ހަނގުރާމައިގެ ސަބަބުން މަޝްރޫއުތަކަށް ދަތިތައް ދިމާވޭ، އަމާޒަކީ ޚަރަދު ކުޑަކޮށް ކުރިއަށްގެންދިޔުން: މުއްތަލިބު

ރައީސް ޑރ. މުހައްމަދު މުއިއްޒާއި ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު: މެދުއިރުމަތިގެ ހަމަނުޖެހުމުގެ ސަބަބުން މަޝްރޫއުތައް ކުރިއަށް ގެންދަން ދަތިތަކެއް އެބަ ހުރި ކަމަށް މިނިސްޓަރު ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، އިމާރާތްކުރުމުގެ ސާމާނު ލިބުމަށް ދަތިވުމުގެ ސަބަބުން ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް ވަނީ ހުރަސްތަކަކާ ކުރިމަތިވެފައެވެ. ޚާއްސަކޮށް ތެޔޮ ގިނައިން ބޭނުންކުރާ ބިން ހިއްކުމާއި ބަނދަރު ހެދުމުގެ މަޝްރޫއުތަކަށް މީގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވެއެވެ. ނަމަވެސް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ފާހަގަކުރެއްވި ގޮތުގައި ސަރުކާރުގެ އަމާޒަކީ މަޝްރޫއުތައް ހުއްޓާލުމުގެ ބަދަލުގައި، ޓައިމްލައިނަށް ބަދަލުގެނެސް ޚަރަދު ކުޑަކޮށް މަސައްކަތްތައް ކުރިއަށްގެންދިއުމެވެ. މީގެ އިތުރުން ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށާއި، އެސްޓީއޯ މެދުވެރިކޮށް މުދާ ލިބޭނެ މަގުފަހިކުރުމަށް ސަރުކާރުން އަންނަނީ ކެނޑިނޭޅި މަސައްކަތްކުރަމުންނެވެ.

  • މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ތެލުގެ އަގު ބޮޑުވެ މަޝްރޫއުތަކަށް ދަތިތަކެއް ކުރިމަތިވުން.
  • މަޝްރޫއުތައް ހުއްޓާލުމުގެ ބަދަލުގައި ޚަރަދު ކުޑަކޮށް ޓައިމްލައިންތަކަށް ބަދަލުގެނެސްގެން ކުރިއަށްގެންދިއުން.
  • ބިން ހިއްކުމާއި ބަނދަރު ހެދުން ފަދަ ތެޔޮ ގިނައިން ބޭނުންކުރާ މަސައްކަތްތަކަށް އެންމެ ބޮޑަށް އަސަރުކުރުން.
  • އަސާސީ ޚިދުމަތްތައް މެދުނުކެނޑި ދިނުމަށާއި އެސްޓީއޯ މެދުވެރިކޮށް ސާމާނު ލިބޭނެގޮތް ހަމަޖެއްސުމަށް އިސްކަންދިނުން.
  • މި އަހަރުގެ ބަޖެޓުގައި ކެޕިޓަލް އެކްސްޕެންޑިޗާއަށް 9.2 ބިލިއަން ރުފިޔާ ކަނޑައަޅާފައިވުން.

މެދުއިރުމަތީގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން، ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކަށް ދަތިތައް ކުރިމަތިވަމުން އަންނަ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއްތަލިބު ފާހަގަކުރެއްވި ގޮތުގައި، މިދިޔަ ފެބްރުވަރީ މަހުގެ 28ގައި ފެށި ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ދެގުނައަށް ބޮޑުވެފައެވެ. އެއާއެކު، އިމާރާތް ކުރުމަށް ބޭނުންވާ ތަކެތި ލިބުމުގައި ހުރި ދަތިތަކުގެ ސަބަބުން ބައެއް މަޝްރޫއުތަކަށާއި އިމާރާތް ކުރުމުގެ ދާއިރާއަށް ހުރަސްތަކެއް ކުރިމަތިވެފައިވާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ޚާއްސަކޮށް ގިނަ އަދަދަކަށް ތެޔޮ ބޭނުންކޮށްގެން ކުރިއަށްގެންދާ ބިން ހިއްކުމުގެ މަޝްރޫއުތަކާއި ބަނދަރު ހެދުމުގެ މަސައްކަތްތަކަށް އޭގެ އަސަރު ބޮޑަށް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މުއްތަލިބު ވިދާޅުވީ އެ ދަތިތަކާއެކު ވެސް ސަރުކާރުގެ އަމާޒަކީ މަޝްރޫއުތައް ހުއްޓާލުމުގެ ބަދަލުގައި، ވީހާވެސް ޚަރަދު ކުޑަވާނޭ ގޮތަކަށް ބަލައިގެން ކުރިއަށް ގެންދިއުން ކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ވީހާވެސް ޚަރަދު ކުޑަވާނޭ ގޮތަކަށް ޚަރަދުތަކަށް ބަަލައިގެން މަޝްރޫއުތައް ކުރިއަށް ގެންދިއުން،" މިނިސްޓަރު ވިދާޅުވިއެވެ.

ހައުސިން މިނިސްޓަރު ޑރ.އަބްދުﷲ މުއްތަލިބް ޕްރެސް ކޮންފަރެންސެއްގައި ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

އެގޮތުން މަޝްރޫއުތައް ކުރިއަށްގެންދާނެ ގޮތުގެ ޓައިމްލައިނަށް ބަދަލުތަކެއް ގެނެސްގެން ކުރިއަށް ގެންދިއުމަށް ސަރުކާރުން ރާވާފައިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މުއްތަލިބު އިތުރަށް ވިދާޅުވީ އިމާރާތްކުރުމަށް ބޭނުންވާ ސާމާނު އެސްޓީއޯއިން މެދުނުކެނޑި ލިބޭނެ މަގުފަހިކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ ރައްޔިތުންގެ އަސާސީ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ މަހުގެ ފަހުކޮޅު ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވަނީ، ހަނގުރާމައާ ގުޅިގެން ރާއްޖޭގެ އިގުތިސާދަށް ކުރާ ނޭދެވޭ އަސަރުތަކުގެ ސަބަބުން ސަރުކާރުން ޚަރަދު ކުޑަކުރަން މަޝްރޫއުތައް ދަންމާލުން ފަދަ ފިޔަވަޅު އަޅަން ވިސްނާފައި އޮތް ކަމަށް ވިދާޅުވެފައެވެ. އަދި، އެފަދަ ފިޔަވަޅުތަކާއެކު ވެސް، ދަރަނި ވެސް ނަގަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

https://sun.mv/219541

މި ސަރުކާރުން މި އަހަރަށް ކަނޑައެޅި ބަޖެޓުގައި ވަނީ، މަގުތަކާއި އެއާޕޯޓްތަކާއި ބަނދަރުތައް ތަރައްގީކުރުން ފަދަ މަސައްކަތްތަކަށް ކެޕިޓަލް އެކްސްޕެންޑިޗާގެ ގޮތުގައި 9.2 ބިލިއަން ރުފިޔާ ކަނޑައަޅައިފައެވެ.

ދައުލަތުން މި މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ކޮށްފައިވާ ޚަރަދުތަކާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި, މި އަހަރުގެ އެ މުއްދަތަށް ބަޖެޓުން ވަނީ 1.08 ބިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ.

comment ކޮމެންޓް