ބޯޓުތެރެއަށް ފަސް މީހުން ހޭނެތުނީ ދުމުގެ އަސަރުކޮށްގެން: ފުލުހުން

އެމްއެންޑީއެފްގެ ލޯންޗަކާއި ސަޕްލައި ދޯންޏެއް: ފުލުހުން ބުނީ، ފަސް މީހުން މީހުން ހޭނެތިފައިވަނީ ދުމުގެ އަސަރުކޮށްގެން ކަމަށް -- ފޮޓޯ: އެމްއެންޑީއެފް

މާލޭ ނޯތު ހާބަރުގައި އޮތް ބޯޓެއްގެ ތެރޭގައި ޖަނެރޭޓަރެއް ހިންގާފައި ހުރުމުގެ ސަބަބުން ބޭރުވި ދުމުގެ އަސަރުކޮށްގެން ފަސް މީހަކު ވަނީ ހޭނެތިފައެވެ. މި ހާދިސާގައި ޚަބަރު ހުސްވެފައިވަނީ ދިވެއްސަކާއި ހަތަރު ބިދޭސީންނެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މި މީހުންނަށް އައިޖީއެމްއެޗުގައި އަންނަނީ ފަރުވާދެމުންނެވެ. އަދި މިހާރު އެ މީހުންގެ ހާލު އަންނަނީ ރަނގަޅުވަމުންނެވެ. ބަންދުކޮށްފައިވާ ތަންތަނުގައި ވިހަ ގޭސް ބޭރުވާ ތަކެތި ބޭނުންނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

  • މާލޭ ނޯތު ހާބަރުގައި އޮތް ބޯޓެއްގައި ފަސް މީހަކު ހޭނެތުން
  • ހޭނެތިފައިވަނީ ބަންދުކޮށްފައިވާ ތަނެއްގައި ޖަނެރޭޓަރެއް ހިންގުމުން ބޭރުވި ދުމުގެ ސަބަބުން
  • އަނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ އެއް ދިވެއްސަކާއި ހަތަރު ބިދޭސީން
  • އައިޖީއެމްއެޗުގައި ފަރުވާދެމުންދާއިރު އެންމެންގެ ހާލުވެސް އަންނަނީ ރަނގަޅުވަމުން

މާލޭ ނޯތު ހާބަރުގައި އޮތް ބޯޓެއްތެރޭ ޚަބަރު ހުސްވެފައި ފަސް ފިރިހެނަކު އޮތް އިރު، އެ މީހުން ހޭނެތިފައިވަނީ ދުމުގެ އަސަރުކޮށްގެން ކަމަށް، ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ކުރިން ބުނީ، މާލޭ ނޯތު ހާބަރުގައި އޮތް ބޯޓެއްގައި ތިބި ބަޔަކު ހާލު ދެރަވެ، ޚަބަރު ހުސްވެފައިވާ ކަމުގެ ރިޕޯޓު ލިބުނީ މިއަދުގެ ހެނދުނު 06:35 ހާއިރު ކަމަށެވެ.

ޚަބަރު ހުސްވެފައިވަނިކޮށް ފެނިފައިވަނީ ފަސް ފިރިހެނުންނެވެ. ދިވެއްސަކާއި ހަތަރު ބިދޭސީއެކެވެ. އެ އެންމެންނަށްވެސް އައިޖީއެމްއެޗުގައި އަންނަނީ ފަރުވާދެމުންނެވެ.

https://sun.mv/220114

އައިޖީއެމްއެޗާ ހަވާލާދީ ފުލުހުން ބުނީ، މި ހާދިސާގައި ހާލު ދެރަވި މީހުންގެ ހާލު އަންނަނީ ރަނގަޅުވަމުން ކަމަށެވެ.

މި ހާދިސާއާ ގުޅޭގޮތުން ފުލުހުންގެ ތަހުގީގަށް މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، ހާދިސާ ހިނގަން މެދުވެރިވިކަމަށް ބެލެވެނީ ބަންދުކޮށްފައިވާ ތަނެއްގައި ޖަނެރޭޓަރެއް ހިންގާފައި ހުއްޓައި، އޭގެން ބޭރުވި ދުމުގެ އަސަރު އެތަނުގައި ނިދައިފައި ތިބި މީހުންނަށް ކުރުމުގެ ސަބަބުން ކަމަށް، ފުލުހުން ބުންޏެވެ.

ފުލުހުން ވަނީ، މިފަދަ ހާދިސާތަކުން ރައްކާތެރިވުމަށްޓަކައި، ނިދުމަށް ނުވަތަ އަރާމުކުރުމަށް ބޭނުންކުރާ ބަންދު ތަންތަނުގައި ޖަނަރޭޓަރު ފަދަ ވިހަ ގޭސް ބޭރުވާ ތަކެތި ބޭނުންނުކުރުމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް