ވޮޝިންޓަން (31 މާޗް 2026) : ހުރުމުޒު ކަނޑުއޮޅި ނުހުޅުވުނު ނަމަވެސް އީރާން އާ ދެކޮޅަށް ކުރާ ހަނގުރާމަ ނިމުމަކަށް ގެންނަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބޭނުންވާކަމަށް އެމެރިކާގެ މަސްއޫލުވެރިން ވިދާޅުވެއްޖެއެވެ.
ޓްރަމްޕްގެ ވަރަށް އަރިސް މަސްއޫލުވެރިންނާ ހަވާލާދީ ވޯލްސްޓްރީޓް ޖާނަލް ބުނާގޮތުން ޓްރަމްޕް ވަނީ އީރާން އާ ދެކޮޅަށް އޭނާ ފައްޓާފައިވާ ހަނގުރާމަ މާބޮޑަށް ދިގުލައިގެން ހިނގައްޖެކަމަށާއި ހުރުމުޒު ކަނޑުއޮޅި ނުހުޅުވުނު ނަމަވެސް ހަނގުރާމަ ހުއްޓާލަން ބޭނުންވާކަމަށް ވިދާޅުވެ އެބޭފުޅުންނާ އެކަން ހިއްސާކޮށްފައެވެ.
ހުރުމުޒު ކަނޑުއޮޅި ހުޅުވުމުގެ ކަންތައް ފަހުގެ ތާރީޚަކަށް ފަސްކޮށްލާގޮތަށް ހަނގުރާމަ ހުއްޓާލެވިދާނެކަމަށް ޓްރަމްޕް ވިދާޅުވިކަމަށް އެމެރިކާގެ މަސްއޫލުވެރިން ވިދާޅުވިއެވެ.
ޓްރަމްޕަކީ އޭނާ ވާހަކަ ދައްކަވާގޮތާއި ނިންމަވާ ނިންމުންތައް ދުވާލަކު އެތައް ފަހަރަކު ބަދަލުކުރައްވާ ބޭފުޅެކެވެ. ޓްރަމްޕަކީ އޭނާގެ ބަހާއި އަމަލު ދިމާނުވާ ބޭފުޅަކަށް ވުމުގެ އިތުރުން އެއްކަމެއްގައި ދެފަހަރު ދެގޮތަށް ވާހަކަ ދައްކަވާ ބޭފުޅެކެވެ.
ޓްރަމްޕް މިގޮތަށް ވާހަކަ ދެއްކެވިއިރު އޭނާ ގެންދަވަނީ ހުރުމުޒު ކަނޑުއޮޅި ހުޅުވަން އީރާނަށް މަޖުބޫރު ކުރުވުމަށްޓަކައި އީރާނުގެ ތެލާއި ގޭހަށް އަތްގަދަކުރުމުގެ ރޭވުމެއް ތަންފީޒުކުރުމަށް މަސައްކަތް ކުރަމުންނެވެ.
އީރާނަށް އެއްގަމު މަގުން އަރައިގަތުމަށްޓަކައި އެމެރިކާގެ އެތައް ހާސް ސިފައިންގެ މައްޗަށް އެކުލެވޭ އެއްގަމު ސިފައިންގެ ލަޝްކަރެއް އީރާނަށް ފޮނުވަން ޓްރަމްޕް ގެންދަނީ މަސައްކަތް ކުރަމުންނެވެ.
ހުރުމުޒު ކަނޑުއޮޅި ނުހުޅުވައިފިނަމަ އީރާނުގެ ތެލާއި ގޭހުގެ ހުރިހާ މަރުކަޒުތަކަކަށް ބޮންއަޅައި އެތަންތަން ފުނޑާލުމުގެ އިތުރުން އީރާނުގެ ކަރަންޓާއި ފެނުގެ މަރުކަޒުތައްވެސް އެއްކޮށް ހަލާކުކޮށް ރައްޔިތުން ހާލުގައި ޖައްސާނެކަމުގެ އިންޒާރުވެސް ޓްރަމްޕް ވަނީ ތަކުރާރުކޮށް ދީފައެވެ.
