ނިކޮންގެ މުބާރާތަކުން އެއްވަނަ ލިބުނީ އޭއައިއިން ހެދި ވީޑިއޯއަކަށްކަން އެނގުމުން، ވަނަ އަތުލައިފި

ސައިންސްވެރިން ފާހަގަކުރި ގޮތުގައި ވީޑިއޯއިން ފެންނަ ސެލްތަކާއި އިސްތަށިތަކުގެ ބައްޓަމާއި ހަރަކާތްތަކަކީ ޕީސީޑީ ބަލިޖެހިފައިވާ މީހުންގެ ހުންނަފަދަ ހަޤީޤީ ސިފަތަކެއް ނޫން ---

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އުފައްދާފައިވާ ވީޑިއޯއަކަށް މައިކްރޯސްކޯޕިކް މުބާރާތަކުން ލިބުނު އެއްވަނަ, އަނބުރާ އަތުލައިފިއެވެ.

އޮޕްޓިކްސް އަދި އިމޭޖިން އުފެއްދުންތަކަށް މުޅި ދުނިޔޭގައި ވެސް އެންމެ މަޝްހޫރު މަލްޓިނޭޝަނަލް އެއް ކުންފުނި ކަމަށްވާ ޖަޕާނުގެ ނިކޮން ކުންފުނިން އިންތިޒާމްކުރި "ނިކޮން ސްމޯލް ވާލްޑް އިން މޯޝަން" މުބާރާތުން އެއްވަނަ ހޯދި މި ވީޑިއޯ ޑިސްކޮލިފައިކުރަން ނިންމީ ޖެނެރޭޓިވް އޭއައި ބޭނުންކުރުމާ ގުޅޭގޮތުން މުބާރާތުގެ ގަވާއިދުތަކާ ޚިލާފުވެފައިވާތީ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

މި މުބާރާތުން އެއްވަނަ ހޯދާފައިވަނީ ޗައިނާގެ ސިންގހުއާ ޔުނިވަސިޓީގެ ޑރ. ނިންގް ޝޫ ހުށަހެޅުއްވި ކުރު ވީޑިއޯއެކެވެ. އެ ވީޑިއޯއިން ފެންނަނީ ނޭވާލާ ނިޒާމުގެ ބައްޔެއް ކަމަށްވާ ޕީސީޑީ ޖެހިފައިވާ ކުއްޖެއްގެ ނޭވާލާ ނިޒާމުގެ ކުދި އިސްތަށިތަކެއްފަދަ "ސިލިއާ" ހަރަކާތްތެރިވާ ގޮތެވެ.

ނިކޮންއިން ބުނި ގޮތުގައި މި ނިންމުމަކީ އެ ހުށަހެޅުން ހުށަހެޅި ފަރާތުގެ ފަންނީ ގާބިލުކަމާ މެދު ނިންމި ނިންމުމެއް ނޫނެވެ. މި ވީޑިއޯއަކީ ހަގީގީ ވީޑިއޯއެއް ނޫން ކަމަށް ބުނެ ސައިންސްވެރިންނާއި މުބާރާތުގެ ކުރީގެ ޖަޖުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ސައިންސްވެރިން ފާހަގަކުރި ގޮތުގައި ވީޑިއޯއިން ފެންނަ ސެލްތަކާއި ސިލިއާގެ ބައްޓަމާއި ހަރަކާތްތަކަކީ ޕީސީޑީ ބަލިޖެހިފައިވާ މީހުންގެ ހުންނަފަދަ ހަގީގީ ސިފަތަކެއް ނޫނެވެ.

މި މައްސަލައާ ގުޅިގެން ޑރ. ނިންގް ޝޫ ވިދާޅުވީ އޭއައި ބޭނުންކުރެވުނުކަމަށް ގަބޫލުކުރައްވާ ކަމަށާއި، ނަމަވެސް އަމަލުކުރެވުނީ މުބާރާތުގެ ގަވާއިދުގެ ތެރެއިން ކަމަށް ގަބޫލުކުރެއްވި ކަމަށެވެ. އަދި ނިކޮންއިން ކުރިއަށްގެންދިޔަ ތަޙުގީގަށް އެހީތެރިކަން ދެއްވާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ވޭތުވެދިޔަ 15 އަހަރު ވަންދެން ބާއްވަމުން އަންނަ މި މުބާރާތުގެ ޖަޖުންގެ މެންބަރުންނާއެކު އަލުން މުރާޖަޢާކުރުމަށްފަހު، ކުރިއަށް އޮތް ތަނުގައި މުބާރާތުގެ ގަވާއިދުތަކާއި އުޞޫލުތަކަށް ބަދަލުތަކެއް ގެނައުމަށް ނިކޮންއިން ވަނީ ނިންމާފައެވެ.

ޖަޕާނަށް ނިސްބަތްވާ ނިކޮންއަކީ ކެމެރާއާއި އޮޕްޓިކަލް ނިޒާމުތައް އުފެއްދުމުގައި ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އަދި ތާރީޚީ ގޮތުން އެންމެ އިތުބާރު ބޮޑު އެއް ކުންފުންޏެވެ.

comment ކޮމެންޓް