"އޭޕްރީލް ފޫލް" ނަމުގައި ވިޔަސް ދޮގު ނުހަދާށެވެ!

އޭޕްރީލް މަހުގެ ފުރަތަމަ ދުވަހަކީ އޭޕްރީލް ފޫލްގެ ނަމުގައި ގިނަ ބަޔަކު ދޮގުހަދައި މަކަރު ހަދާ ދުވަހެއް ކަމުގައި ވިޔަސް، އިސްލާމްދީނުގައި މަޖަލަކަށް ވިޔަސް ދޮގު ހެދުމަކީ ހުއްދަ ކަމެއް ނޫނެވެ. ކީރިތި ޤުރުއާނާއި ރަސޫލުﷲ صَلَّىٰ اللهُ عَلَيْهِ وَسَلَّم ގެ ސުންނަތުން ސާބިތުވާ ގޮތުގައި ތެދުވެރިވުމަކީ ކޮންމެ މުސްލިމެއްގެ ކިބައިގައި އަބަދުވެސް ހުންނަންޖެހޭނެ އަސާސީ ސިފައެކެވެ. މީހުން ހެއްވުމަށްޓަކައި ދޮގު ހަދާ މީހާއަށް ވަނީ ލަޢުނަތް ލައްވާފައެވެ. އިސްލާމްދީނުގައި ސަމާސާކުރުން ހުއްދަވެގެންވަނީ ތެދުވެރިކަމާއި އެހެން މީހުންނަށް އިހުތިރާމުކުރުމާއެކުގައެވެ.

  • އޭޕްރީލް ފޫލްގެ ނަމުގައި ދޮގު ހެދުމަކީ މުސްލިމުންނަށް ހުއްދަ ކަމެއް ނޫނެވެ.
  • މަޖަލަކަށް ނުވަތަ މީހުން ހެއްވުމަށް ވިޔަސް ދޮގު ހެދުމަކީ އިސްލާމްދީނުގައި ހަރާމް ކަމެކެވެ.
  • އިސްލާމްދީނުގައި ސަމާސާ ކުރުމަކީ މަނާކަމެއް ނޫނެވެ، ނަމަވެސް އެކަން ކުރަންވާނީ ތެދުވެރިކަމާ އެކުގައެވެ.
  • އެހެން ދުވަސްތަކެކޭ އެއްފަދައިން އޭޕްރީލް ފުރަތަމަ ދުވަހުގެ އަމަލުތަކާ މެދުވެސް ޤިޔާމަތް ދުވަހުން ސުވާލުކުރެވޭނެއެވެ.

އޭޕްރީލް މަހުގެ ފުރަތަމަ ދުވަހަކީ ދުނިޔޭގެ ކަންކޮޅުތަކުގައި، މީހުން ހެއްވާ އާޝޯޚުރުކުވަން ދޮގާއި މަކަރު ހަދައި އޮޅުވައިލުންތައް އޮޅުވައިލާ، އަދި މީހުންނަށް ލަނޑުދޭ ދުވަހެއްގެ ގޮތުގައި މި ވަނި އާންމުވެފައެވެ.

ކަމަކީ މާ ބޮޑު ގެއްލުމެއް އޮތް ކަމެއްގެ ގޮތުގައި ބަޔަކަށް ހީނުވިޔަސް، މުސްލިމުން ހުއްޓިލައިގެން މި ކަމާ ވިސްނައިލަން ވެއްޖެއެވެ. "މަޖަލަކަށް ވިޔަސް އަދި އެހެން ބޭނުމެއްގައި ވިޔަސް، ދޮގު ހަދަން ވާނެބާއެވެ؟" މި ސުވާލަށް ޖަވާބެއް ލިބޭތޯ ބަލައިލަން ހިނގާށެވެ.

އިސްލާމްދީނުގައި ވަނީ ދެތުވެރިކަމަށް ވަރަށް ބޮޑަށް ބާރުއަޅުއްވައިފައެވެ. އެއީ ހަމައެކަނި މުހިންމުކަމަށް ބެލޭވޭ ކަންކަމުގައި އެކަންޏެއް ނޫނެވެ. އެހެނެއްކަމަކު ﷲއަށް އީމާންވެގެން ހުންނަ މީހާ ދުލުން ބޭރުކުރާ ކޮންމެ ލަފުޒެއްގައި ވެސް ތެދުވެރިވުމަށް މި ދީން ބާރުއަޅުއްވައެވެ.

