ތިބާގެ ތިލަފަތް ބަރީ ކޮން ކޮޅަކަށްތަ؟

މި ލިޔުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވައިލައިފައިވަނީ އާޚިރަތްދުވަހު އިންސާނާގެ ޢަމަލުތައް ވަޒަންކުރެވޭނެ މީޒާނުގެ މައްޗަށެވެ. ދުނިޔޭގެ ޙަޔާތުގައި އިންސާނާ ކުރާ ކޮންމެ ކަމަކާއި ބުނާ ކޮންމެ ބަހެއް، އަދި ސިއްރާއި ފާޅުގައި ކުރާ ހުރިހާ ޢަމަލުތަކެއް ޤިޔާމަތްދުވަހު ޢަދުލުވެރިކަމާއެކު ކިރޭނެކަން ވަނީ ހަނދާންކޮށްދީފައެވެ. الله އީ ހިސާބުބެއްލެވުމުގައި އަވަސްވެވޮޑިގެންވާ އިލާހެވެ. ހެޔޮ ޢަމަލުގެ ތިލަފަތް ބަރުވެއްޖެ މީހާއަށް ސުވަރުގޭގެ ނިޢުމަތްތައް ލިބި، ދުނިޔޭގެ ހުރިހާ ހިތާމަތަކެއް މަތިން ހަނދާންނެތިގެންދާނެއެވެ. ނަމަވެސް ނުބައި ޢަމަލުތައް ގިނަވެ ތިލަފަތް ލުއިވެއްޖެނަމަ، އޭނާގެ ނިމުންވަނީ ނަރަކައިގެ ވޭންދެނިވި ޢަޒާބުގެ ތެރޭގައެވެ. އެހެންކަމުން ދުނިޔަވީ ވަގުތީ އުފާތަކަށް ހެއްލި ނުދިޔުމަށާއި، ޙަލާލު އަދި ޙަރާމް ވަކިކޮށް، ހެޔޮ ޢަމަލުތައް ގިނަކުރުމަށް މި ލިޔުމުގައި ނަސޭހަތްތެރިވެފައިވެއެވެ.

  • ޤިޔާމަތްދުވަހު އިންސާނާގެ ހުރިހާ ޢަމަލުތަކެއް ޢަދުލުވެރިކަމާއެކު ކިރޭނެއެވެ.
  • ހެޔޮ ޢަމަލުތަކުގެ ތިލަފަތް ބަރުވެއްޖެ މީހަކަށް ސުވަރުގޭގެ ދާއިމީ އުފާވެރިކަން ލިބޭނެއެވެ.
  • ނުބައި ޢަމަލުތައް ގިނަވެ ތިލަފަތް ލުއިވެއްޖެ މީހެއްގެ ނިމުން ވަނީ ނަރަކައިގައެވެ.
  • ދުނިޔޭގެ ވަގުތީ އުފާތަކަށް ނުހެއްލި ޙަލާލު ގޮތުގައި އުޅުމަށް ސަމާލުކަންދޭންޖެހެއެވެ.

މި ދުނިޔޭގައި އަޅުގަނޑުމެން އުޅޭއިރު އާޚިރަތާމެދު ވިސްނަނީ ކިތައް މީހުންބާއެވެ؟ އެ ދުވަހަކީ މި ދުނިޔޭގެ ހުރިހާ ކަމެއް ވަޒަންކުރެވޭނެ ދުވަހެވެ. ޢަމަލުތައް ތިލަފަތަށްލާ ކިރޭނެ ދުވަހެވެ. ތިބާގެ ތިލަފަތް ބަރުވާނީ ކޮންކޮޅަކަށްތޯ ބެލީ ކިތައްކިތައް މީހުންބާއެވެ؟

