އިންޑިއާއިން ރާއްޖެއަށް ރެކޯޑު އަދަދަކަށް މުދާ އެކްސްޕޯޓް ކުރުމުގެ ހުއްދަ ދީފި؛ ހަނޑޫ ފޯރުކޮށްދޭ މިންވަރު 77% އިތުރު

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި ރައީސް މުއިއްޒު: ޒަރޫރީ ތަކެތި ރާއްޖެއަށް އެކްސްޕޯޓް ކުރުމުގެ ހުއްދަ އިންޑިއާ ސަރުކާރުން ދީފި -- ފޮޓޯ/ ރައީސް އޮފީސް

ދިވެހި ސަރުކާރުގެ އެދުމުގެ މަތިން، އިންޑިއާ ސަރުކާރުން ވަނީ މިއަހަރާއި އަންނަ އަހަރަށް ބޭނުންވާ ރެކޯޑު އަދަދެއްގެ މުދާ ރާއްޖެއަށް އެކްސްޕޯޓްކުރުމުގެ ހުއްދަދީފައެވެ. މީގެ ތެރޭގައި ޒަރޫރީ ކާބޯތަކެއްޗާއި އިމާރާތްކުރުމަށް ބޭނުންވާ ތަކެތި ހިމެނޭއިރު، މިއީ 1981 ވަނަ އަހަރަށްފަހު ދިން އެންމެ ބޮޑު ކޯޓާއެވެ. ޚާއްސަކޮށް ހަނޑުލުގެ ކޯޓާ ވަނީ 77 އިންސައްތަ އިތުރުކޮށްފައެވެ. މިއީ އިންޑިއާގެ ނެއިބަހުޑް ފަސްޓް ސިޔާސަތުގެ ދަށުން ރާއްޖެއަށް ފޯރުކޮށްދޭ އެހީތެރިކަމެކެވެ. މީގެ އިތުރުން މާލީ އިދާރާތަކުން ޚަރަދު ކުޑަކުރުމަށް ލަފާދެމުންދާ މި ދަނޑިވަޅުގައި، އިންޑިއާއިން ވަނީ ރާއްޖޭގެ ދަރަނި ފަސްކޮށްދީ، ތެޔޮ އެތެރެކުރުމުގައިވެސް އެހީތެރިވުމަށް ތައްޔާރަށް އޮތްކަން ހާމަކޮށްފައެވެ.

  • އިންޑިއާއިން ރާއްޖެއަށް މުދާ އެކްސްޕޯޓްކުރާ މިންވަރު ރެކޯޑު އަދަދަކަށް އިތުރުކުރުން
  • ޒަރޫރީ ކާބޯތަކެއްޗާއި އިމާރާތްކުރާ ތަކެތި ހިމެނޭހެން 1981 ގެ ފަހުން ދިން އެންމެ ބޮޑު ކޯޓާ
  • ހަނޑޫ ފޯރުކޮށްދޭ މިންވަރު 77 އިންސައްތައަށް އިތުރުކުރުން
  • އިންޑިއާގެ ނެއިބަހުޑް ފަސްޓް ސިޔާސަތުގެ ދަށުން ދޭ އެއްބާރުލުން

އަންނަ އަހަރުގެ ނިޔަލަށް، އިންޑިއާއިން ރާއްޖެއަށް ރެކޯޑު އަދަދަކަށް މުދާ އެކްސްޕޯޓް ކުރުމުގެ ހުއްދަ އެ ގައުމުގެ ސަރުކާރުން ދީފިއެވެ.

އިންޑިއާ ހައި ކޮމިޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ދިވެހި ސަރުކާރުގެ އެދުމުގެ މަތިން، މިއަހަރާއި އަންނަ އަހަރަށް ބޭނުންވާ ޒަރޫރީ ކާބޯތަކެއްޗާއި އިމާރާތްކުރުމަށް ބޭނުންވާ ތަކެތި ރާއްޖެއަށް އެކްސްޕޯޓް ކުރުމުގެ ހުއްދަ އިންޑިއާ ސަރުކާރުން ދީފައިވާ ކަމަށެވެ. އެގޮތުން ހުއްދަ ދީފައިވާ ތަކެތީގެ ތެރޭގައި ކުކުޅުބިސް، އަލުވި، ފިޔާ، ހަނޑޫ، ގޯދަން ފުށް، ހަކުރު، މުގު، ހިލަ އަދި ހިލަވެލި ހިމެނޭ ކަމަށް ހައި ކޮމިޝަނުން ބުންޏެވެ.

