އެއްބަސްވުމެއް ނެތަސް ދެތިން ހަފްތާ ތެރޭގައި ހަނގުރާމަ ނިންމާލާނަން: ޓްރަމްޕް

އެެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. އެމެރިކާއާއި އިސްރާއީލުން އީރާނުގައި ކުރާ ހަނގުރާމަ ވަރަށް އަވަހަށް ނިންމާލާނެ ކަމަށް ޓްރަމްޕް ވަނީ ވިދާުޅުވެފައި. ފޮޓޯ/އޭޕީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ، ސުލްހައިގެ އެއްބަސްވުމަކަށް ނާދެވުނު ކަމުގައި ވިޔަސް، އީރާނުގައި އެމެރިކާއާއި އިސްރާއީލުން ކުރިއަށްގެންދާ ހަނގުރާމަ ކުރިއަށް އޮތް ދެތިން ހަފްތާގެ ތެރޭގައި ނިންމާލާނެ ކަމަށެވެ. ޓްރަމްޕް ފާހަގަކުރެއްވި ގޮތުގައި، އީރާނަށް ނިއުކްލިއާ ހަތިޔާރު ލިބުން ހުއްޓުވުމުގެ މަގުސަދު މިހާރު ވަނީ ހާސިލުވެފައެވެ. އަދި މި ހަމަލާތަކުގެ ސަބަބުން އީރާނުގެ އަސްކަރީ ބާރު ވަރަށް ބޮޑަށް ބަލިކަށިވެފައިވާއިރު، އެ ގައުމު އަލުން ބިނާކުރުމަށް ފަނަރަވަރަކަށް ނުވަތަ ވިހި އަހަރު ނަގާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، ހޮރްމުޒް ކަނޑުއޮޅި ނުހުޅުވުނު ނަމަވެސް ހަނގުރާމަ ހުއްޓާލުމަށް ޓްރަމްޕް ބޭނުންފުޅުވާކަން ވަނީ ހާމަވެފައެވެ. ނަމަވެސް އީރާނުން ބުނެފައިވަނީ ހަނގުރާމަ ނިންމާނެ ވަގުތެއް ކަނޑައަޅާނީ އެމެރިކާއިން ނޫން ކަމަށާއި، ދެ ގައުމުގެ ދެމެދުގައި އެއްވެސް ރަސްމީ މަޝްވަރާއެއް ކުރިއަށް ނުދާ ކަމަށެވެ.

  • ސުލްހައިގެ އެއްބަސްވުމެއް ނެތަސް، ދެތިން ހަފްތާ ތެރޭގައި އީރާނުގެ ހަނގުރާމަ ނިންމާލާނެ ކަމަށް ޓްރަމްޕް ވިދާޅުވުން.
  • އީރާނަށް ނިއުކްލިއާ ހަތިޔާރު ލިބުން ހުއްޓުވުމުގެ މައިގަނޑު އަމާޒު ހާސިލުވެއްޖެ ކަމަށް އެމެރިކާއިން ގަބޫލުކުރުން.
  • ހޮރްމުޒް ކަނޑުއޮޅި ހުޅުވުމުގައި އެކުވެރި ގައުމުތަކުން އެހީނުވާތީ، އަމިއްލައަށް ތެޔޮ ހޯދުމަށް ޓްރަމްޕް އެ ގައުމުތަކަށް ގޮވާލެއްވުން.
  • އެމެރިކާއާއެކު އެއްވެސް މަޝްވަރާއެއް ނުކުރާ ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވުން.

އެމެރިކާއާއި އިސްރާއީލުން އީރާނަށް ދެމުންގެންދާ ހަމަލާތަކަށް މަހެއްވެފައިވާއިރު، އީރާނުގައި ކުރިއަށް ގެންދާ އަސްކަރީ އޮޕަރޭޝަން ދެތިން ހަފްތާ ތެރޭގައި ނިންމާލާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ހަނގުރާމަ ހުއްޓާލުމުގެ ސުލްހައިގެ އެއްބަސްވުމެއް އެކުލަވާލަން އެެމެރިކާއިން މަސައްކަތް ކުރަމުން އަންނައިރު، އެއްބަސްވުމަކަށް ނާދެވުނު ނަމަވެސް ހަނގުރާމަ ހުއްޓާލާނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕް އެގޮތަށް ވިދާޅުވީ ވައިޓް ހައުސްގައި, ގޭހުގެ އަގު ބޮޑުވުމާ ގުޅޭ ގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

"އަހަރެން ކުރަން އޮތް ކަމަކީ އީރާން ދޫކޮށް ދިއުން. އަދި ވަރަށް އަވަހަށް އެކަން ކުރާނަން. އަދި އެ މީހުން ވެއްޓިގެން ދާނެ." ޓްރަމްޕް ވިދާޅުވިއެވެެ.

