މިދިޔަ ސެޕްޓެންބަރު މަހުގެ ފަހުކޮޅު އައްޑޫ ހިތަދޫ ޕޯޓުން 1.8 މިލިއަނަށްވުރެ ގިނަ ސިނގިރޭޓު އަތުލައިގަތް މައްސަލައާ ގުޅުންހުރި މަނީ ލޯންޑަރިންގެ މައްސަލައެއް ތަހުގީގުކުރަން ފަށައިފިއެވެ.
ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓަރު އަޙްމަދު ޝަފީޢު 'ސަން'އަށް މިއަދު ވިދާޅުވީ، އައްޑޫ ހިތަދޫ ޕޯޓުން އެތެރެކުރަން މަސައްކަތްކުރި 1.8 މިލިއަނަށްވުރެ ގިނަ ސިނގިރޭޓުގެ މައްސަލަ ކަސްޓަމްސްއިން ޑިއުޓީ ޕްރޮސެކިއުޝަނަށް ހުށަހެޅީ މިދިޔަ ހަފުތާގައި ކަމަށެވެ.
"ދެން އަަޅުގަނޑުމެން އެ މައްސަލަ ދިރާސާކުރިއިރުގައި މަނީ ލޯންޑަރިންގެ އަމަލުތަކެއް ހިމެނޭކަމަށް ބެލެވޭތީ، ފުލުހުންނަށް ދަންނަވައިފަ ވާނެ އެ މައްސަލައިގެ ތަހުގީގުގައި ބައިވެރިވާން،" ޝަފީޢު ވިދާޅުވިއެވެ.
އެހެންކަމުން ކަސްޓަމްސްއާއި ފުލުހުންނާ ގުޅިގެން އެ މައްސަލައިގެ ތަހުގީގު ފަށައިފައިވާ ކަން ޝަފީޢު ހާމަކުރެއްވިއެވެ.
މި މައްސަލައިގައި ފުލުހުންގެ ބަހެއް ލިބޭ ގޮތް އަދި ނުވެއެވެ.
'ސަން'އަށް މައުލޫމާތު ލިބިފައިވާގޮތުގައި އައްޑުއަށް ވަގަށް ސިނގިރޭޓު އެތެރެކުރަން މަސައްކަތްކޮށްފައިވަނީ "ނެސޯ ހޯމް ޕްރައިވެޓް ލިމިޓެޑް" ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ. އިކޮނޮމިކް މިނިސްޓްރީގެ ވިޔަފާރިތަކާބެހޭ ޕޯޓަލުން އެނގޭ ގޮތުގައި އެ ކުންފުނީގެ ވެރިޔަކީ އަޙްމަދު ޙަސަންދީދީ ނަމަކަށް ކިޔާ މީހެކެވެ.
ވިޔަފާރިތަކާ ބެހޭ ޕޯޓަލުން އެނގޭ ގޮތުގައި، ނެސޯ ހޯމް ކުންފުންޏަށް ދޫކޮށްފައިވަނީ، ގޭގެއަށް ބޭނުންވާ ކަރަންޓު ސާމާނާއި ފަރުނީޗަރާއި ލައިޓިން ފަދަ ތަކެތި ވިއްކުމުގެ ހުއްދައެވެ.
މިދިޔަ ސެޕްޓެންބަރު މަހުގެ 24ވަނަ ދުވަހު ކަސްޓަމްސްއިން އާންމުކުރި މައުލޫމާތުގައިވަނީ، ޖުމްލަ 1.8 މިލިއަން ސިނގިރޭޓު ހިފެހެއްޓި ކަމަށާއި، އެ ތަކެތީގެ ޖުމްލަ އަގު 15 މިލިއަން ރުފިޔާއަށް އަރާކަމަށެވެ.
މި މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށް ވެސް ކަސްޓަމުން އޭރު ބުންޏެވެ.
މީގެ ކުރިން މިދިޔަ އަހަރުގެ އޭޕްރީލް މަހު ވެސް އައްޑޫން ސިއްރުން އެތެރެކުރަން އުޅުނު އެއް ލައްކައަށްވުރެ ގިނަ ސިނގިރޭޓު ހިފަހައްޓާފައިވެއެވެ.
ފާހަގަކުރެވޭ ގޮތުގައި މި ސަރުކާރުން ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކުރުމާ ގުޅިގެން، ސިނގިރޭޓުގެ އަގު ބޮޑުވެ، ވަގު ސިނގިރޭޓު ވިއްކުން ވަނީ އާންމުވެފައެވެ. ހަމައެއާ އެކު ވަގަށް ސިނގިރޭޓު އެތެރެކުރާ މައްސަލަވެސް ވަނީ ބޮޑުވެފައެވެ.