ފެންނަ ނުފެންނަ މައްސަލައިގެ ހުކުމް މާދަމާ

އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު: -- ފޮޓޯ/ ސުޕްރީމް ކޯޓު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމާ ގުޅޭ ގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނިންމެވި ނިންމެވުމާ މެދު އުފެދިފައިވާ ގާނޫނީ މައްސަލައިގެ ހުކުމް މާދަމާ މެންދުރު ކުރުމަށް ސުޕްރީމް ކޯޓުން ވަނީ ތާވަލުކޮށްފައެވެ. މި މައްސަލައަކީ ގާނޫނުއަސާސީއާ ޚިލާފު ސުވާލެއްކަމަށް ބުނެ ހުށަހެޅުނު މައްސަލައެއް ކަމުން، މުޅި ގައުމުގެ ނަޒަރު ހުއްޓިފައިވަނީ މި ހުކުމަށެވެ.

  • ރެފެރެންޑަމްގެ މައްސަލައިގެ ހުކުމް މާދަމާ މެންދުރު އެކެއް ޖަހާއިރު އިއްވާނެ.
  • މައްސަލަ ހުށަހެޅީ ގާނޫނީ ވަކީލު އިބްރާހީމް ޝިޔާމާއި އައިކު އަހުމަދު އީސާ.
  • މައްސަލައިގެ މައިގަނޑު މައްސަލައަކީ ވޯޓުގެ ސުވާލު ފަރުމާކުރެވިފައިވާ ގޮތް.
  • ދައުލަތުން ބުނަނީ ވޯޓު ނެގުމުގެ އިޚުތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ކަމަށް.

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއްކޮށްލުމާ މެދު ރައްޔިތުންގެ ޚިޔާލު ހޯދަން ނަގާ ރެފެރެންޑަމް ވޯޓު ނެގުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނެރުއްވި ގަރާރުގައި ހުށަހަޅާފައިވަނީ ގާނޫނުއަސާސީއާ ޚިލާފު ސުވާލެއް ކަމަށް ބުނެ، ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމް މާދަމާ މެންދުރު ކުރުމަށް ތާވަލުކޮށްފިއެވެ.

ރެފެރަންޑަމާ ގުޅޭ ދުސްތޫރީ މައްސަލައަކީ ގާނޫނީ ވަކީލު އިބްރާހީމް ޝިޔާމާއި އައިކު އަހުމަދު އީސާ ހުށަހެޅުއްވި މައްސަލައެކެވެ. މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކޮށް، ރިޔާސީ އިންތިހާބާއި މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމާ މެދު ނަގާ ރެފެރެންޑަމް ވޯޓު ހުއްޓުވުމަށް އެދި، އެޓާނީ ޖެނެރަލްގެ އޮފީހާއި ރައީސުލް ޖުމްހޫރިއްޔާގެ އޮފީހާއި އިލެކްޝަންސް ކޮމިޝަނަށް ރައްދުވާ ގޮތަށް ހުށަހަޅާފައިވާ މި މައްސަލައިގެ ހުކުމް ކުރާނީ މާދަމާ މެންދުރު އެކެއް ޖަހާއިރުއެވެ.

މި ދިޔަ ހަފްތާގައި މި މައްސަލައިގެ އެއް އަޑުއެހުން ބޭއްވުމަށް ފަހުގައި, އަޑު އެހުން ސުޕްރީމް ކޯޓުގައި ނިންމާފައިވާއިރު، އެ އަޑު އެހުމުގައި މައްސަލަ ހުށަހެޅުއްވި ފަރާތުން ވިދާޅުވެފައި ވަނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ޖެހެނީ މަޖިލީހުގެ އުމުރު ބަދަލުކުރަން ނިންމާނަމަ ވޯޓަކަށް ދާން ގާނޫނުއަސާސީ ލާޒިމުކުރާތީ ކަމަށެވެ. އެހެންވެ އެ ވޯޓުގައި މި މަޖިލީހުގެ ދައުރު ކުރުކުރަން ފެނޭތޯ ސުވާލުކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި ރައީސްގެ އިހުތިޔާރުގައި އޮތް ކަމެއް ކުރަން ޖެހޭނީ ގާނޫނުއަސާސީގެ މަގުސަދު ހާސިލްކުރެވޭ ގޮތަށް ކަމަށް ވެސް މައްސަލަ ހުށަހެޅުއްވި ފަރާތުން ވަނީ ވިދާޅުވެފައެވެ.

އެ ކަމަށް ރައްދު ދެއްވައި ދައުލަތުގެ ވަކީލުން ޝަރީއަތުގައި ވިދާޅުވެފައިވަނީ ސުވާލު އިބާރާތްކުރަން ޖެހޭނެ ގޮތެއް ނުވަތަ ފަރުމާކުރަން ޖެހޭ ވަކި ގޮތެއް ގާނޫނުއަސާސީގައި ބަޔާންކޮށްފައި ނެތް ކަމަށެވެ. އެކަން ދޫކޮށްލާފައި އޮތީ ރައީސަށް ކަމަށާއި އެކަން ކުރެވޭނެ ގޮތްތަކުގެ އިޖުރާއަތްތައް ބަޔާންކުރަނީ ހިޔާލު ހޯދުމުގެ ވޯޓު ނަގާ ގާނޫނުގައި ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ. ގާނޫނުގައި އޮތީ ރައީސް ނެރުއްވާ ގަރާރަކުން ސުވާލު ފަރުމާކުރަން ކަމަށް ވެސް ވަކީލް ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުގައި އެ މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތަކީ އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުޙައްމަދެވެ. މި މައްސަލައިގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ، އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން، ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް، ފަނޑިޔާރު ޙުސައިން ޝަހީދު އަދި ފަނޑިޔާރު ޢަބްދުﷲ ޙަމީދެވެ.

comment ކޮމެންޓް