"ވަރަށް އަވަހަށް އެކަން ނިންމާނަން. ފަހަރެއްގައި ދެ ހަފްތާ ތެރޭގައި."

ޓްރަމްޕް ވިދާޅުވީ އީރާނަށް ނިއުކްލިއާ ހަތިޔާރެއް ލިބުން ހުއްޓުވުމުގެ މަގުސަދު މިހާރު ވެސް ހާސިލްވެފައިވާ ކަމަށެވެ.

އަދި އެމެރިކާގެ ހަމަލާތަކުގެ ސަބަބުން އީރާނުގެ އަސްކަރީ ގާބިލްކަން ވަރަށް ބޮޑަށް ބަލިކަށިވެފައިވާ ކަމަށާއި އިރާން އަލުން ބިނާކުރަން 15 އަހަރާއި 20 އަހަރާއި ދެމެދުގެ މުއްދަތެއް ނަގާފާނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.

އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ "ފިނިޝް ލައިން" ވަރަށް އަވަހަށް އަންނާނެ ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯވެސް ވަނީ ވިދާޅުވެފައެވެ.

އީރާނުން ދަތުރުކުރުން ހުރަސް އަޅާފައި އޮތް ހޮރްމުޒް ކަނޑުއޮޅި ނުހުޅުވި ނަމަވެސް ޓްރަމްޕް ބޭނުންފުޅު ވަނީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކަމަށް ވޯލް ސްޓްރީޓް ޖާނަލްއިންވެސް އިއްޔެ ވަނީ ރިޕޯޓުކޮށްފައެވެ.

ހަނގުރާމަ ނިންމުމަކަށް ގެނައުމުގެ ވާހަކަ އެމެރިކާއިން ދެއްކި ނަމަވެސް ހަނގުރާމަ ނިންމާނީ އެެމެރިކާއަކުން ނޫން ކަމަށާއި އީރާނުން ކަމަށް އެ ގައުމުން މީގެކުރިން ވަނީ ބުނެފައެވެ.

އޭގެއިތުރުން އެމެރިކާގެ ބައެއް އެކުވެރި ގައުމުތަކުން ހޮރްމޮޒް ކަނޑުއޮޅި ހުޅުވުމަށް އަސްކަރީ އެހީތެރިކަން ދޭން ދެކޮޅު ހަދާފައިވާތީ، ޓްރަމްޕް ވަނީ އެ ގައުމުތަކުން އަމިއްލައަށް އެ ސަރަހައްދަށް ގޮސް ތެޔޮ ހޯދުމަށްވެސް ގޮވާލައްވާފައެވެ.

"އެމީހުންނަށް އަމިއްލައަށް ކަންކަން ބެލެހެއްޓޭނެ. އަހަރެންނަށް ހީވަނީ ވަރަށް ރައްކާތެރި ކަމެއްހެން، އަސްލު، އެކަމަކު އަހަރެމެންނަށް އެކަމާ އެއްވެސް ގުޅުމެއް ނެތް." ޓްރަމްޕް ވިދާޅުވިއެވެ.

ހަނގުރާމަ ނިމުމަކަަށް ގެންނާނެ ކަމަށް ޓްރަމްޕް ވިދާޅުވެފައިވާއިރު، ސީދާ އަދި ނުސީދާ މެސެޖްތައް ލިބުނު ނަމަވެސް އެމެރިކާއާ އެކު އެއްވެސް މަޝްވަރާއެއް ނުހިނގާ ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޢްޗީ ވަނީ ވިދާޅުވެފައެވެ.

އީރާނުން މަޝްވަރާތަކުގައި ބައިވެރިވެ، އެއްބަސްވުމަކަށް "އާދޭސް ކުރަމުން" ދާ ކަމަށް ޓްރަމްޕް މީގެކުރިން ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް