ދުނިޔެއާ އެއްގޮތް 45 ޕްލެނެޓެއް، ފަހުގެ ދިރާސާއަކުން ފެނިފައިވާ ކަމަށް ސައިންސްވެރިން ބުނެފިއެވެ.
އަހަރެމެންގެ އިރުގެ ނިޒާމުން ބޭރުގައި އެތައް ހާސް ޕްލެނެޓެއް (ގުރަހައެއް) ވާކަން ސައިންސްވެރިންނަށް މީގެ ކުރިންވެސް އެނގެއެވެ. ނަމަވެސް، އެ ތަންތަނަކީ ދިރިއުޅުން ދެމެހެއްޓޭނެ ފަދަ މާހައުލެއް އޮތް ތަންތަންތޯ ދެނެގަތުމަކީ މިހާތަނަށް އޮތް ބޮޑު ގޮންޖެހުމެކެވެ.
ކޯނެލް ޔުނިވަސިޓީގެ ކާލް ސޭގަން އިންސްޓިޓިއުޓްގެ ޕްރޮފެސަރު ލީސާ ކަލްޓެނެގާ އިސްކޮށް ހުންނަވައިގެން ކުރެއްވި އާ ދިރާސާއަކުން މިވަނީ ދުނިޔެއާ އެއްގޮތް، ހިލައިގެ ބިންގަނޑު އެކުލެވޭ 45 ޕްލެނެޓެއް ފާހަގަކޮށްފައެވެ.
މި ހޯދުމަށްޓަކައި ސައިންސްވެރިން ވަނީ އިރުގެ ނިޒާމުން ބޭރުގައިވާ 6،000 އަށްވުރެ ގިނަ ޕްލެނެޓްތަކުގެ މަޢުލޫމާތު ދިރާސާކޮށްފައެވެ. މި ދިރާސާގައި ބޭނުންކޮށްފައި ވަނީ އީއެސްއޭ ގެ "ގާޔާ" މިޝަން އަދި ނާސާގެ "އެކްޒޯޕްލެނެޓް އާކައިވް" ގެ މަޢުލޫމާތެވެ.
ސައިންސްވެރިން މައިގަނޑު ގޮތެއްގައި ބަލާފައިވަނީ އެ ޕްލެނެޓަކަށް އެ ތަރިއަކުން ލިބޭ ހަކަތައިގެ މިންވަރަށެވެ. މިއީ އެ ތަނެއްގެ ބިމުގެ ފަށަލައިގައި ފެން ދައުރުވުމަށް ނުވަތަ ލިކުއިޑް ވޯޓާ ހުރުމަށް ކޮންމެހެން ބޭނުންވާ ކަމެކެވެ.
މި ދިރާސާއިން ދެއްކި ގޮތުގައި، ދިރިއުޅެވިދާނެ ފަދަ މާހައުލެއް (ހެބިޓެބަލް ޒޯން) އޮތް 45 ޕްލެނެޓެއް ފެނިފައިވާއިރު، އޭގެ ތެރެއިން 24 ޕްލެނެޓަކީ ވަރަށް ބޮޑަށް ދުނިޔެއާ އެއްގޮތް ކަންތައްތަކެއް ހުރި ތަންތަނެވެ.
ފާހަގަކޮށްލެވޭ ބައެއް ޕްލެނެޓްތަކުގެ ތެރޭގައި 40 އަލި އަހަރު ދުރުގައިވާ "ޓްރެޕިސްޓް-1" ނިޒާމުގެ ޕްލެނެޓްތައް ހިމެނެއެވެ.
މި ދިރާސާގައި ބައިވެރިވި ގިލިސް ލޯރީ ފާހަގަކުރެއްވި ގޮތުގައި، "ޓްރެޕިސްޓް-1 އީ" އަދި "ޓީ.އޯ.އައި-715 ބީ" އަކީ ދިރިއުޅެވިދާނެ ފަދަ މާހައުލެއް އޮތް ކަމަށް ބެލެވޭ މުހިންމު ދެ ޕްލެނެޓެވެ.
މީގެ އިތުރުން "ޕްރޮކްސިމާ ސެންޗޫރީ ބީ" އާއި "އެލް.އެޗް.އެސް 1140 ބީ" އަކީވެސް މި ލިސްޓުގައި ހިމެނޭ ތަންތަނެވެ.
މިހާރު ސައިންސްވެރިން ގެންދަނީ ޖޭމްސް ވެބް ޓެލެސްކޯޕާއި އެހެނިހެން ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން މި ޕްލެނެޓްތަކުގެ މާހައުލު އިތުރަށް ތަހުލީލު ކުރަމުންނެވެ.
ދިރިއުޅެވޭ ފަދަ މާހައުލެއް އޮތުމަކީ އެތަނެއްގައި ދިރޭ އެއްޗެއް އުޅޭކަމުގެ ޔަގީންކަމެއް ނޫން ނަމަވެސް، މިއީ މިފަދަ ހޯދުންތަކަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ.