ބޭނުންކުރީ މަޖާޒީ މިސާލު ބަހެއް، މައާފަށް އެދެން: ޝާހިދު

އެމްޑީޕީގެ ކުރީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވާހަކަދައްކަވަނީ --- ސަން ފޮޓޯ: އަހްމަދު ފިރްޔާލް

އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ކެމްޕޭން ޖަލްސާއެއްގައި ދެއްކެވި ވާހަކަފުޅެއްގައި ބޭނުންކުރެއްވި މަޖާޒީ ބަހުރުވައަކާ ގުޅިގެން އުފެދުނު ހިތްހަމަނުޖެހުންތަކަށްފަހު، އެކަމަށް އާންމުކޮށް މައާފަށް އެދިވަޑައިގެންފިއެވެ. ލޮލުގެ ފެނުމުން މަހުރޫމުވެފައިވާ ފަރާތްތަކުގެ ކަރާމާތަށް އުނިކަން ލިބޭ ގޮތަށް ވާހަކަފުޅު ދެއްކެވި ކަމަށް ބުނެ ޑިސްއެބިލިޓީ ކައުންސިލުން އެކަން ކުށްވެރިކުރުމުން، ޝާހިދު ވިދާޅުވީ އެއީ އެއްވެސް ހާލެއްގައި އެފަދަ ފަރާތްތަކަށް މަލާމާތް ކުރުމުގެ ނިޔަތުގައި ބޭނުންކުރެއްވި ބަހެއް ނޫން ކަމަށެވެ. އަދި ދިވެހި ބަހުގައި ހުރި މިފަދަ ބަސްބަހާމެދު ވިސްނައި، އެކަންކަން އިސްލާހު ކުރުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

  • އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ސަރުކާރަށް ފާޑުވިދާޅުވަމުން ބޭނުންކުރެއްވި މަޖާޒީ ބަހެއްގެ ސަބަބުން ލޮލުގެ ފެނުމުން މަހުރޫމުވެފައިވާ ފަރާތްތަކުގެ ކަރާމާތަށް އުނިކަން ލިބުނު ކަމުގެ ޝަކުވާތަކެއް ފެންމަތިވިއެވެ.
  • މިކަމާ ގުޅިގެން ޑިސްއެބިލިޓީ ކައުންސިލުން ޝާހިދުގެ ވާހަކަފުޅު ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބަޔާން ނެރުނެވެ.
  • ޝާހިދު ވަނީ އެއީ ދިވެހި ބަހުގެ ޒަމާންވީ މަޖާޒީ މިސާލެއްކަމަށާއި، ނަމަވެސް އެކަމުގެ ސަބަބުން ހިތްހަމަނުޖެހުން އުފެދުމުން މައާފަށް އެދޭ ކަމަށް ވިދާޅުވެފައެވެ.
  • އޭނާ ވަނީ ދިވެހި ބަސްފޮތުގައި ހުރި މިފަދަ ނޭދެވޭ ބަސްތައް އުނިކުރުމަށް ކަމާބެހޭ އިދާރާތަކަށް ގޮވާލައްވައި، މިކަމުގައި އެންމެންގެ އެއްބާރުލުން ބޭނުންވާކަން ފާހަގަކުރައްވާފައެވެ.

ކެމްޕޭން ޖަލްސާއެއްގައި ލޯފަން މީހުންނާ ގުޅުވައި ދެއްކުނު ވާހަކައަކާ ގުޅިގެން ކަންބޮޑުވުން ފާޅުކުރުމުން، އިދިކޮޅު އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު، ލޮލުގެ ފެނުމުން މަހުރޫމުވެފައިވާ ފަރާތްތަކުގެ ކިބައިން މައާފަށް އެދިވަޑައިގެންފިއެވެ.

ޝާހިދު މައާފަށް އެދިވަޑައިގަތީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ދެއްކެވި ވާހަކަފުޅަކާ ގުޅިގެން ޑިސްއެބިލިޓީ ކައުންސިލުން އެކަން ކުށްވެރިކޮށްފައި ވަނިކޮށެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ޖަލްސާގައި ޝާހިދު ވިދާޅުވެފައިވަނީ، މިހާރު ވެރިކަމުގައި އޮތް ޕީއެންސީގެ ސަރުކާރަކީ "ކަނަކު އިޝާ ނަމާދަށްދާހެން މަގުމައްޗަށް ނުކުމެ ލާހޫރެމުންދާ ސަރުކާރެއް" ކަމަށެވެ.

މި ވާހަކަފުޅާ ގުޅިގެން ޑިސްއެބިލިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސިޔާސީ ޕާޓީއެއްގެ އިސް ބޭފުޅަކު ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކަރާމާތަށް އުނިކަން ލިބޭ ފަދަ ގޮތަކަށް މަލާމާތް ރައްދުވާ ބަހުރުވައަކުން ވާހަކަދެއްކެވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

މިކަމާ ގުޅިގެން ޝާހިދު މިއަދު ވިދާޅުވީ، އެ ޖަލްސާގައި ސަރުކާރުގެ އަމަލުތައް ސިފަކޮށްދިނުމަށް ބޭނުންކުރެއްވި ބަހަކީ ދިވެހިބަހުގެ މަޖާޒީ މިސާލު ބަހެއް ކަމަށެވެ. އަދި އެއީ އެއްވެސް ހާލެއްގައި ލޮލުގެ ފެނުމުން މަހުރޫމުވެފައިވާ މީހުންގެ ކަރާމާތަށް އުނިކަމެއް ރައްދުކުރުމުގެ ނިޔަތުގައި ބޭނުންކުރި ބަހެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

"ދިވެހިބަހުގެ ޒަމާންވީ މިބަސް އަޅުގަނޑަށް ބޭނުންކުރެވިފައިވާތީ ލޮލުގެ ފެނުމުން މަހްރޫމްވެފައިވާ އެންމެ ބޭފުޅުންގެ އަރިހުން މައާފަށް އެދެމެވެ،" ޝާހިދު ވިދާޅުވިއެވެ.

https://sun.mv/219866

މީގެ އިތުރުން ޝާހިދު ވަނީ ދިވެހި ބަސްފޮތުގައި ހުރެދާނެ މިފަދަ ހުރިހާ ބަސްބަހެއް އުނިކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ގޮވާލައްވާފައެވެ. އަދި މިކަމުގައި ހުރިހާ ބޭފުޅުން ބައިވެރިވެވަޑައިގަތުމަށް ވެސް އޭނާ އެދިވަޑައިގަތެވެ.

comment ކޮމެންޓް