ހަނދަށް ދަތުރުކުރަމުންދާ ނާސާގެ "އާޓެމިސް 2" މިޝަންގައި ބޭނުންކުރާ އޮރަޔަން ސްޕޭސްކްރާފްޓްގެ އެތެރެއިން ނަގާފައިވާ ފުރަތަމަ ފޮޓޯތައް ނާސާއިން އާންމުކޮށްފިއެވެ.
މި އުޅަނދުގައި ހަތަރު އެސްޓްރޮނޯޓުން ވަނީ ހަނދުގެ ވަށައިގެން ދަތުރުކުރުމަށް މިސްރާބު ޖަހާފައެވެ.
ހުކުރު ދުވަހު އާންމުކުރި ފޮޓޯއެއް ނަގާފައި ވަނީ މިޝަންގެ ކޮމާންޑަރު ރީޑް ވައިސްމަންއެވެ. އުޅަނދުގެ ކުޑަދޮރުން ނަގާފައިވާ ދުނިޔޭގެ މި ފޮޓޯއިން ވިލާތައް ވަރަށް ރީތިކޮށް ފެންނަން ހުރެއެވެ. އަދި އާންމުކުރި އެހެން ފޮޓޯއަކުން ދުނިޔޭގެ ކަނޑުތަކާއި، ވިދަމުންދާ ފެހި ކުލައިގެ އޯރޯރާއެއް ވެސް ފެނެއެވެ.
ހުކުރު ދުވަހުގެ ހެނދުނާ ހަމައަށް ކްރޫއިން ތިބީ ދުނިޔެއާ 100،000 މޭލު (160،000 ކިލޯމީޓަރު) ދުރުގައެވެ. ބާރު ސްޕީޑުގައި ހަނދާ ދިމާއަށް ދަތުރުކުރަމުންދާއިރު، ހަނދާ ހަމައަށް ފޯރުމަށް ބާކީ އޮތީ 160،000 މޭލު (258،000 ކިލޯމީޓަރު) އެވެ. އެމީހުންނަށް ހަނދާ ހަމައަށް ފޯރާނެކަމަށް ލަފާކުރެވެނީ ހޯމަ ދުވަހުއެވެ.
އެމެރިކާގެ ތިން އެސްޓްރޮނޯޓުންނާއި ކެނެޑާގެ އެސްޓްރޮނޯޓެއް ހިމެނޭ މި ޓީމު، އޮރަޔަން ކެޕްސޫލްގައި ދަތުރުކުރާނީ ހަނދަށް ތިރިކުރުމެއް ނެތިއެވެ. އޭގެ ބަދަލުގައި އެމީހުން ހަނދުގެ ވަށައިގެން ބުރެއް ޖެހުމަށްފަހު އެނބުރި އަންނާނީ ދުނިޔެއަށެވެ.
މި ދަތުރުގައި ބައިވެރިވާ، ހަނދުގެ ވަށައިގެން ދަތުރުކުރާ ފުރަތަމަ އަންހެން އެސްޓްރޮނޯޓް ކަމަށްވާ ކްރިސްޓީނާ ކޯކް ބުނިގޮތުގައި، ދުނިޔެ މިހާ ފުރިހަމަކޮށް ފެނުމުން އޭނާ ހުރީ ވަރަށް ބޮޑަށް ހައިރާންވެފައެވެ. އަދި ހަނދު ވެސް ހަމަ މިގޮތަށް ފެންނާނެތީ އެކަމަށް ވަރަށް ބޮޑަށް އިންތިޒާރުކުރާ ކަމަށް އޭނާ ބުންޏެވެ.

ނާސާގެ އެސްޓްރޮނޯޓް ރީޑް ވައިޒްމަން ނަގާފައިވާ މި ފޮޓޯއިން ފެންނަނީ އޮރިއަން ސްޕޭސް ކްރާފްޓްގެ ބިއްލޫރިގަނޑުން ފެންނަ ބެކްލައިޓް ބިމެއްގެ މަންޒަރު ---
ދިހަ ދުވަހުގެ މި ދަތުރުގެ ތިންވަނަ ދުވަސް ގުނަމުންދާއިރު، ހަނދު ކައިރިން އުޅަނދު ދަތުރުކުރާނީ ދަތުރުގެ ހަވަނަ ދުވަހުއެވެ. އޭރު ހަނދުގެ ސަތަހައާއި އުޅަނދާ ދެމެދު ހުންނާނީ 4،000 އާއި 6،000 މޭލުގެ ދުރުމިނެކެވެ. މިއީ ވޭތުވެދިޔަ 50 އަހަރަށްވުރެ ގިނަ ދުވަހުގެ ތެރޭގައި އިންސާނުން ޖައްވުގެ މިހާ ފުންމިނަށް (ޑީޕް ސްޕޭސްއަށް) ކުރާ ފުރަތަމަ ދަތުރެވެ.
ހަނދު ވަށައިގެން ބުރެއް ޖެހުމަށްފަހު، ހަނދުގެ ގްރެވިޓީގެ އެހީގައި މި އުޅަނދު އެނބުރި ދުނިޔެއަށް އައިސް ޕެސިފިކް ކަނޑަށް (ސެން ޑިއޭގޯގެ އައްސޭރިފަށާ ދިމާލަށް) ވެއްޓޭނީ އޭޕްރީލް މަހުގެ 11 ވަނަ ދުވަހުއެވެ.
މި މިޝަންއަކީ ހަމައެކަނި ސައިންސާއި ޓެކްނޮލޮޖީގެ ކުރިއެރުމެއް ނޫނެވެ. މިއީ އިންސާނިއްޔަތަށް ވެސް ލިބުނު ފުން އިބުރަތެކެވެ.
ލޯ-އާތު އޯބިޓުން ބޭރަށް ދަތުރު ކުރާ ފުރަތަމަ ކަޅު ނަސްލުގެ އެސްޓްރޮނޯޓް ވިކްޓާ ގްލޯވާ ބުނީ، ޖައްވުގެ ތެރެއިން ދުނިޔެ ފެނުމަކީ އިންސާނުންގެ އެއްބައިވަންތަކަން ހަނދާންކޮށްދޭ ކަމެއް ކަމަށެވެ. އަދި އިންސާނުންގެ މެދުގައި ހުރި ތަފާތުތައް އެއްފަރާތްކޮށް ގުޅިގެން މަސައްކަތްކޮށްފިނަމަ ބޮޑެތި ކާމިޔާބީތައް ހާސިލުކުރެވޭނެކަން މި ދަތުރުން ސާބިތުކޮށްދޭކަން އޭނާ ފާހަގަކުރިއެވެ.