ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މަލާމާތް ރައްދުވާހެން ޝާހިދު ދެއްކެވިކަމަށް ބުނާ ވާހަކަތައް ކުށްވެރިކޮށްފި

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު: ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މަލާމާތް ރައްދުވާހެން ޝާހިދު ދެއްކެވި ވާހަކަތައް ކުއްވެރިކޮށްފި -- ފޮޓޯ: އެމްޑީޕީ

ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މަލާމާތް ރައްދުވާނޭހެން އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ދެއްކެވިކަމަށް ބުނާ ވާހަކަތަކަކާ ގުޅިގެން، އެކަން ޑިސްއެބިލިޓީ ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. މި މައްސަލަ ފެންމަތިވީ އެމްޑީޕީން ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި، މިހާރުގެ ސަރުކާރަށް ފާޑުވިދާޅުވުމުގެ ތެރޭގައި ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކަރާމާތް ގެއްލޭ ފަދަ ބަސްމަގުތަކެއް ޝާހިދު ބޭނުންކުރެއްވި ކަމަށް ތުހުމަތުކުރެވުމުންނެވެ. މިކަމާ ގުޅިގެން ކައުންސިލުން ނެރުނު ބަޔާނުގައި ވަނީ، މިފަދަ ޒިންމާދާރުކަން ކުޑަ ބަސްމަގުތައް ބޭނުންކުރުމަކީ މުޖުތަމައުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާކީވެ، އެ ފަރާތްތަކުގެ ހައްގުތަކަށް އުނިކަން ލިބޭނެ ކަމެއް ކަމަށް ބުނެފައެވެ.

  • އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ދެއްކެވި ވާހަކަތަކެއްގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މަލާމާތް ރައްދުވާ ފަދަ ބަސްމަގުތަކެއް ބޭނުންކުރެއްވި ކަމަށް ތުހުމަތުވުން.
  • ޑިސްއެބިލިޓީ ކައުންސިލުން މިކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެފަދަ ވާހަކަތަކަކީ ކަރާމާތަށް އުނިކަން ލިބޭ ކަމެއް ކަމަށް ކަނޑައެޅުން.
  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ގާނޫނުއަސާސީންނާއި ބައިނަލްއަޤްވާމީ މުއާހަދާތަކުން ކަށަވަރުކޮށްދީފައިވާކަން ކައުންސިލުން ހަނދާންކޮށްދިނުން.
  • މުޖުތަމައުއަކީ އެންމެން ޝާމިލުވާ ތަނަކަށް ހެދުމަށް ކުރާ މަސައްކަތަށް މިފަދަ ބަސްމަގުތަކުގެ ސަބަބުން ހުރަސް އެޅޭނެ ކަމަށް ބުނުން.

ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މަލާމާތް ރައްދުވާނޭހެން އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ދެއްކެވިކަމަށް ބުނާ ވާހަކަތަކެއް، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރާ، ޑިސްއެބިލިޓީ ކައުންސިލުން ކުށްވެރިކޮށްފިއެވެ.

އިދިކޮޅު އެމްޑީޕީއިން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ބެއްވި ކެމްޕެއިން ޖަލްސާއެއްގައި ޝާހިދު ވަނީ، މިހާރު ވެރިކަމުގައި އޮތް ޕީއެންސީގެ ސަރުކާރަކީ، "ކަނަކު އިޝާ ނަމާދަށްދާހެން މަގުމައްޗަށް ނުކުމެ ލާހޫރެމުންދާ ސަރުކާރެއް" ކަމަށް ވިދާޅުވެފައެވެ.

މިކަމާ ގުޅުވާ ޑިސްއެބިލިޓީ ކައުންސިލުން ނެރުނު ނޫސްބަޔާނުގައި ވަނީ، ސިޔާސީ ޕާޓީއެއްގެ އިސް ބޭފުޅަކު ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ބޭފުޅުންގެ ކަރާމާތައް އުނިކަން ލިބޭފަދަ ގޮތަކަށް، އެ ބޭފުޅުންނަށް މަލާމާތް ރައްދުވާފަދަ ބަހުރުވައަކުން ވާހަކަދައްކަވައިފައިވާތީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ ބައިނަލްއަޤްވާމީ މުއާހަދާތަކުންނާއި ގާނޫނުއަސާސީއިން ޚާއްސަ ރައްކާތެރިކަމެއް ލިބިގެންވާ ފަރާތްތަކެއް ކަމަށާއި ގާނޫނުގެ ދަށުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކަރާމާތަށް އިހްތިރާމްކުރުމާއި އަމިއްލަވަންތަކަމާއި މިނިވަންކަމާއެކު ދިރިއުޅުމުގެ ފުރުސަތު ލިބިގެންވާކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

އެހެންނަމަވެސް ސިޔާސީ ޕާޓީއެއްގެ އިސް ބޭފުޅަކު އެފަދަ މޭރުމަކުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މަލާމާތާއި ފުރައްސާރަކުރުމަކީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ޝާމިލުވާ މުޖުތަމައެއް ބިނާކުރުމަށް އެ ކައުންސިލުން ކުރާ ބުރަ މަސައްކަތަށް އެޅުނު ހުރަހެއްކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

އަދި އެފަދަ ބަސްތައް މުޖުތަމައުގައި އާންމުވެގެން ދިއުމަކީ، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އިންތިހާ ކަންބޮޑުވުން އޮތް ކަމެއް ކަމަށާއި، އެކަމުގެ ސަބަބަުން އެ މީހުންނަށް ތަފާތު ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ ކަމެއް ކަން ވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކަރާމާތަށް އުނިކަން ލިބޭ އަދި މަލާމާތް ރައްދުވާ މޭރުމަކުން ވާހަކަދައްކަވައިފައިވާތީ އެކަން ކުށްވެރިކޮށް، އެފަދަ ކަންތައްތައް ތަކުރާރު ނުކުރުމަށާއި، އެ ފަރާތްތަކުގެ ހައްގުތައް ކަށަވަރުކުރުމަށް އެ ކައުންސިލުން ކުރާ މަސައްކަތުގައި އެންމެހައި ފަރާތްތަކުން އަތުގުޅައި އެކުގައި މަސައްކަތް ކުރުމަށް ޑިސްއެބިލިޓީ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް