ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން އިމާރާތްކޮށްފައިވާ 4،000 ފުލެޓުގެ ކުއްޔަށް އެއްވެސް ލުޔެއް ދިނުމުގެ ވިސްނުމެއް ނެތް ކަމަށް އެ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް މިއަދު ވިދާޅުވެއްޖެއެވެ.
އެ ފުލެޓުތަކުގެ ހައްގުގައި ވަކާލާތުކުރާ ފަހި ޔޫނިއަން ޖަމިއްޔާއިން މިއަދު ވަނީ، ނިމިދިޔަ އެމްޑީޕީ ވެރިކަމުގައި ކަނޑައެޅި އަގަށް ކުލި ބަދަލުކޮށް، އެ ތަންތަނުން ނަގާ ޑައުންޕޭމަންޓު ކުޑަކޮށްދިނުމަށް ސަރުކާރަށް ގޮވާލާފައެވެ.
'ސަން'އިން މިއަދު ސުވާލުކުރުމުން ކުރު މެސެޖަކުން ހަމްދާން ވިދާޅުވީ، އެ ފުލެޓުތަކުގެ ކުއްޔަށް އިތުރު ލުޔެއް ދިނުމުގެ ވިސްނުމެއް ނެތް ކަމަށެވެ.

އެފްޑީސީން އަޅާ ފުލެޓުތައް: އެ ފުލެޓުތަކުގެ ކުލި ކުޑަކޮށް، އެހެން އެއްވެސް ލުޔެއް ދިނުމުގެ ވިސްނުމެއް ނެތްކަމަށް ހަމްދާން ވަނީ ވިދާޅުވެފައި -- ސަން ފޮޓޯ/ މާނިއު މުހައްމަދު
އެމްޑީޕީން ހިންގި ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން އިމާރާތްކުރި މި 4000 ފްލެޓްގެ ތެރޭގައި ހިމެނެނީ ދެ ކޮޓަރީގެ 1،250 ފްލެޓާއި ތިން ކޮޓަރީގެ 2،750 ފްލެޓެވެ.
ފާހަގަކުރެވޭ ގޮތުގައި، ނިމިދިޔަ ސަރުކާރުން 4000 ފްލެޓުގެ ކުލީގެ ގޮތުގައި ކަނޑައަޅާފައިވަނީ މެއިންޓަނަންސް ފީއާއެކު ދެ ކޮޓަރީގެ ފްލެޓަކަށް 6،000 ރުފިޔާ އަދި ތިން ކޮޓަރީގެ ފްލެޓަކަށް 8،000 ރުފިޔާއެވެ. ނަމަވެސް މިހާރުގެ ސަރުކާރުން އެއްބަސްވުން ހެދިއިރު، ދެ ކޮޓަރީގެ ފްލެޓެއްގެ ކުލި ވަނީ މެއިންޓަނަންސް ފީއާއެކު 7،000 ރުފިޔާއަށް ބޮޑުކޮށްފައެވެ. އަދި ތިން ކޮޓަރީގެ ފްލެޓެއްގެ ކުލި ވަނީ 10،000 ރުފިޔާއަށް ބޮޑުކޮށްފައެވެ.
އެހެންވެ، އެފްޑީސީން ކުއްޔަށް ދޭ އެޕާޓްމަންޓްތަކަށް ނަގަން ކަނޑައަޅާފައިވާ ޑައުންޕޭމަންޓް އުނިކޮށްދިނުމަށް ވެސް ފަހި ޔޫނިއަނުން ވަނީ އެދިފައެވެ. އަދި ދުނިޔެއަށް ދިމާވެފައިވާ އިގުތިސާދީ ދަތި ހާލަތަށް ރިއާޔަތްކޮށް، ފްލެޓްތަކަށް ދިރިއުޅުން ބަދަލުކުރުމަށް އާންމު ރައްޔިތުން ބޮޑު ހޭދައެއް ކުރަންޖެހޭތީ، މިހާރު ދީފައިވާ ތިން މަސްދުވަހުގެ ގްރޭސް ޕީރިއަޑް އިތުރު ހަ މަހަށް ނުވަތަ އެއް އަހަރަށް ފަސްކޮށްދިނުމަށް ވެސް ވަނީ ގޮވާލާފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ލޯކަލް ކައުންސިލް އިންތިޚާބު ބާއްވަން ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށް، ހިޔާ ފުލެޓުތަކުގެ ކުލި ދެ އަހަރަށް ކަނޑާލިކަން އެޗްޑީސީން ވަނީ އަންގައިފައެވެ. އަންނަ ހޮނިިހިރު ދުވަހު ބާއްވާ އެ އިންތިޚާބަށް ވާދަވެރިކަން ބޮޑުވެފައި ވަނިކޮށް އެފަދަ ލުޔެއް ދިނުމުން، މި ސަރުކާރަށް ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.