ކަނޑުއޮޅި ބަންދުކޮށްފައި އޮތުމުން ދުވާލަކު 13 މިލިއަން ފީފާ ތެލުގެ ގެއްލުންވޭ: އައިއީއޭ

އައިއީއޭގެ އެގްޒެކެޓިވް ޑިރެކްޓަރު ފާތިހު ބިރޯލް. ފޮޓޯ/ރޮއިޓާސް

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފައި އޮތުމުން ދުނިޔޭގެ ހަކަތައިގެ ސަޕްލައިއަށް ބޮޑެތި ހުރަސްތަކެއް ވަނީ އެޅިފައެވެ. އިންޓަނޭޝަނަލް އެނާޖީ އެޖެންސީގެ ޑިރެކްޓަރު ފާތިހު ބިރޯލް ވިދާޅުވި ގޮތުގައި މިކަމުގެ ސަބަބުން ދުވާލަކު 13 މިލިއަން ފީފާ ތެޔޮ ވަނީ ހުއްޓިފައެވެ. މިއީ ތާރީޚުގައި ވެސް ދުނިޔޭގެ ހަކަތައަށް ކުރިމަތިވި އެންމެ ބޮޑު ނުރައްކަލެވެ. ޔޫރަޕަށް ބޭނުންވާ ޖެޓް ފިއުލްގެ ބޮޑު ބައެއް މެދުއިރުމަތިން ގެންނާތީ، މި ދަތިކަމުގެ ސަބަބުން ވައިގެ ދަތުރުފަތުރަށް ވެސް ހުއްޓުމެއް އައުމަކީ އެކަށީގެންވާ ކަމެކެވެ. މިކަމަށް ހައްލެއް ހޯދުމަށް އައިއީއޭ އިން ވަނީ ކުއްލި ހާލަތުގެ ރިޒާވުން 400 މިލިއަން ފީފާ ތެޔޮ ދޫކުރުމަށް ނިންމާފައެވެ.

  • ހުރްމުޒް ކަނޑުއޮޅި ބަންދުކުރުމުން ދުވާލަކު 13 މިލިއަން ފީފާ ތެލުގެ ގެއްލުންވަމުންދެއެވެ.
  • އީރާނާއި އެމެރިކާއިން މި ކަނޑުއޮޅިން ދަތުރުކުރުމަށް ހުރަސްއަޅައި ޑަބަލް ބްލޮކޭޑެއް އުފެދިފައިވެއެވެ.
  • ޔޫރަޕަށް ބޭނުންވާ ޖެޓް ފިއުލް ނުލިބުމުގެ ސަބަބުން ވައިގެ ދަތުރުތައް ހުއްޓިދާނެކަމުގެ ބިރު އެބައޮތެވެ.
  • އައިއީއޭ އިން ކުއްލި ހާލަތުގެ ރިޒާވުން 400 މިލިއަން ފީފާ ތެޔޮ ދޫކުރުމަށް ވަނީ އެއްބަސްވެފައެވެ.

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފައި އޮތުމުން ދުވާލަކު 13 މިލިއަން ފީފާ ތެލުގެ ގެއްލުން ލިބިފައިވާ ކަމަށް އިންޓަނޭޝަނަލް އެނާޖީ އެޖެންސީ (އައިއީއޭ)ގެ އެގްޒެކެޓިވް ޑިރެކްޓަރު ފާތިހު ބިރޯލް ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ބަޒާރަށް ނެރޭ ތެލުގެ ފަސްބައިކުޅަ އެއްބައި އުފުލާ ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފައި އޮތުމުގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ސަޕްލައިއަށް ވަރަށް ބޮޑަށް ބުރޫއަރާފައިވާ ކަމަށް ވެސް ފާތިހު ވިދާޅުވިއެވެ.

"ތާރީޚުގައި ވެސް ހަކަތައަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކަލާ އަޅުގަނޑުމެންނަށް މިވަނީ ކުރިމަތިވެފައި،" ސިންގަޕޫރުގައި ބޭއްވި ކޮންވާޖް ލައިވް އިވެންޓުގައި ސީއެންބީސީއަށް ދިން އިންޓަވިއުއެއްގައި ފާތިހް ވިދާޅުވިއެވެ.

