އިންޑޮނޭޝިއާއަށް ބާރުގަދަ ބިންހެލުމެއް، ތިން ގައުމަކަށް ސުނާމީގެ އިންޒާރު

އިންޑޮނޭޝިއާގެ މޮލޫކާ ކަނޑުގެ ސަރަހައްދަށް މިއަދު ފަތިހު އައި ބިންހެލުމުގައި ލިބުނު ގެއްލުން. ފޮޓޯ/އޭޕީ

އިންޑޮނޭޝިއާގެ އުތުރު މޮލޫކާ ކަނޑުގެ ސަރަހައްދަށް 7.4 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އައިސްފިއެވެ. މި ބިންހެލުން އައިސްފައިވަނީ ކަނޑުގެ 35 ކިލޯމީޓަރު އަޑިއަށެވެ. އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން މައުލޫމާތު ދޭ ގޮތުގައި މި ބިންހެލުމާ ގުޅިގެން އިންޑޮނޭޝިއާ، ފިލިޕީންސް އަދި މެލޭޝިއާގެ އައްސޭރިފަށުގެ ސަރަހައްދުތަކަށް ސުނާމީގެ ރާޅު އަރާފާނެ ކަމުގެ އިންޒާރު ވަނީ ދީފައެވެ. ނަމަވެސް މިކަމުގެ ސަބަބުން ދިވެހިރާއްޖެއަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށް ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ކަށަވަރުކޮށްދީފައެވެ.

  • އިންޑޮނޭޝިއާގެ އުތުރު މޮލޫކާ ކަނޑަށް 7.4 މެގްނިޓިއުޑްގެ ބިންހެލުމެއް އަތުވެއްޖެ.
  • މި ބިންހެލުމާ ގުޅިގެން 1000 ކިލޯމީޓަރުގެ ސަރަހައްދަކަށް ސުނާމީގެ އިންޒާރު ނެރެފި.
  • އިންޑޮނޭޝިއާ، ފިލިޕީންސް އަދި މެލޭޝިއާއަށް ސުނާމީގެ އަސަރު ކުރާނެ ކަމަށް ލަފާކުރޭ.
  • މި ބިންހެލުމުގެ ސަބަބުން ދިވެހިރާއްޖެއަށް އެއްވެސް ނުރައްކަލެއް ނެތް.

އިންޑޮނޭޝިއާގެ އުތުރު މޮލޫކާ ކަނޑުގެ ސަރަހައްދަށް 7.4 މެގްނިޓިއުޑްގެ ގެ ބާރުގަދަ ބިންހެލުމެއް އައިސްފައިވާ ކަމަށް އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ބުނެފިއެވެ.

ޔޫއެސްޖީއެސްގެ އެސެސްމަންޓުން ދައްކާ ގޮތުގައި ބިންހެލުން އައިސްފައި ކަނޑުގެ 35 ކިލޯމީޓަރު އަޑިއަށެވެ. އެއީ ބިންހެލުން އައި އިންޑޮނޭޝިއާގެ ޓާނަޓޭގެ ހުޅަނގު އުތުރުން 127 ކިލޯމީޓަރު (79 މޭލު) ދުރެވެ.

އެ ބިންހެލުން 5865 ކިލޯމީޓަރު ދުރަށް ކަމަށާއި ރާއްޖެއަށް ސީދާ ނުރައްކަލެއް ނެތް ކަމަށް ރާއްޖޭގެ މެޓް އޮފީހުން ވަނީ ބުނެފައެވެ.

ޔޫއެސްޖީއެސް އިން ވަނީ ބިންހެލުން އައި ތަނުން ފެށިގެން 1,000 ކިލޯމީޓަރު (621 މޭލު) ސަރަހައްދަކަށް ސުނާމީގެ ރާޅުތަކެއް އަރައިފާނެ ކަމަށް ބުނެ އިންޒާރު ދީފައެވެ.

އެހެންވެ އިންޑޮނޭޝިއާގެ އިތުރުން ފިލިޕީންސް އަދި މެލޭޝިއާގެ އައްސޭރިފަށު ސަރަހައްދުތަކަށް ސުނާމީގެ ރާޅު އަރާފާނެ ކަމަށް ޔޫއެސްޖީއެސް އިން ވަނީ އިންޒާރު ދީފައެވެ.

ޔޫއެސްޖީއެސް އިން ފަހުން ލަފާކޮށްފައިވާ ގޮތުގައި ގުއާމް، ޖަޕާން، މެލޭޝިއާ، ޕައުޕާ ނިއު ގިނީ ފިިލިޕީންސް އަދި ޓައިވާންގެ އައްސޭރި ފަށަފަށް 30 ސެންޓިމީޓަރަށްވުރެ އުސް ރާޅު އަރާނެއެވެ.

ޔޫއެސްޖީއެސް އިން ބުނީ ފުރަތަމަ ބިންހެލުން ރެކޯޑް ކުރެވިފައިވަނީ 7.8 ގެ ބާރުމިނުގައި އެ ސަރަހައްދުގެ ގަޑިން ހެނދުނު 6:48 (ރާއްޖޭގަޑިން ފަތިހު 3:48) ގައެވެ.

އިންޑޮނޭޝިއާއަކީ އާންމުކޮށް ބިންހެލުން އަންނަ ސަރަހައްދަކަށްވާއިރު، 2022 ވަނަ އަހަރު ހުޅަނގު ޖާވާގެ ސިއަންޖޫރް ސިޓީއަށް 5.6 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުމުގައި 602 މީހުން ވަނީ މަރުވެފައެވެ. މިއީ 2018 ވަނަ އަހަރު ސުލާވޭސީއަށް އައި ބިންހެލުމާއި ސުނާމީގައި 4،300 އަށް ވުރެ ގިނަ މީހުން މަރުވި ފަހުން އިންޑޮނޭޝިއާގައި އެންމެ ބާރުގަދަ ބިންހެލުމެވެ. މީގެ އިތުރުން 2024 ވަނަ އަހަރު އިންޑިއާ ކަނޑުގެ ސަރަހައްދަށް އައި ބާރުގަދަ ބިންހެލުމެއްގައި ސުނާމީއެއް އުފެދި އެތައް ގައުމަކުން 230،000 އަށް ވުރެ ގިނަ މީހުން މަރުވިއިރު، އޭގެ ތެރެއިން ގިނައީ އިންޑޮނޭޝިއާގެ އާޗޭ ޕްރޮވިންސްގެ މީހުންނެވެ.

comment ކޮމެންޓް