެސް ފެބްރުއަރީ އަށް ވަނަ ދުވަހުގެ އިރުއޮއްސި 6:00 އެހާކަންހާއިރު ސ. ގަމަށް އެރުމަށް ދާން އޮންނަ ކޯޒުވޭ މަތީގައި ސަފަކަށް އެތުރިގެން ތިބި ސިފައިންނާއި ފުލުހުންނަށް އެ ކުއްޖާ ހަމަލާދީފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އާއި ހަމައެވަގުތު ގަމު ޕޮލިސް ސްޓޭޝަންގެ އިމާރާތަށާއި މުދަލަށް އެ ކުއްޖާ ގެއްލުންދީފައިވާ ކަމަށް ތުހުމަތު ކުރެވޭތީ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އެ ތިން ކުދިންގެ މައްޗަށް ވެސް ދައުވާ ކޮށްފައި ވަނީ ރާއްޖޭގައި ޓެރަރިޒަމް މަނާކުރުމާ ބެހޭ ގާނޫނުގެ ދެވަނަ މާއްދާގެ (ޅ) އާއި (ކ) އާއި ހަވާލާދީ އެ ގާނޫނުގެ ހަވަނަ މާއްދާގެ (ށ) ދަށުންނެވެ.

އެގާނޫނުގައި ބުނާ ގޮތުން އެފަދަ ކުށެއް ސާބިތުވެއްޖެ މީހެއްގެ އަދަބަކީ 10 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ އަރުވާލުމެވެ.

comment ކޮމެންޓް