އީރާނު ހަނގުރާމައާއި ހޮރްމުޒް ކަނޑުއޮޅި ބަންދުކުރުމުގެ ސަބަބުން މިހާތަނަށް ކުރިމަތިވި އެންމެ ބޮޑު ހަކަތައިގެ ދަތިކަން ކުރިމަތިވެދާނެ ކަމަށް ކުރިން ދިން އިންޒާރުތައް ތަކުރާރުކޮށް ފާތިހު ވަނީ ދުނިޔޭގެ ތެލުގެ ވިޔަފާރީގައި ކަނޑުއޮޅިއަކީ މައިގަނޑު ދަައުރެއް އަދާކުރާ ތަނެއް ކަމަށް ވިދާޅުވެފައެވެ. ހަނގުރާމައިގެ ކުރިން ކޮންމެ ދުވަހަކު އެވްރެޖްކޮށް 20 މިލިއަން ފީފާގެ ތެލާއި ތެލުގެ އުފެއްދުންތައް ކަނޑުއޮޅިން އުފުލައެވެ.

ފާތިހު ސިފަކުރެއްވި ގޮތުގައި އެ މަގު މިހާރު އޮތީ "ޑަބަލް ބްލޮކޭޑް"ގެ ދަށުގައެވެ. އީރާނާއި އެމެރިކާއިން ވެސް އެ މަގުން އުޅަނދުތައް ދަތުރުކުރުމަށް ވަނީ ހުރަސްއަޅާފައެވެ.

އައިއީއޭއިން ވަނީ ހުރްމުޒް ކަނޑުއޮޅި އަކީ ދުނިޔޭގެ އެންމެ މުހިންމު އެއް ތެޔޮ ޓްރާންސިޓް ޗޮކްޕޮއިންޓް ކަމަށް ސިފަކޮށް، އެތަން ބަންދުކުރުމުން ދުނިޔޭގެ އިގުތިސާދީ ކުރިއެރުން ބަލިކަށިވެ، ތެލުގެ އިންފްލޭޝަން އަދި ހަކަތަ ރޭޝިން ކުރަން މަޖުބޫރުވެދާނެކަމުގެ އިންޒާރު ދީފައެވެ. އަދި, ޔޫރަޕްގައި ޖެޓް ފިއުލް ދަތިވުމުގެ ނުރައްކާ ބޮޑުވުމުގެ އިންޒާރު ވެސް ފާތިހު ވަނީ ދެއްވާފައެވެ. ފިއުލް ޖެޓް އިމްޕޯޓުކުރުމަށް ޔޫރަޕުން އާންމު ގޮތެއްގައި ބަރޯސާވެފައި އޮންނަނީ މެދުއިރުމައްޗަށެެވެ.

"ޔޫރަޕަށް ޖެޓް ފިއުލްގެ ގާތްގަނޑަކަށް 75 ޕަސެންޓް ލިބެނީ މެދުއިރުމަތީގެ ރިފައިނަރީތަކުން. މިއީ އަސާސީ ގޮތުން މިހާރު ސުމެއް," ފާތިހު ވިދާޅުވިއެވެ.

އެމެރިކާއާއި ނައިޖީރިއާއިން ފިއުލް ސަޕްލައި ހޯދުމަށް އެމެރިކާއިން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ, ޔޫރަޕަށް އިތުރު އިމްޕޯޓްތައް ނުގެނިއްޖެނަމަ، ނަމަ ބޮޑެތި ދަތިތަކެއް ކުރިމަތިވެދާނެ ކަމަށާއި އެ ދަތިކަން ދެމިއޮތް ނަމަ ވައިގެ ދަތުރުތައް ހުއްޓުވުމަށް ފިޔަވަޅުތައް އަޅަން ސަރުކާރުތަކުން ވިސްނަން ޖެހިދާނެ ކަމަށް ފާތިހު ވިދާޅުވިއެވެ.

"އަޅުގަނޑު ވަރަށް އުންމީދުކުރަން، ފުރަތަމަ ކަމަކަށް، ސްޓްރެއިޓް ހުޅުވައި، ރިފައިނަރީ އެކްސްޕޯޓް އެތަނުން ފެށޭނެ ކަމަށް،" އޭނާ ވިދާޅުވިއެވެ.

ސަޕްލައިއަށް ބުރޫއެރުމުގެ އަސަރު ކުޑަކުރުމުގެ ގޮތުން ކުއްލި ހާލަތުގެ ރިޒާވުން 400 މިލިއަން ފީފާ ތެޔޮ ދޫކުރުމަށް 32 މެންބަރުންގެ އައިއީއޭ އިން މާރިޗު މަހު ވަނީ އެއްބަސްވެފައެވެ.

comment ކޮމެންޓް