ފުވައްމުލައް ސިޓީގައި މަސްތުވާތަކެތީގެ ވިޔަފާރީގައި އިސް ދައުރެއް އަދާކުރާ ކަމަށް ތުހުމަތުކޮށް، މީގެ އަހަރެއް ކުރިން މަނީލޯންޑަރިންގެ ދައުވާ ކޮށްފައިވާ ދެ މީހުން އަލުން ހައްޔަރުކޮށްފިއެވެ.
މި މައްސަލަގައި ހައްޔަރުކުރީ، ޏ. ފުވައްމުލަކު ދޫޑިގަން، ކަރަންކާވިލާ އުމުރުން 35 އަހަރުގެ އަޙުމަދު ނިއުޝާދާއި ޏ. ފުވައްމުލަކު ދޫޑިގަން، ޒަމާނީގެ އުމުރުން 30 އަހަރުގެ ޙަސަން ޢާޒިމެވެ.
ފުލުހުން އެ މީހުންގެ މައްޗަށް ތުހުމަތުކުރަނީ، ފުވައްމުލަކުގައި ފުޅާ ދާއިރާއެއްގައި ޑުރަގު ވިއްކާ ކަމަށެވެ. އެންމެ ފުރަތަމަ އެ މީހުން ހައްޔަރުކުރީ، ޑިސެމްބަރު ނުވައެއް، 2024ގައެވެ.
އޭގެފަހުން، ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ދެމީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކުރިއެވެ.
އެކަމަކު، ދައުލަތުން ވެސް އެއްބަސްވާ ގޮތަށް ތުހުމަތު ކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުރި ކަމަށް ބަޔާންކުރުމަށް ފަހު، ޝަރީއަތް ނިމެންދެން ބަންދު ކުރަން ނިންމުމަކީ ޖިނާއި އިޖުރާއަތުގެ ގާނޫނުގެ 60ވަނަ މާއްދާއާ ޚިލާފު ނިންމުމެއް ކަމަށް ބުނެ، ހައިކޯޓުން ވަނީ މިދިޔަ އަހަރުގެ ޖަނަވަރީ ނުވައެއްގައި އެ މީހުން މިނިވަންކޮށްފައެވެ.
އެ ދެ މީހުންގެ މައްޗަށް މަނީލޯންޑަރިންގެ ދައުވާ ކޮށްފައި ވަނީ، މީގެ އަހަރަކަށް ވުރެ ގިނަ ދުވަސް ކުރިން މިދިޔަ އަހަރުގެ މާރިޗު 18ގައެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ، އެ ދެ މީހުންގެ މައްޗަށް ކޯޓުގައި ދައުވާ އުފާލާފައިވާ މައްސަލައެއްގެ ހެއްކަށް ނުފޫޒު ފޯރުވަފާނެ ކަމަށް ބެލެވޭތީ، ކޯޓު އަމުރެއްގެ ދަށުން އެ މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
ކުރިން ފުލުހުން ބުނީ، ފާއިތުވި ފަސް އަހަރުގެ ތެރޭގައި ނިއުޝާދުގެ ބޭންކު އެކައުންޓް މެދުވެރިކޮށް 21 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މުއާމަލާތް ހިންގާފައިވާ ކަމަށެވެ. ފާއިތުވި ދެ އަހަރުގެ ތެރޭގައި އާޒިމްގެ ބޭންކު އެކައުންޓް މެދުވެރިކޮށް ހަތް މިލިއަނަށްވުރެ ގިނަ ރުފިޔާގެ މުއާމަލާތް ހިންގާފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.