މި ދުނިޔޭގައި އަޅުގަނޑުމެން ކުރާ ކަންކަމުގެ މައްޗަށް ގެއްލުންވާތަން ފެންނަ އެއްވެސް ކަމެއް ނުކުރެއެވެ. ގެއްލުން ވާހެން ކަމެއް ކުރާތީ މީހަކަށް ފެނުނު ކަމުގައި ވިޔަސް، އެ ކަންކުރާ މީހާއަށް ފަހުން އޮތް ރަނގަޅެއް އެނގޭތީ އޭނާ ކުރާ ކަމެއް ކަން ބާލާ މީހާއަށް ނޭނގިދާނެއެވެ. އާޚިރަތުގެ ނިސްބަތުން ވެސް ދެކެންވީ މި ގޮތަށެވެ. އެ ދުވަހުން ދެރަވެދާނެ އެއްވެސް ކަމެއް ނުކުރަންވީއެވެ. އަދި ދުނިޔޭގައި ގެއްލުން ވެގެން ވެސް އާޚިރަތުގެ ކާމިޔާބު ހޯދަންވީއެވެ.

އިންސާނާގެ ޙަޔާތް ވޭތިކުރި ގޮތުގެ ނަތީޖާ ލިބޭ ދުވަހަކީ ޤިޔާމަތްދުވަހެވެ. އެ ދުވަހު މީސްތަކުންގެ ޢަމަލުތައް ބަލައި ހިސާބުކުރައްވާނެތެވެ. އެއީ މާތް ﷲއަށް ދާދި ފަސޭހަ ކަމެކެވެ. އެއީ ހިސާބުބެއްލެވުމުގައި އަވަސްވެވޮޑިގެންވާ އިލާހެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ‎﴿إِنَّ اللَّهَ سَرِيعُ الْحِسَابِ﴾ ‎(غافر: ١٧) މާނައީ: "ހަމަކަށަވަރުން ﷲއީ ހިސާބުބެއްލެވުން އަވަސްވެވޮޑިގެންވާ ރަސްކަލާނގެއެވެ."

އެ ދުވަހުގެ ޢަދުލުވެރި ތިލަފަތަކީ އެންމެ މުހިންމު ކަންތަކެވެ. މީޒާން ބެހެއްޓޭނެއެވެ. އިންސާނާގެ ޢަމަލުތައް އެ ތިލަފަތަށް ލެވޭނެއެވެ. އޭނާ ކުޅަ ހުރި ހާ ޢަމަލެކެވެ. އޭނާ ބުނި ހުރިހާ ބަހެކެވެ. އޭނާ އެ ކަންކަމެއްގައި ބައިވެރިވެ، ހިތްވަރުދީ އުޅުނު ކޮންމެ ކަމެވެ. ސިއްރާއި ފާޅުގައި ހޯދި ކޮންމެ އެއްޗަކާއި ކަމެއް ވެސް މީޒާނުގައި ކިރޭނެއެވެ.

އަޅުގަނޑުމެން ހަނދާންނެތި ގޮސްފައިވާ ކަންކަން ވެސް އިންސާފުގެ ކުރިމައްޗަށް އެދުވަހުން ގެނެވޭނެއެވެ. ނުބައި ޢަމަލުތަކާއި ހެޔޮ ޢަމަލުތަކެވެ. އެ މީޒާނުގައި ހެޔޮ ޢަމަލުގެ ފަޅި ބަރުވެއްޖެ މީހާއަށް އުފާވެރި ދިރިއުޅުމެއް ހުރިކަން ﷲވަނީ އަންގަވައިފައެވެ. ﴿فَأَمَّا مَن ثَقُلَتْ مَوَازِينُهُ ‎(٦)‏ فَهُوَ فِي عِيشَةٍ رَّاضِيَةٍ (٧)﴾‏ (القارعة) މާނައީ: "ފަހެ، އެ މީހެއްގެ (ހެޔޮ ކަންތަކުގެ) ތިލަފަތް ބަރުވެއްޖެ މީހާ ދަންނާށެވެ!(6) ފަހެ، އެ މީހާ ވާހުށީ، ރުހިގެންވާ ދިރިއުޅުމެއްގައެވެ. (އެބަހީ: ސުވަރުގޭގައެވެ.) (7)"

