އެހެން އަހަރުތަކުގެ ރޯދަ މަހު އާއްމުކޮށް, އެއް ލައްކަ ރުފިޔާގެ އާމްދަނީއެއް ލިބުނު ވިޔަފާރިވެރިންނަށް މި ފަހަރު ޚަރަދު ކެނޑޭ ވަރަށް ވެސް އާމްދަނީ ނުލިބޭ ކަމަށް މިއަދު ބުނެފިއެވެ.
ރޯދަމަހަށް ދިވެހީންގެ ތެރޭގައި ޑިމާންޑު ބޮޑުވާ ކަރާ އއ. ތޮއްޑުއިން ގިނަ އަދަދަކަށް މާލެ ގެނެއެވެ. މި ފަހަރަކު ވެސް ދުވާލަކަށް 10 ޓަނުގެ ކަރާ ބާޒާރަށް ނެރެވޭނެ ކަމަށް އެ ރަށުގެ ދަނޑުވެރިން އުއްމީދު ކުރިއެވެ.
ތޮއްޑޫގެ ދަނޑުވެރިއެއް ކަމަށްވާ އައިޝަތު ޖުނައިދާ 'ސަން'އަށް ބުނީ، ރޯދަ މަހުގެ މެދާ ހަމައަށް އައިއިރު ހުރިހާ ކަރާ ދަނޑެއް ހަލާކުވި ކަމަށެވެ. އެހެންވެ، އެކަށީގެންވާ ވަރަށް މި ފަހަރު އެ ރަށުން ބާޒާރަށް ކަރައެއް ނުނެރެވުނު ކަމަށް ޖުނައިދާ ބުންޏެވެ.

ބާޒާރުގައި މޭވާ ވިއްކަން ބަހައްޓާފައި: މި ފަހަރުގެ ރޯދައިގައި ކަރާ ބާޒާރަށް އެތެރެނުކުރެވުމުން ޑިމާންޑު ބޮޑުވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އިތުރަށް އޭނާ ބުނި ގޮތުގައި، ރަނގަޅަށް ދަނޑަކުން ކަރާ ލިބިއްޖެ ނަމަ، ޚަރަދު ކަނޑާފައި މީހަކަށް އެއް ލައްކަ ރުފިޔާގެ ފައިދާއެއް ލިބޭ ކަމަށެވެ.
ނަމަވެސް، މި ރޯދައިގައި 50 އިންސައްތަވީ ގެއްލުން ކަމަށް އޭނާ ބުންޏެވެ.
"މިފަހަރު އެ މީހަކު ކުރި ޚަރަދު ވެސް ނުލިބި، ގިނަ މީހުންނަށް ގެއްލުންވެގެން އެ ދިޔައީ" ޖުނައިދާ ބުންޏެވެ.
މާލޭގެ ދަތުރުވެރިންގެ މާރުކޭޓުގައި މަސައްކަތް ކުރާ ހުސައިން ޝަރީފް 'ސަން'އަށް ބުނި ގޮތުގައި، މިދިޔަ އަހަރުގެ ރޯދައާ ބަލާއިރު، މި ފަހަރު ގާތްގަނޑަކަށް 20،000 ނުވަތަ 30،000 ރުފިޔާގެ ގެއްލުމެއް ވިއެވެ.
މިފަހަރާ ޚިލާފަށް އެހެން ރޯދަ މަސްތަކުގައި ލައްކައަކާ ގާތްކުރާ އަދަދަކަށް ފައިދާވާ ކަމަށް ޝަރީފް ބުނެއެވެ. ނަމަވެސް މި ފަހަރު ދުވާލަކަށް އެކަށީގެންވާ ވަރަށް ވިޔަފާރި ވެސް ނުވާކަން އޭނާ ފާހަގަކުރިއެވެ.

މީހަކު ބާޒާރުގައި ވިޔަފާރިކުރަނީ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން
"ފަހު ދިހައިގައި ހަމަ އެއް ގޮތަކަށް ވެސް މީހުން ތަންތަނަށް ފުރަފުރައިގެން ދިޔައިމަ ވިޔަފާރި ވަރަށް ދަށްކޮށް ދިޔައީ," ޝަރީފް ފާހަގަކުރިއެވެ.
މީގެއިތުރުން، ވަޅޯމަސް މާރުކޭޓުން "ސަން" އާ ވާހަކަދެއްކި މުހައްމަދު ރަޝީދު ބުނީ، މިދިޔަ ރޯދަ މަހު އެ މާރުކޭޓުން ވެސް ވީ ގެއްލުން ކަމަށެވެ.
ވިޔަފާރިވެރިން ބުނާ ގޮތުގައި، އާމްދަނީ މިހާ ބޮޑަށް ދަށްވީ ވިޔަފާރިކުރާ މީހުން މަދުވުމުންނެވެ.
ރޯދަމަހަކީ އާއްމުގޮތެއްގައި، ލޯކަލް މާރުކޭޓުގެ ވިޔަފާރިތަކަށް ވަރަށް ބޮޑަށް ފައިދާވާ އަދި ރަނގަޅު އާމްދަނީއެއް ލިބޭ މަހެކެވެ. ރޯދަވީއްލުމަށް ތައްޔާރުކުރާ އެކި ބާވަތުގެ ފަނިގިރާ ސާމާނާއި، މޭވާއާއި ތަރުކާރިއަށް ޑިމާންޑު އިތުރުވާ މަހެކެވެ. އޭގެ އިތުރުން ވެސް ކާށި، ފިޔާ އަދި މަހުގެ އެކި ބާވަތްތައް ގަތުމަށް ގިނަ މީހުން މާރުކޭޓު ޚިޔާރުކުރެއެވެ.
ނަމަވެސް މި ރޯދަމަހު ވިޔަފާރިތައް ދަށްވެފައިވާތީ ދަނޑުވެރިންނާއި ވިޔަފާރިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މިދިޔަ އަހަރުގެ ރޯދަ މަހު ވެސް ވިޔަފާރިވެރިން ވަނީ މި ކަންބޮޑުވުން ފާޅުކޮށްފައެވެ.