ސައިކަލު ވިއްކާކަމަށް ބުނެ ގިނަ ބަޔަކަށް އޮޅުވައިލައިގެން 7 މިލިއަން ހޯދި ކިންގްސްޓަންގެ މައްޗަށް ދައުވާކުރަނީ

ހުޅުމާލޭގައި މީގެކުރިން ހިންގި ކިންގްސްޓަންގެ ސައިކަލު ޝޯ ރޫމް --

ދިވެހިރާއްޖޭގައި ހިންގާފައިވާ އެންމެ ބޮޑު އެއް މަކަރާއި ހީލަތުގެ މައްސަލަ ކަމަށްވާ ސައިކަލު ވިއްކުމުގެ ނަމުގައި ފައިސާ އަތުލުމުގެ މައްސަލައިގައި ފުލުހުންގެ ތަހުގީގު ނިންމައި ދައުވާކުރުމަށްޓަކައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައިގައި ކިންގްސްޓަން ހޯލްޑިންގްސް މޯލްޑިވްސްއިން ސައިކަލު ވިއްކާނެކަމަށް ބުނެ އާންމުންގެ އަތުން 7 މިލިއަން ރުފިޔާއަށްވުރެ ގިނަ އަދަދެއްގެ ފައިސާ ނަގާފައިވާއިރު، އެއްވެސް ޚިދުމަތެއް ނުދީ ވަނީ މަކަރު ހަދާފައެވެ. މި ހާދިސާގެ ސަބަބުން 158 ފަރާތަކަށް ބޮޑެތި މާލީ ގެއްލުންތަކެއް ލިބިފައިވާކަން ތަހުގީގުން ކަށަވަރުކުރެވިފައިވެއެވެ.

  • މި މައްސަލައިގައި 158 ފަރާތަކުން ފައިސާ ނަގައި މަކަރު ހަދާފައިވާކަން ފާހަގަކުރެވޭ.
  • ޖުމްލަ 7,193,764.00 ރުފިޔާ އާއި 8,398.18 ޑޮލަރު ފޭރިގަނެފައިވާކަން ތަހުގީގުން ހާމަވޭ.
  • މައްސަލައިގެ ތުހުމަތު ރައްދުވަނީ ކިންގްސްޓަން ހޯލްޑިންގްސް މޯލްޑިވްސް އާއި އެ ކުންފުނީގެ ވެރިޔާ އަޙްމަދު ޢާޠިފް ޙަސަންގެ މައްޗަށް.
  • މި މައްސަލަ މިހާރު އޮތީ ދައުވާކުރުމަށްޓަކައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގައި.
  • ފުލުހުންގެ ފްރޯޑް އެންޑް ފައިނޭންޝަލް އިންވެސްޓިގޭޝަންސްއިން މި މައްސަލަ ބަލައި ތަހުގީގު ފުރިހަމަކޮށްފައިވާކަން.
  • މިއީ 2023 ނޮވެމްބަރު މަހުން ފެށިގެން ހިންގަމުން އައި ޖަރީމާއެއްކަން ތަހުގީގުން އެނގޭ.

ސައިކަލު ވިއްކާކަމަށް ބުނެ ގިނަ އަދަދެއްގެ މީހުންގެ އަތުން މަކަރާއި ހީލަތުން ފައިސާ ނަގާފައިވާ މައްސަލައިގައި ކިންގްސްޓަން ކުންފުނީގެ ވެރިޔާގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

ފުލުހުން ބުނީ، އެ ޚިދުމަތުގެ ފްރޯޑް އެންޑް ފައިނޭންޝަލް އިންވެސްޓިގޭޝަންސް އިން ތަހުގީގު ފުރިހަމަކުރުމަށްފަހު، މި މައްސަލާގައި ދައުވާކޮށްދިނުމަށް އެދި މި މަހުގެ ތިންވަނަ ދުވަހު ޕީޖީއަށް ފޮނުވައިފައިވާ ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި މި މައްސަލާގައި ދައުވާކުރުމަށް ފޮނުވާފައިވަނީ ކިންގްސްޓަން ހޯލްޑިންގްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށާއި، އެ ކުންފުނީގެ ވެރިޔާ، ޕޯލާގްރޭސް/ ދ.ބަނޑިދޫ، އަޙްމަދު ޢާޠިފް ޙަސަންގެ މައްޗަށެވެ.

މި މައްސަލައަކީ 2023 ނޮވެމްބަރު މަހުން ފެށިގެން ކިންގްސްޓަން ހޯލްޑިންގްސް މޯލްޑިވްސްގެ ފަރާތުން ސައިކަލް ވިއްކާކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނަގައި، މަކަރާއި ހީލަތް ހަދާފައިވާ ކަމަށް ތުހުމަތުކުރެވިގެން 2024 ވަނަ އަހަރުގެ އޯގަސްޓް އަށްވަނަ ދުވަހު ފުލުހުންނަށް ހުށަހެޅި މައްސަލައެކެވެ.

ފުލުހުންގެ ތަހުގީގަށް ހާމަވެފައިވާ ގޮތުގައި، މި މައްސަލާގައި ޖުމްލަ 158 ފަރާތެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ ނަގާފައިވެއެވެ. އެގޮތުން ސައިކަލް ޕޭމަންޓުގެ ގޮތުގައި 7,193,764.00 ރުފިޔާ އާއި 8,398.18 ޑޮލަރު ނަގާފައިވާކަން ތަހުގީގަށް ކަށަވަރުކުރެވިފައިވާކަމަށް ވަނީ ބުނެފައެވެ.

މި މައްސަލައަކީ ގިނަ ބަޔަކަށް މާލީ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ މައްސަލައަކަށްވާއިރު، މިހާރު މި މައްސަލަ ވަނީ ޕީޖީ އޮފީހުގައި ދައުވާކުރުމުގެ މަރުހަލާގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

comment ކޮމެންޓް