ތެދުވެރިކަން މަތީ ދެމި ހުރުމަށް ޓަކައި އަބަދުވެސް ދެތުވެރިންނާ އެކު އުޅުމަކީ ވަރަށް މުހިންމު ކަމެކެވެ. އެ ނަސޭހަތްދެއްވައި މާތް ﷲ ވަޙީކުރެއްވިއެވެ. ﴿يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَكُونُوا مَعَ الصَّادِقِينَ﴾‏ (التوبة: ١١٩)‏ މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲއަށް ތަޤުވާވެރި ވާށެވެ! އަދި ތެދުވެރިންނާ އެކުގައި، ތިޔަބައިމީހުން ވާށެވެ!" މި ނަސޭހަތުގައި މި ވަނީ ވަކި ވަގުތަކަށް އެކަނި ހިފަހައްޓަންވީ އަޚުލާޤެއްގެ ވާހަކައެއް ނޫނެވެ. ނޫން ނަމަ ބޭނުން އިރަކު ކޮށްފައި އަނެއްބައި އިރަކު ނުކޮށް ދޫކޮށްލަންވީ ކަމެއްގެ ވާހަކަ އެއްވެސް ނޫނެވެ. އެހެނަސް މިއީ އިސްލާމުންގެ ކިބައިގައި ހުންނަންވީ ޝަޚްސީ ސިފައެކެވެ.

ވަރަށް ގިނަ މީހުން ފަސޭހަ ދުލުން ބުނަނީ "އޭޕްރީލް ފޫލް" އެއީ މަޖާކޮށްލުމެކެވެ. ސަމާސާއެކެވެ. ތިމަންނާގެ ހިތުގައި ނުބައި ނިޔަތެއް ނެތެވެ. އެހެންނަސް އިސްލާމްދީނުގައި ނިޔަތާއި ޢަމަލު އެއީ ވަކި ދެ އެއްޗެއްގެ ގޮތުގައި ނުދެކެއެވެ. ޚާއްޞަކޮށް ނުބައި ޢަމަލަކުން ތިމާއަށް ގެއްލުންވާ ހިސާބަށް ދާއިރު އެއީ ނިޔަތް ނެތި ކުރާ ޢަމަލެއް ކަމުގައި ބެލެވޭނެތޯއެވެ؟ ސަމާސާއަކަށް ވެސް ދޮގެއް ނުހެދުމަށް އަންގަވައި އެ ކަމުގެ ގެއްލުން ބަޔާންކުރައްވައި ރަސޫލުﷲ صَلَّىٰ اللهُ عَلَيْهِ وَسَلَّم ޙަދީޘުކުރެއްވިއެވެ. «وَيْلٌ لِلَّذِي يُحَدِّثُ فَيَكْذِبُ لِيُضْحِكَ بِهِ القَوْمَ، وَيْلٌ لَهُ، وَيْلٌ لَهُ» (أبو داود: 4990) މާނައީ: "މީހުން ހެއްވުމަށް ޓަކައި ދޮގުހަދާ މީހާއަށް ލަޢުނަތް ހުށްޓެވެ."

އިސްލާމްދީނުގައި މަޖާކުރުން މަނައީކީ ނޫނެވެ. ޚުދު ރަސޫލުﷲ صَلَّىٰ اللهُ عَلَيْهِ وَسَلَّم ވެސް މަޖާކުރައްވައި ސަމާސާކުރެއްވިއެވެ. އެހެނަސް އެކަލޭގެފާނު ދުވަހަކު ވެސް އިތުރުފުޅެއް ނުހައްދަވައެވެ. ސަމާސާ ކުރެއްވީ ވެސް ތެދު ބަހުން ވާހަކަފުޅު ދައްކަވަމުންނެވެ. އެހެން މީހުންގެ އަބުރަށް ހުތުރުނުކޮށް އިޙުތިރާމާ އެކުއެވެ. ޙަރާމު ކަމެއް ހިމަނުއްވައިގެން ސަމާސާއެއް ނުކުރައްވައެވެ. މީގެން އެނގެނީ މަޖާކުރުމާއި ސަމާސާއަކީ ވެސް އިސްލާމްދީނުގައި އޮތް ކަމެއް ކަމެވެ. އެހެނަސް އެކަން އޮންނަން ވާނީ ތެދުވެރި ބަސްތަކާއި ރިވެތި އަޚުލާޤުގެ އިމުން ބޭރުނުވާ ގޮތުގައި ކަމެވެ.

އޭޕްރީލް މަހުގެ ފުރަތަމަ ދުވަހަކީ އެހެން އެއްވެސް ދުވަހަކާ ތަފާތު ދުވަހެއް ނޫނެވެ. އެއީ ވެސް މި ދުނިޔޭގެ ހަޔާތުގައި ގުނޭ ދުވަހެކެވެ. އެ ދުވަހުގެ ޢަމަލުތައް ވެސް ފަތުގައި ލިޔެވޭނެއެވެ. އެ ކަންކަމާ މެދު ޤިޔާމަތްދުވަހުން ސުވާލު ވެސް ވެވޭނެއެވެ. އެހެންކަމުން މަޖަލަކަށް ވިޔަސް ސަމާސާއަކަށް ވިޔަސް އޭޕްރީލް ފޫލޭ ކިޔައިގެން ވެސް ޤިޔާމަތްދުވަހުން ޖަވާބު ނުދެވޭނެވަރުގެ ގޯސްތައް ހަދައިގެން ނުވާނެއެވެ.

comment ކޮމެންޓް