ތެޔޮ ފީފާއެއްގެ އަގު ދެ ހަފްތާ ތެރޭގައި 116 ޑޮލަރަށް އުފުލިއްޖެ

އިރާގުގެ ބަސްރާ ކައިރީގައި އޮންނަ ޒުބައިރު ތެޔޮ ކާރުޚާނާގެ ޑީގޭސިން ސްޓޭޝަނެއްގައި މީހަކު އިންޖީނަށް އަޅާ ތެޔޮ ނަގަނީ. ފޮޓޯ/އޭޕީ

މެދުއިރުމަތީގެ ސިޔާސީ މަޝްރަހު ހަލަބޮލިވެ، އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގު ވަނީ ކަންބޮޑުވާ މިންވަރަކަށް މައްޗަށް ގޮސްފައެވެ. ހާއްސަކޮށް ހުރްމުޒް ކަނޑުއޮޅިން ދަތުރުފަތުރު ކުރުމަށް އީރާނުން ހުރަސް އެޅުމުގެ ސަބަބުން ތެޔޮ ސަޕްލައި ކުރުމުގެ ނިޒާމަށް ބުރޫއަރައި، ތެޔޮ ފީފާއެއްގެ އަގު 116 ޑޮލަރަށް ވަނީ އުފުލިފައެވެ. މިއީ ފާއިތުވެދިޔަ އަހަރުތަކުގައި ހަކަތައިގެ ދާއިރާއަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.

  • ތެޔޮ ފީފާއެއްގެ އަގު 116 ޑޮލަރަށް އުފުލި، ބާޒާރުގައި ހަކަތައިގެ ދަތިކަން ބޮޑުވެއްޖެއެވެ.
  • އީރާނުން ހުރްމުޒް ކަނޑުއޮޅި ބަންދުކުރުމަށް މަސައްކަތް ކުރުމުން ސަޕްލައި ޗެއިނަށް ނޭދެވޭ އަސަރުކޮށްފިއެވެ.
  • ހަނގުރާމަ ފެށުނު ފަހުން ތެލުގެ އަގު ގާތްގަނޑަކަށް 60 ޕަސެންޓް ވަނީ އުފުލިފައެވެ.
  • ކުރިއަށް އޮތްތަނުގައި ތެލުގެ އަގު 120 ޑޮލަރަށްވުރެ މައްޗަށް ދިއުމުގެ ފުރުސަތު އޮތްކަމަށް މާހިރުން ލަފާކުރެއެވެ.

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ގާތްގަނޑަކަށް ދެ ހަފްތާގެ ތެރޭގައި ތެލުގެ އަގު ވަރަށް ބޮޑަށް އުފުލިއްޖެއެވެ.

ބައިނަލްއަގުވާމީ ބެންޗްމާކް ކަމަށްވާ ބްރެންޓް ކްރޫޑް މިއަދު ހެނދުނު ތިން ޕަސެންޓަށް ވުރެ މައްޗަށް ގޮސް ފީފާއެއްގެ އަގު ވަނީ 116 ޑޮލަރަށް އުފުލިފައެވެ.

މިއީ މި މަހުގެ 19 ވަނަ ދުވަހުގެ ފަހުން ތެލުގެ އަގު އެންމެ މައްޗަށް އުފުލު ފަހަރެވެ.

ތެލުގެ އަގު އުފުލުނީ އެމެރިކާއިން އެއްގަމު މަގުން އީރާނަށް އަރަން އުޅޭ ކަމަށް އީރާނުން ތުހުމަތު ކުރުމާ ގުޅިގެންނެވެ.

ހަފްތާ ބަންދުގައި އީރާނުގެ ތާއީދު އޮންނަ ހޫތީން ހަނގުރާމައާ ގުޅުމުން ހަފްތާ ބަންދުގައި ހަނގުރާމަ ވަނީ އިތުރަށް ފުޅާވެފައެވެ.

އެެމެރިކާއާއި އިސްރާއީލުން ދޭ ހަމަލާތަކުގެ ރައްދުގައި އީރާނުން ވަނީ ދުނިޔޭގެ ބާޒާރަށް ފަސްބައިކުޅަ އެއްބައި ތެޔޮ އުފުލާ މުހިންމު ހުރްމުޒް ކަނޑުއޮޅިން އުޅަނދުތައް ދަތުރުކުރުމަށް ވަރަށް ބޮޑަށް ހުރަސް އަޅާފައެވެ. އެއާއެކު ތެލާއި ގޭހުގެ ސަޕްލައިއަށް ވަނީ ވަރަށް ބޮޑަށް ބުރޫއަރާފައެވެ. މިއީ ފާއިތުވެދިޔަ ދިހަވަރަކަށް އަހަރު ތެރޭގައި ކުރިމަތިވި އެންމެ ބޮޑު ހަކަތައިގެ ދަތިކަން ކަމަށް މާހިރުން ވިދާޅުވެއެވެ.

ފެބްރުއަރީ 28 ގައި ހަނގުރާމަ ފެށުނު ފަހުން ތެލުގެ އަގު ގާތްގަނޑަކަށް 60 ޕަސެންޓް މައްޗަށް ގޮސްފައިވާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތެލުގެ އަގު އުފުލި، ހަކަތަ ރައްކާތެރި ކުރުމަށް ކުއްލި ފިޔަވަޅުތައް އަޅަން ގިނަ ގައުމުތަކަށް ވަނީ މަޖުބޫރުވެފައެވެ.

ކަނޑުއޮޅިން އުޅަނދުތައް އާންމުކޮށް ދަތުރުކުރާ މިންވަރަށް ދަތުރު ނުކުރެެވޭނަމަ، ކުރިއަށް އޮތްތަނުގައިވެސް ތެލުގެ އަގު އުފުލިގެން ދިއުން އެކަށީގެންވާ ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ތެޔޮ ޑެރިވޭޓިވްސް ޓްރޭޑިން ހައުސްއެއްގެ ގޮތުގައި ފެށި އޮނިކްސް ކެޕިޓަލް ގްރޫޕްގެ ސީއީއޯ ގްރެގް ނިއުމަން ވިދާޅުވީ ހަކަތަ ބޭނުންކުރާ ފަރާތްތަކަށް މި ހަލަބޮލިކަމުގެ ހަގީގީ ނަތީޖާ އިހުސާސްވާން ފަށައިފި ކަމަށެވެ.

"ބްރެންޓް އިން ހަގީގަތް ރިފްލެކްޓް ކުރަން ފަށައިފި، އަދި އަހަރެމެންނަށް ހީވަނީ ތެލުގެ އަގު 120 ޑޮލަަރަށް ނުވަތަ އެއަށްވުރެ މައްޗަށްވެސް އުފުލޭނެހެން." ނިއުމަން ވިދާޅުވިއެވެ.

އެމެރިކާއާއި އިސްރާއީލަަށް ވާގިވެރިނުވާ ގައުމުތަކުގެ އުޅަނދުތައް ކަނޑުއޮޅި ހުރަސް ކުރުމުގެ ފުރުސަތު އީރާނުން މަޑުމަޑުން މިހާރު ދެމުން އަންނައިރު، އުޅަނދުތައް ދަތުރުކުރާ މިންވަރު އަދިވެސް އޮތީ ހަނގުރާމައިގެ ކުރިން އޮތް މިންވަރަށްވުރެ ދަށުގައެވެ.

comment ކޮމެންޓް