އިންޑޮނޭޝިއާގެ އިރުމަތީގައި އޮންނަ ފްލޯރެސްގެ އައްސޭރިފަށަށް މިއަދު 7.7 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އައިސް، ފަސް މީހުން މަރުވެއްޖެއެވެ.
އިންޑޮނޭޝިއާގެ ޖިއޯފިޒިކްސް އެޖެންސީ (ބީއެމްކޭޖީ) އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ފަތިހު 4:58 ގައި އައި މި ބިންހެލުން އުފެދިފައިވަނީ ބިމުގެ 15 ކިލޯމީޓަރު އަޑިންނެވެ. އަދި އޭގެ ފަހުން ވެސް ގިނަ ލޮޅުންތަކެއް ވަނީ އައިސްފައެވެ.
މަންޒަރު ދުށް މީހުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ބިންހެލުމުގެ ލޮޅުންތައް ގާތްގަނޑަކަށް އެއް މިނެޓަށް ދެމިގެންދިޔައެވެ.
އެ ބިންހެލުމާ ގުޅިގެން އެ ސަރަހައްދަށް ސުނާމީއެއް އަރައިފާނެ ކަމުގެ އިންޒާރު ނެރުނެވެ. އަދި އެ ގައުމުގެ ބައެއް ސަރަހައްދުތަކަށް އުދަ އަރައިފައިވާއިރު، ބިންހެލުން އައިތާ ތިން ގަޑިއިރު ފަހުން ސުނާމީގެ އިންޒާރު ވަނީ ބާތިލުކޮށްފައެވެ.

އިންޑޮނޭޝިއާއަށް އައި ބިންހެލުމުގައި ގެއްލުން ލިބުނު އިމާރާތެއް -- ފޮޓޯ/ އޭއެފްޕީ
އިންޑޮނޭޝިއާގެ ބައެއް ނޫސްތަކުގައިވާ ގޮތުން، ބިންހެލުމާ ގުޅިގެން ފަސް މީހަކު މަރުވީ އެ މީހުން ނިދައިފައި ތިއްބައި އިމާރާތެއްގެ ބައިތަކެއް ވެއްޓުމުންނެވެ.
އެ ބިންހެލުމާ ގުޅިގެން 2،000 އެއްހާ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވާއިރު، އިމާރާތްތައް ވެއްޓުމާ ގުޅިގެން އަނިޔާވި މީހުންނަށް ހޮސްޕިޓަލުތަކުގައި އަންނަނީ ފަރުވާ ދެމުންނެވެ.
އިންޑޮނޭޝިއާއަކީ ބިންހެލުންތަކާއި އަލިފާން ފަރުބަދަތައް ގޮވުމުގެ އެންމެ ގިނަ ހާދިސާތައް ހިނގާ ސަރަހައްދު ކަމަށްވާ، "ޕެސިފިކް ރިންގް އޮފް ފަޔާ" ގައި އޮންނަ ގައުމެކެވެ.