މެދުއިރުމަތީ ހަނގުރާމަ: "ވަކި އަތަކަށްނުޖެހޭ" ޚާރިޖީ ސިޔާސަތެއް ދަމަހައްޓަން ސަރުކާރަށް ބޮޑު ޓެސްޓެއް؟

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކަކީ ރާއްޖެ ފަދަ ކުދި ގައުމުތަކުގެ ޚާރިޖީ ސިޔާސަތަށް ވަރަށް ބޮޑު ޕްރެޝަރެއް ކުރިމަތިކުރުވާ ކަމެކެވެ. ރާއްޖެއަކީ ޒަމާނުއްސުރެ ވަކި އަތަކަށް ނުޖެހޭ، ހުރިހާ ގައުމަކާއެކު ވެސް ހަމަހަމަ ގުޅުމެއް ބާއްވާ ގައުމަކަށްވީ ނަމަވެސް، މިފަހަރުގެ ހާލަތަކީ އެ ސިޔާސަތު ދަމަހައްޓަން އުނދަގޫވެފައިވާ ދަނޑިވަޅެކެވެ. ބައިނަލްއަގްވާމީ މައިދާނުގައި ނެރޭ ބަޔާންތަކުން ފެށިގެން އެކި ގައުމުތަކާ އޮތް ގުޅުންތަކާ ހަމައަށް، ސަރުކާރުން ބޮޑު ޒިންމާއެއް އުފުލަން ޖެހިފައިވެއެވެ. ރާއްޖޭގެ ޚާރިޖީ ދާއިރާގެ ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި، ބައިނަލްއަގްވާމީ މައިދާނުގައި ނެރޭ ބަޔާންތަކުން ރާއްޖޭގެ ވިސްނުން ހާމަވެގެން ދެއެވެ. ވަކި ފަރާތަކަށް ބުރަވާ ކަމުގެ ތުހުމަތުތަކާއި، ގަލްފުގެ ގައުމުތަކާ އޮތް ގުޅުން ދެމެހެއްޓުމުގެ ޒިންމާއާ ދެމެދު ސަރުކާރުން ބޮޑު "ބެލެންސެއް" ހިފަހައްޓަން ޖެހިފައިވެއެވެ. މިއީ ހަމައެކަނި ޚާރިޖީ ގުޅުމެއް ނޫން، ގައުމުގެ އިގްތިޞާދީ އަދި ތަރައްގީގެ މަސްލަހަތުތަކާ ވެސް ގުޅިފައިވާ ކަމެކެވެ.

  • ރާއްޖެއަކީ ޒަމާނުއްސުރެ ވަކި އަތަކަށް ނުޖެހޭ ޚާރިޖީ ސިޔާސަތެއް ގެންގުޅޭ ގައުމެއް.
  • މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖޭގެ ޚާރިޖީ ސިޔާސަތަށް ބޮޑެތި ޕްރެޝަރުތަކެއް ކުރިމަތިވެފައިވޭ.
  • ބައިނަލްއަގްވާމީ ފޯރަމްތަކުގައި ނެރޭ ބަޔާންތަކަކީ ވަކި ފަރާތަކަށް ބުރަވާ ބަޔާންތަކެއް ކަމަށް ބައެއް ފަރާތްތަކުން ފާހަގަކުރޭ.
  • ގަލްފުގެ ގައުމުތަކާއި އޮތް ގުޅުމަކީ ރާއްޖޭގެ ތަރައްގީއާއި އިގްތިޞާދަށް މުހިންމު ކަމަކަށް ވާތީ، ޚާރިޖީ ސިޔާސަތުގައި ވަރަށް ބޮޑު ފަރުވާތެރިކަމެއް ގެންގުޅެން ޖެހޭ.

އިސްރާއީލާއި އެމެރިކާ އިސްވެ، އީރާނަށް ދިން ހަމަލައާއެކު ފެށިފައިއޮތް ބޮޑު ހަނގުރާމައިގައި މުޅި ދުނިޔެ ބައިވެރިކޮށްފިއެވެ. އެތައް ގޮތަކުން ގައުމުތަކަށް އޮތް ޕްރެޝަރު ބޮޑުވެއްