ބަނގުރާ ޓައްޕަކާއި 38،000 އަށްވުރެ ގިނަ ރުފިޔާއާއެކު ހައްޔަރުކުރި 3 ބިދޭސީން ޑީޕޯޓުކުރަނީ

ބަނގުރާ ޓައްޕަކާއި 38،000 އަށްވުރެ ގިނަ ރުފިޔާއާއެކު ހައްޔަރުކުރި 3 ބިދޭސީން: އެ މީހުން ޑީޕޯޓުކުރަނީ -- ފޮޓޯ/ ފުލުހުން

ބަނގުރާ ޓައްޕަކާއި، 38،000 އަށްވުރެ ގިނަ ދިވެހި ރުފިޔާއާއި 1،100 އަށްވުރެ ގިނަ ޑޮލަރާއެކު ހައްޔަރުކުރި ތިން ބިދޭސީން ޑީޕޯޓުކުރަން ނިންމައިފިއެވެ.

މި މައްސަލަ އާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ:

  • މަހޭސް އިންދިރާޖިތް ސިލްވަ (42އ)
  • ކަލްޔަނި އެޑިރިސިންގިހި އައްޕުހަމިލަގެ (48އ)
  • މަންޖުލަ ކުމަރަ ރަތްނަޔަކެ މުޑިޔަންސެ (50އ)

މި ތިން މީހުންނަކީ ވެސް ސްރީލަންކާއަށް ނިސްބަތްވާ މީހުންނެވެ.

ފުލުހުން ބުނި ގޮތުގައި މި ތިން މީހުން ހައްޔަރުކޮށްފައި ވަނީ މި މަހު އިއްޔެ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަންގައި މާލޭގެ ގެއެއް ބަލައި ފާސްކުރުމަށް ފަހެވެ. އަދި އެ ގެ ބަލައި ފާސްކުރިއިރު ބަނގުރާކަމަށް ބެލެވޭ އެއްޗެއް ހުރި 500 އެމްއެލްގެ 24 ފުޅިއާއި، ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި ޓައްޕެއް ވެސް ވަނީ ފެނިފައެވެ.

މީގެ އިތުރުން، 38،000 އަށްވުރެ ގިނަ ދިވެހި ރުފިޔާއާއި 1،100 އަށްވުރެ ގިނަ ޔޫއެސް ޑޮލަރު ފެނިފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތުދިނެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ތިން މީހުންގެ އިޖުރާއަތްތައް ފުރިހަމަކުރުމަށް ފަހު، ޑީޕޯޓުކުރުމަށް މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް