އާ އުސޫލެއް ކަނޑައަޅައި، ރާއްޖެއާއި ބޭރު ގައުމުތަކުގައި ކިޔަވާ ދަރިވަރުން ލޯނަށް އެދެން ހުޅުވާލައިފި

އެވިޑްކޮލެޖުގެ ދަސްވެނިވުމުގެ ރަސްމިއްޔާތެއްގެ ތެރެއިން: ރާއްޖެއާއި ރާއްޖޭން ބޭރުގައި، މަތީ ތައުލީމާއި ތަމްރީނު ހޯދަން ދޭ ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލައި، އެކަމާ ގުޅޭ އުސޫލު ވަނީ އާންމުކޮށްފަ --- ފޮޓޯ: މިހާރު

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މަތީ ތައުލީމާއި ތަމްރީނު ހޯދުމަށް ދޫކުރާ ސަރުކާރުގެ ލޯނު ސްކީމްގެ އާ އުސޫލު އާންމުކޮށް، ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި އުސޫލުގެ ދަށުން ޑިޕްލޮމާއިން ފެށިގެން ޕީއެޗްޑީއާ ހަމައަށް ކިޔެވުމަށް ލޯނު ދޫކުރުމަށް ހަމަޖެހިފައިވާއިރު، ރާއްޖެއާއި ރާއްޖޭން ބޭރުގެ ގައުމުތަކުގައި ކިޔެވުމަށްވެސް ފުރުސަތު ލިބޭނެއެވެ. އަދި ދަރިވަރުންނަށް އެޕްލިކޭޝަން ހުށަހެޅުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި، ކުރިން އޮންނަ ގިންތިތައް އުވާލައި، މުޅި އަހަރު ދުވަހު ލޯނަށް އެދެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

  • ޑިޕްލޮމާއިން ފެށިގެން ޕީއެޗްޑީ ފެންވަރަށް ކިޔެވުމަށް ލޯނު ދޫކުރުން
  • ޓޮޕްއަޕްއާ ނުލައި އެންމެ ގިނަވެގެން 2.5 މިލިއަން ރުފިޔާ ލިބުން
  • ކުރިން އޮތް ގިންތިތައް އުވާލައި، އެޕްލިކޭޝަން ހުށަހެޅުން ފަސޭހަކުރުން
  • މުޅި އަހަރު ދުވަހު އޮންލައިން ޕޯޓަލް މެދުވެރިކޮށް ލޯނަށް އެދެވޭނެ އިންތިޒާމު ހަމަޖެއްސުން

ރާއްޖެއާއި ރާއްޖޭން ބޭރުގައި، މަތީ ތައުލީމާއި ތަމްރީނު ހޯދަން ދޭ ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލައި، އެކަމާ ގުޅޭ އުސޫލު މިއަދު އާންމުކޮށްފިއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އާންމުކުރި އުސޫލުގައިވާގޮތުން، ސަރުކާރު ލޯނު ސްކީމްގެ ދަށުން ދަރިވަރުންނަށް ލޯނު ދޫކުރާނީ އެމްކިއުއޭ ގަބޫލުކުރާ ކޮލެޖުތަކާއި ޔުނިވާސިޓީތަކުގައި، ޑިޕްލޮމާއިން ޕީއެޗްޑީއާ ހަމައަށް މަތީ ތައުލީމާއި ތަމްރީނު ފުރިހަމަކުރުމަށެވެ. އޭގެ ތެރޭގައި ލައިސަންސް ބޭނުންވާ ޕްރޮގްރާމުތަކާއި މެޑިކަލް ސްޕެޝަލައިޒޭޝަން ފެލޯޝިޕް ޕްރޮގްރާމުތައް ހިމެނެއެވެ.

އުސޫލުގައިވާ ގޮތުން ފުރުސަތު ދެވޭނީ، ދަރިވަރުން ކިޔަވާ ކޯހުގެ އިންޓާންޝިޕެއް ފުރިހަމަކުރަން ޖެހިއްޖެނަމަ، އެ އިންޓާންޝިޕް އެއް އަހަރަށްވުރެ ދިގު ނުވާނަމައެވެ. އަދި ލޯނު ސްކީމްގެ ދަށުން އިންޓާންޝިޕަށް އެދޭނަމަ، އެކަމުގެ ތަފުސީލު ވެސް ހުށަހަޅަން ޖެހޭނެއެވެ.

މިނިސްޓްރީގެ އުސޫލުގައިވާ ގޮތުން، ލޯނުގެ ދަށުން ކިޔަވަން ފުރުސަތު ދެވޭނީ ރާއްޖޭގައެވެ. ނުވަތަ ރާއްޖެއާއެކު ޑިޕްލޮމަޓިކް ގުޅުން ގާއިމްކޮށްފައިވާ ގައުމުތަކުގެ ތެރެއިން ދަރިވަރުން ތިބުމަށް ރައްކާތެރިކަމަށް ކަނޑައަޅާ ގައުމުތަކުގައެވެ.

ލޯނުގެ ގޮތުގައި ހުރިހާ ޚަރަދެއް ދިނުމަށް ހަމަޖެހިފައިވާ ގައުމުތައް ފިޔަވައި އެހެން ގައުމެއްގައި ކިޔެވުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށް އުސޫލުގައިވެއެވެ. ނަމަވެސް އެފަދަ ގައުމެއްގައި ކިޔަވާނަމަ، އިތުރުވާ ފައިސާ އެ ދަރިވަރު ކިޔަވާ ކޮލެޖަކަށް ނުވަތަ ޔުނިވާސިޓީއަށް އެ ދަރިވަރަކު ދެއްކުމަށް ޒިންމާވާކަމަށް އިގުރާރުގައި ސޮއިކުރުމަށްފަހު، އެ ފައިސާ ދެއްކުމުގެ ގާބިލުކަން އަންގައިދޭ ލިޔެކިއުންތައް ހުށަހަޅަންޖެހޭނެކަން، އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

ގައުމީ ޔުނިވާސިޓީގެ ދަސްވެނިވުމުގެ ހަފުލާއެއްގެ ތެރެއިން: ----- ފޮޓޯ/ އެމްއެންޔޫ

އެކަމަކު ދަރިވަރު ކިޔަވަން ނަގާ ލޯނު އެހެން ގައުމެއްގައި ކިޔެވުމަށް ބަދަލެއް ނުކުރެވޭނެ ކަމަށާއި، ނަމަވެސް، ރާއްޖޭގެ ކޮލެޖަކުން ނުވަތަ ޔުނިވާސިޓީއަކުން ދަރިވަރު ކިޔަވާ ކޯސް ހުއްޓާލައިފިނަމަ، ނުވަތަ ދަރިވަރަށް ރާއްޖޭގެ ކޮލެޖެއްގައި ކިޔަވަން ފުރުސަތު ނުލިބޭނަމަ، އެހެން ގައުމެއްގައި އެ ލޯނު ބޭނުންކުރެވޭނެ ކަމަށް އުސޫލުގައިވެއެވެ.

މިނިސްޓްރީގެ އުސޫލުގައިވަނީ، ދަރިވަރުން ލޯނަށް އެދި ހުށަހަޅާނީ ލޯނަށް ހުޅުވާލުމުން، މިނިސްޓްރީން އެކަމަށް ޓަކައި ތައްޔާރުކުރި އޮންލައިން ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.

އުސޫލުގައިވާ ގޮތުން ޓޮޕްއަޕްއާ ނުލާ އެންމެ ގިނައިން ލޯނުގެ ގޮތުގައި ދަރިވަރަކަށް ދޫކުރާނީ 2.5 މިލިއަން ރުފިޔާއެވެ.

އެއާއެކު، އެ އުސޫލުގައިވާ ގޮތުން، ސަރުކާރުން ދޭ ލޯނަށް ހޮވިފައިވާ ދަރިވަރަކު، އަމިއްލަ އިޚްތިޔާރުން ބޭރުގައި ކަމެއް ދިމާވުމުގެ ސަބަބުން އެ ދަރިވަރު ކޯސް ފުރިހަމަކުރަންޖެހޭ މުއްދަތުގައި ފުރިހަމަނުކުރެވިއްޖެ ނަމަ، ކޯސް ފުރިހަމަކުރުމަށް "ޓޮޕްއަޕް"ގެ ގޮތުގައި އިތުރު ފައިސާ ލިބޭނެގޮތް ހަމަޖައްސައިދޭނެކަމަށްވެއެވެ. އެގޮތުން އެންމެ ގިނައިން ދަރިވަރަކަށް އެއްފަހަރާ ދޫކުރެވޭނީ ޓޮޕްއަޕް ލޯނުގެ ގޮތުގައި ހަތްލައްކަ ރުފިޔާ ކަމަށް، އުސޫލުގައިވެއެވެ.

މި އުސޫލު އާންމުކޮށް ނެރުނު ބަޔާނުގައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ކުރީ އަހަރުތަކުގައި ލޯނަށް އެދި ހުށަހެޅުމަށް އޮންނަ، ދެ ގިންތި ކަމަށްވާ "އަލަށް ކިޔަވަން ފަށާ ދަރިވަރުން"ގެ ގިންތިއާއި "އޮންގޮއިން" ގިންތި މިއަހަރު ނޯންނާނެ ކަމަށެވެ. އެހެންކަމުން، ނުބައި ގިންތިއަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ސަބަބުން ދަރިވަރުންގެ އެޕްލިކޭޝަން ޑިސްކޮލިފައިވުން، ނިމުމަކަށް ގެނެވި، އެޕްލިކޭޝަން ހުށަހެޅުން ފަސޭހަވާނެކަމަށް މިނިސްޓްރީން ގަބޫލުކުރެއެވެ.

ފިނޭންސް މިނިސްޓްރީން އިއްޔެ އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން، ދަރިވަރުންގެ ލޯނު ސްކީމަށް ސަރުކާރުން ވަނީ މިދިޔަ މާރިޗު މަހުގެ 26ވަނަ ދުވަހުގެ ނިޔަލަށް 97.8 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. އެއީ މިއަހަރު ދަރިވަރުންގެ ލޯނަށް ޚަރަދުކުރަން ކަނޑައެޅި އަދަދު ކަމަށްވާ 776.6 މިލިއަން ރުފިޔާގެ 12.6 ޕަސެންޓެވެ.

އެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި، އެއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ދަރިވަރުންގެ ލޯނަށް ޚަރަދުކުރި ވަރަށް ވުރެ 40 މިލިއަން ރުފިޔާ މަދު އަދަދެކެވެ.

ފާހަގަކުރެވޭ ގޮތުގައި، އެހެން އަހަރުތަކާ ޚިލާފަށް މި އަހަރު ދަރިވަރުންގެ ލޯނަށް ހުޅުވާލާނީ މުޅި އަހަރު ހުށަހެޅޭ ގޮތަށް ކަމަށް، ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. ޢަލީ ހައިދަރު އަޙްމަދު، މިދިޔަ މާރިޗު މަހުގެ ކުރީކޮޅު ވިދާޅުވެފައިވެއެވެ.

comment ކޮމެންޓް