އިންޑޮނޭޝިއާގެ ސުމަތުރާއަށް ވެސް ބާރުގަދަ ބިންހެލުމެއް؛ ރާއްޖެއަށް ނުރައްކަލެއް ނެތް

އިންޑޮނޭޝިއާގެ ގެޔަކަށް ބިންހެލުމެއްގައި ގެއްލުން ލިބިފައި: ސުމަތުރާއަށް ވެސް ބާރުގަދަ ބިންހެލުމެއް އައިސްފައިވާއިރު، ރާއްޖެއަށް ނުރައްކަލެއް ނެތް ކަމަށް މެޓް އޮފީހުން ބުނޭ -- ފޮޓޯ/ އޭޕީ

އިންޑޮނޭޝިއާގެ ސުމަތުރާއަށް ވެސް ބާރުގަދަ ބިންހެލުމެއް އައިސްފައިވާއިރު، އޭގެ ސަބަބުން ރާއްޖެއަށް ނުރައްކަލެއް ނެތް ކަމަށް ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުން މިއަދު ބުނެފިއެވެ.

އިންޑޮނޭޝިއާއަށް މިއަދު ފަތިހު ވަނީ 7.6 މެގްނިޓިއުޑްގެ ވަރަށް ބާރުގަދަ ބިންހެލުމެއް އައިސްފައެވެ. އެ ބިންހެލުން އައީ ރާއްޖެއާ 5482 ކިލޯމީޓަރު ދުރުން، އެ ގައުމުގެ އެންޑެއަށެވެ. އެ ބިންހެލުމާ ގުޅިގެން އިންޑޮނޭޝިއާއަށް ސުނާމީގެ އިންޒާރު ވެސް ނެރުނެވެ.

އެެހެންނަމަވެސް އެ ބިންހެލުމުގެ ސަބަބުން އިންޑިއާ ކަނޑުގައި ސުނާމީއެއް ނުއުފެދޭނެ ކަމަށް މެޓް އޮފީހުން ވަނީ ހެނދުނު ބުނެފައެވެ.

އެއަށްފަހު، އިންޑޮނޭޝިއާގެ ސުމަތުރާއަށް މިއަދު ވަނީ އިތުރު ބިންހެލުމެއް އައިސްފައެވެ. އެއީ ރާއްޖެއާ 2،832 ކިލޯމީޓަރު ދުރު ސަރަހައްދަކަށެވެ.

މެޓް އޮފީހުން ވަނީ އެ ބިންހެލުމުގެ ސީދާ ނުރައްކާ ރާއްޖެއަށް ނުކުރާނެ ކަމަށް ބުނެފައެވެ.

ބޭރުގެ ނޫސްތަކުން އިންޑޮނޭޝިއާގެ ނޭޝަނަލް ޑިޒާސްޓާ މިޓިގޭޝަން އޭޖެންސީއާ ހަވާލާދީ ބުނެފައިވާ ގޮތުގައި، ފަތިހު އައި ބިންހެލުމުގައި އިންޑޮނޭޝިއާއިން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 38އަށް އަރައިފައެވެ. އަދި ދެ މީހަކަށް ސީރިއަސް އަނިޔާތައް ލިބި، 11 މީހަކަށް ކުދި އަނިޔާތައް ލިބިފައިވާ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

މީގެ އިތުރުން، 2،000އަށް ވުރެ ގިނަ މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައިވާ ކަމަށް ރިޕޯޓުތަކުގައިވެއެވެ.

https://sun.mv/226043

ފާހަގަކޮށްލެވޭ ގޮތުގައި، 2004 ވަނަ އަހަރު ރާއްޖެއަށް އެރި ނުރައްކާތެރި ސުނާމީ އުފެދުނީ ވެސް ސުމަތުރާ ކައިރިއަށް އައި ބިންހެލުމަކާއެކުގައެވެ.

އިންޑޮނޭޝިއާއަކީ ބިންހެލުންތަކާއި އަލިފާން ފަރުބަދަތައް ގޮވުމުގެ އެންމެ ގިނަ ހާދިސާތައް ހިނގާ ސަރަހައްދު ކަމަށްވާ، "ޕެސިފިކް ރިންގް އޮފް ފަޔާ" ގައި އޮންނަ ގައުމެކެވެ.

comment ކޮމެންޓް