އަދި ހުރުމުޒު ކަނޑުއޮޅި ހުޅުވުމަށް މަސައްކަތް ކުރަންޖެހޭނީ އެތަނުން ހުރަސްކުރާ ތެޔޮ ބޭނުންކުރާ ޗައިނާއާއި އިންޑިއާ އަދި ޔޫރަޕްގެ ގައުމުތައް ގައުމުތަކުންކަމަށްވެސް ވިދާޅުވެ ޓްރަމްޕްވަނީ ވާހަކަ ދައްކަވާފައެވެ.
އެމެރިކާއާއި އިސްރާއީލުން އީރާން އާ ދެކޮޅަށް ހަނގުރާމަ ފެށިއިރު ހުރުމުޒު ކަނޑުއޮޅި އޮތީ ހުޅުވާފައެވެ. އޭރު ހުރުމުޒު ކަނޑުއޮޅި ބަންދުކުރުމުގެ މައްސަލައެއް ނެތެވެ. އަދި އެއީ ޓްރަމްޕް އީރާން އާ ދެކޮޅަށް ފެށި ހަނގުރާމައިގެ ލަނޑުދަނޑިއެއްވެސް ނޫނެވެ.
ނަމަވެސް ހަނގުރާމަ ފެށުމާއެކު އީރާނުން ހުރުމުޒު ކަނޑުއޮޅި ބަންދުކުރުމުން ހަނގުރާމައިން ހާސިލް ކުރަން އެމެރިކާ ބޭނުންވާ މައިގަނޑު ލަނޑުދަނޑިއަކަށް މިހާރު ވެފައި މިވަނީ ކުރިން ނެތް މައްސަލައެއް ކަމަށްވާ ހުރުމުޒު ކަނޑުއޮޅި ހުޅުވުމުގެ މައްސަލައެވެ.
ހުރުމުޒު ކަނޑުއޮޅި ނުހުޅުވުނު ނަމަވެސް އީރާން އާ ދެކޮޅަށް ކުރާ ހަނގުރާމަ ނިމުމަކަށް ގެންނަން ބޭނުންވާކަމަށް ޓްރަމްޕް ވިދާޅުވެފައި މިވަނީ އެ މަގުސަދު ހާސިލް ކުރުމަށްޓަކައި އެމެރިކާއިން އެއްގަމު މަގުން އީރާނަށް އަރައިގަނެ އެ ގައުމުގެ ތަންތަން ހިފުމަކީ އެމެރިކާ ބޮޑު ނާކާމިޔާބަކާ ކުރިމަތިލާން ޖެހޭނެކަމެއް ކަމުގެ އަޑުތައް ގަދަވަމުންދާ ވަގުތެއްގައެވެ.
އެމެރިކާ ސިފައިންނަކީ އެއްގަމު ހަނގުރާމައިގާ ވަރަށް ބޮޑަށް ބަލިކަށި ލަޝްކަރެއްކަން ވިއެޓްނާމް ހަނގުރާމައާއި އަފްޣާނިސްތާނުގެ ހަނގުރާމައިންވަނީ ހާމަވެފައެވެ. ވީމާ އެއްގަމު ސިފައިން އީރާނަށް ފޮނުވައިފިނަމަ އީރާނުން އެމެރިކާ ސިފައިންގެ އެތައް ސަތޭކަ ބަޔަކު މަރާލައި އެތައް ހާސް ބަޔަކު އަސީރުންގެ ގޮތުގައި ހައްޔަރު ކޮށްފާނެކަމުގެ ބިރު ވަރަށް ބޮޑުކަމުގެ އިންޒާރު އެމެރިކާގެ ކުރީގެ ޖެނެރަލުންނާއި އަދި އަދި އަސްކަރީ ތަޖުރިބާކާރުން ވަނީ ދެއްވާފައެވެ.