ލުބުނާނުގައި ކުރާ ހަނގުރާމަ މެދުކަނޑާލުމަށް އެއްބަސްވުމަކަށް އައިކަން އެމެރިކާއިން އިއުލާނު ކުރުމާ ގުޅިގެން، ދިވެހި ސަރުކާރުން އެކަމަށް މަރުހަބާ ކިޔައިފިއެވެ.
މިކަމާ ގުޅިގެން ސަރުކާރުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، މިއީ މެދުއިރުމަތީގެ މަސްރަޙުގައި އުފެދިފައިވާ ނުތަނަވަސްކަން ކުޑަކުރުމަށް އެޅުނު ނުހަނު މުހިންމު ފިޔަވަޅެއް ކަމުގައި ދިވެހިރާއްޖެއިން ދެކޭ ކަމަށެވެ.
ދިވެހި ސަރުކާރުގެ ބަޔާނުގައި، އާންމު ރައްޔިތުން ރައްކާތެރިކުރުމުގެ މުހިންމުކަމާއި، ދުނިޔޭގެ ވިޔަފާރީގެ މުއާމަލާތްތައް އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ކަނޑުދަތުރުފަތުރުގެ މިނިވަންކަން ކަށަވަރުކުރުމުގެ މުހިންމުކަން ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން، މި އެއްބަސްވުމަށް ވާސިލުވުމުގައި ލުބުނާން ސަރުކާރާއި އެމެރިކާއިން އަދާކުރި އިސް ދައުރު، ދިވެހި ސަރުކާރުން ބަލައިގަންނަ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.
"ހަނގުރާމަ ހުއްޓާލުމަށް މަގުފަހިކޮށްދިނުމުގައި، ލުބުނާނު ސަރުކާރާއި އެމެރިކާއިން އަދާކުރި މުހިންމު ދައުރު ދިވެހި ސަރުކާރުން ނުހަނު އިޚްލާސްތެރިކަމާއެކު ބަލައިގަނެ، އެކަމުގެ އަގުވަޒަންކުރަން،" ދިވެހި ސަރުކާރުގެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން ސަރަޙައްދީ ހަމަޖެހުމާއި ދާއިމީ ސުލްޙަ ޤާއިމުކުރުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢުން ކުރަމުންދާ މަސައްކަތްތަކަށް ރާއްޖެއިން ފުރިހަމައަށް ތާއީދުކުރާކަން މި ބަޔާނުގައި ވަނީ ތަކުރާރުކޮށްފައެވެ.
އަދި މިއީ ޑިޕްލޮމެސީގެ ރީތި އުޞޫލުތަކުގެ ތެރެއިންނާއި މަޝްވަރާގެ މަގުން މައްސަލަތަކަށް ދާއިމީ ޙައްލެއް ހޯދުމަށް ލިބުނު ފުރުޞަތެއް ކަމަށް ދިވެހިރާއްޖެއިން ޤަބޫލުކުރެއެވެ.
"ދިވެހިރާއްޖޭގެ ސަރުކާރުން، މި ސަރަޙައްދުގައި ސުލްޙަ މަސަލަސްކަމާއި ހަމަޖެހުން ގާއިމުކުރުމަށްޓަކައި ބައިނަލްއަގުވާމީ މުޖުތަމައުން ކުރަމުންދާ ހުރިހާ މަސައްކަތްތަކަކަށް ފުރިހަމައަށް ތާއީދުކުރާކަން ހާމަކުރެއެވެ. އަދި މި އައި ބަދަލަކީ، ސަރަޙައްދުގައި އުފެދިފައިވާ ހަމަނުޖެހުންތަކަށް ދާއިމީ އަދި ސުލްޙަވެރި ޙައްލެއް ހޯދުމަށްޓަކައި، މަޝްވަރާ އާއި ޚާރިޖީ ގުޅުންތަކުގެ އިސްކަންދިނުމަށް ލިބުނު މުހިންމު ފުރުސަތެއް ކަމުގައި ދިވެހި ސަރުކާރުން ގަބޫލުކުރެއެވެ." ބަޔާނުގައިވެއެވެ.
މި އެއްބަސްވުމުގެ ސަބަބުން މުޅި މެދުއިރުމަތީގެ މަސްރަޙަށް އަމާންކަމާއި ހަމަޖެހުން ލިބިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށް ވެސް ސަރުކާރުގެ ބަޔާނުގައި ބުނެފައިވެއެވެ.
ލުބުނާންއާއި ޔަހޫދީން ދެމެދު ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމަށް އަމަލުކުރަން ފަށާފައިވަނީ ބުރާސްފަތި ދުވަހުގައެވެ.
މި އެއްބަސްވުން ރަސްމީކޮށް ތަންފީޒުކުރަން ފެށުމުގެ އެންމެ ފަހު ގަޑިއިރުތަކުގެ ތެރޭގައި ވެސް، ޔަހޫދީންގެ ނިރުބަވެރި ދައުލަތުން ވަނީ ލުބުނާންގެ ދެކުނުގެ އެކި ސަރަހައްދުތަކަށް ވައިގެ މަގުން ގިނަ ޙަމަލާތަކެއް ދީފައެވެ. އަދި ހަމައެއާއެކު، ލުބުނާނުގެ އެތެރޭގައާއި ބޯޑަރު ސަރަޙައްދުގައި ހަރަކާތްތެރިވާ ޔަހޫދީންގެ ސިފައިންނަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފައިވާނެ ކަމަށް ހިޒްބުﷲ އިން ވެސް ވަނީ ހާމަކޮށްފައެވެ.
ޔަހޫދީން ލުބުނާނަށް ދެމުންދާ ޙަމަލާތައް ދިހަ ދުވަހުގެ މުއްދަތަށް މެދުކަނޑައިލުމަށް އެއްބަސްވެފައިވާ ކަމަށް ހާމަކޮށްފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއެވެ.