އިތުރު ދަރަންޏެއް ނުނަގައި ސަރުކާރުން ސުކޫކް ބޮންޑު އެއްކޮށް ދައްކައި ޚަލާސްކުރުމަކީ ވަރަށް ބޮޑު ހިތްވަރެއް ލިބޭ ކަމެއް ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ، އައު ދަރަންޏެއް ނުނަގައި، ދައުލަތުން ދައްކަންޖެހޭ ބޮޑު ދަރަންޏެއް މިގޮތަށް ދެއްކުމަކީ އިޤްތިޞާދީ ގޮތުން ލިބުނު ކުރިއެރުމެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ.
ދިވެހި ސަރުކާރުން މިއަދު ވަނީ، ނިމިދިޔަ ސަރުކާރުގައި 2021 ވަނަ އަހަރު ދޫކުރި ސުކޫކަށް ދައްކަންޖެހޭ 525 މިލިއަން ޑޮލަރުގެ ބޮޑު ދަރަނި އެއްކޮށް ދައްކައި ޚަލާސްކޮށްފައިވާކަން އިއުލާންކޮށްފައެވެ.
މާލީ ވުޒާރާއިން ހާމަކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، ސަރުކާރުން ދައްކާފައިވަނީ ޖުމްލަ 524.68 މިލިއަން އެމެރިކާ ޑޮލަރެވެ. މިއީ ދިވެހި ފައިސާއިން ބަލާނަމަ ގާތްގަނޑަކަށް އަށް ބިލިއަން ރުފިޔާއެވެ. މި ފައިސާގެ ތެރޭގައި ސުކޫކުގެ އަސްލު އަގު ކަމަށްވާ 500 މިލިއަން ޑޮލަރާއި، އިންޓްރަސްޓް ނުވަތަ ކޫޕަން ޕޭމަންޓްގެ ގޮތުގައި ދައްކަންޖެހޭ 24.68 މިލިއަން ޑޮލަރު ހިމެނެއެވެ.
މި ބޮޑު ދަރަނި ދެއްކުމަށް ބޭނުންކޮށްފައިވަނީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އާއި ދައުލަތުގެ ރިޒާވެވެ. މިއީ ރާއްޖޭގެ މާލީ އިތުބާރު ބައިނަލްއަޤްވާމީ މާކެޓުގައި ދެމެހެއްޓުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި މާލީ މާހިރުން ސިފަކުރާކަމަށް މާލީ ވުޒާރާއިން ބުނެއެވެ.
މާލީ ވުޒާރާއިން ފާހަގަކުރި ގޮތުގައި، މި ދަރަނި އަދާކުރުމާއެކު އުފެއްދުންތެރިކަމުގެ ނިސްބަތުން ދައުލަތުގެ ދަރަނި ހުރި މިންވަރު ދަށްވެގެންދާނެއެވެ. އަދި މީގެ ސަބަބުން ކުރިއަށް އޮތް މެދު ރާސްތާގައި ރާއްޖޭގެ މާލީ ދާއިރާ އިތުރަށް ވަރުގަދަވެ، އިޤްތިޞާދީ ހަމަޖެހުން ގާއިމުވެގެންދާނެ ކަމަށްވެސް އެ ވުޒާރާއިން ލަފާކުރެއެވެ.