އިންޑިއާ ހައި ކޮމިޝަނުން ބުނި ގޮތުގައި މިއީ ދެ ގައުމުގެ ދެމެދުގައި އޮންނަ ޚާއްސަ އެއްބަސްވުމެއްގެ ދަށުން، ދިވެހި ސަރުކާރުން ހުށަހެޅި މިންވަރަށް ބިނާކޮށް ދީފައިވާ ހުއްދައެކެވެ. އަދި މިއަހަރު ކަނޑައެޅިފައިވާ ކޯޓާގެ މިންވަރަކީ 1981 ވަނަ އަހަރު މި އިންތިޒާމު ހަމަޖެހުނު ފަހުން މިހާތަނަށް ދެވުނު އެންމެ މަތީ މިންވަރު ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.

ރާއްޖޭގެ އިމާރާތްކުރުމުގެ ސިނާއަތަށް ބޭނުންވާ މުހިންމު ތަކެތި ކަމަށްވާ ހިލައާއި ހިލަވެލީގެ އިތުރުން، މި އަހަރުގެ ހަނޑުލުގެ ކޯޓާ ވަނީ ކުރީ އަހަރާ އަޅާބަލާއިރު 77 އިންސައްތަ އިތުރުކޮށްދީފައި ކަމަށް ވެސް އިންޑިއާ ހައިކޮމިޝަނުން ބުންޏެވެ.

މީގެ ކުރީ އަހަރުތަކެކޭ ވެސް އެއްފަދައިން، މިއަހަރާއި އަންނަ އަހަރުގެ ތެރޭގައި މި ތަކެތި އެކްސްޕޯޓް ކުރުމުގައި އިންޑިއާއިން އަޅާ އެއްވެސް ހުރަހެއް ނުވަތަ މަނާކުރުމެއް ނުހިނގާނެ ކަމަށް ހައި ކޮމިޝަނުން ބުންޏެވެ. އަދި މިއީ އިންޑިއާގެ 'ނެއިބަހުޑް ފަސްޓް' ސިޔާސަތުގެ ދަށުން، ރާއްޖޭގެ އިންސާނީ ވަސީލަތްތަކާއި ތަރައްގީއަށް އެއްބާރުލުން ދިނުމަށް އިންޑިއާއިން ގެންގުޅޭ ދެމެހެއްޓެނިވި ސިޔާސަތުގެ ދަށުން ނިންމާފައިވާ ނިންމުމެއް ކަމަށް ވެސް އިންޑިއާ ހައި ކޮމިޝަނުން ވަނީ ބުނެފައެވެ.

އަވައްޓެރި އިންޑިއާއަކީ ރާއްޖެއަށް އެންމެ ބޮޑަށް އެހީ ފޯރުކޮށްދޭ ގައުމެވެ. ދިމާވާ ކޮންމެ ހާލަތްތެއްގައި ވެސް އެންމެ ފުރަތަމަ ރާއްޖެއަށް އެހީ ދޭ އެއް ގައުމެވެ.

https://sun.mv/219081

އިންޑިއާގެ އެހީގައި ރާއްޖޭގައި ބޮޑެތި އުމްރާނީ މަޝްރޫއުތައް ވެސް ހިންގައެވެ. އަދި ސިއްހީ، އިގްތިސޯދީ، ހަކަތަ ފަދަ އެކިއެކި ދާއިރާތަކުން ވެސް އިންޑިއާގެ އެހީ ރާއްޖެއަށް ލިބެއެވެ. ހަމައެއާއެކު އިންޑިއާއަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ އިތުރު ދަރަންޏެއް މިދިޔަ ސެޕްޓެމްބަރު މަހު ވެސް އެ ގައުމުން ވަނީ ފަސްކޮށްދީފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ މާކެޓުތަކަށް ބުރޫ އަރާފައިވާ މި ދަނޑިވަޅުގައި ރާއްޖެއަށް ތެޔޮ އެތެރެކުރުމަށް އިންޑިއާގެ އެހީއަށް ވެސް ދިވެހި ސަރުކާރުން އޮތީ އެދިފައެވެ.

ރާއްޖޭގެ އިގްތިސޯދީ ހާލަތާ މެދު ކަމާ ބެހޭ މާހިރުންނާއި، އެކިއެކި ފަރާތްތައް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ވަކިން ޚާއްސަކޮށް ވޯލްޑް ބޭންކް، އައިއެމްއެފް ފަދަ މާލީ އިދާރާތަކުން ވެސް ވަނީ ޚަރަދު ކުޑަ ކުރުމަށް ނަސޭހަތްތެރިވެފައެވެ.

comment ކޮމެންޓް