ހެޔޮކަމުގެ ގޮވަތީގައި ތިބޭ ހިނދު މި ދުނިޔޭގައި ލިބުނު ދެރަޔާއި ކުރި ހިތާމަތައް ހަނދާނަކު ނުހުންނާނެއެވެ. އެއިން އެއްވެސް ކަމީ އޭނާއަށް ދުވަހަކު ވެސް ކުރިމަތި ވި ކަންކަމޭ ހިތައް ވެސް ނާރާނެއެވެ. އެއީ ޙަޤީޤީ އުފަލާއި ފަގަތިކަން އޮތް ދިރިއުޅުމެވެ.

ދުނިޔޭގައި ކޮށްއުޅުނު ޢަމަލުތައް މިންކުރުމަށް މީޒާނަށް ލެވޭ ހިނދު ނުބައި ޢަމަލުގެ ފަޅި ބަރުވެއްޖެއްޔާ އެ މީހަކުގެ ހަލާކާ އޭނާއާ ކުރިމަތިލާނެއެވެ. އޭނާގެ ނިމުން ވަނީ ނަރަކައިގައެވެ. ‎﴿وَأَمَّا مَنْ خَفَّتْ مَوَازِينُهُ ‎(٨) فَأُمُّهُ هَاوِيَةٌ (٩)‏﴾‏ (القارعة) މާނައީ: "އަދި އެ މީހެއްގެ ތިލަފަތް ލުއިވެއްޖެ މީހާ ދަންނާށެވެ!(8) ފަހެ، އޭނާ އުޅޭނެ ތަނަކީ، ނަރަކައިގެ އަޑިއެވެ.(9)"

އެމީހަށް ދެވޭ ޚަބަރުގެ ބޮޑުކަމާއެވެ. ޤިޔާމަތުގެ ތިލަފަތުގައި ހެޔޮ ޢަމަލު ބަރުވުމާއި ނުބައި ޢަމަލު ބަރުވުމުގެ ތަފާތުގެ ބޮޑުކަމާއެވެ. އެ ކަން ދުނިޔޭގައި އެނގިތިބެމެ ހެޔޮ ޢަމަލު ގިނަކުރަން ނުއުޅެނީ ކީއްވެބާއެވެ؟ އެ ކަމާ ސިހުންނުވެ ތިބޭތިބެވުމުގެ ސުންޕާކަމާއެވެ. މިއީ އިންސާނާގެ ޣާފިލުކަމުގެ ބޮޑުކަމެވެ. ހިތްތަކުގައި ހިދާޔަތުގެ ނޫރު ފަނޑުވެ ޖަހާލަތުގެ އަނދިރިކަން ފެތުރި ނިމެނީއެވެ.

ލޮބުވެތި ކިޔުންތެރިންނޭވެ! އެއްވެސް ނަމެއްގައި އެއްވެސް ކަމެއްގައި އެންމެ މީހުން ތިބާ ހެއްލުންތެރިކުރިޔަ ނުދޭށެވެ. މީ ދުނިޔޭގެ ޒާނަތައި އަރާމު ނަހަމަ ގޮތުގައި ހޯދާ މީހުންގެ ދިރިއުޅުން ފެނި އާޝޯޚުނުވާށެވެ. ޙަލާލެއް ޙަރާމެއް ބެލުމެއްނެތި ލިބިގަންނަ މުދަލާ ފައިސާއަކީ ވެސް މީޒާނަށް ލައިގެން ކިރޭނެ ތަކެތި ކަމުގައި ދަންނާށެވެ. ތިބާގެ ތިލަފަތް ބަރީ ކޮންކޮޅަކަށް ތޯ ބަލައިގެން ދުނިޔޭގައ ދިރިއުޅޭށެވެ!

comment ކޮމެންޓް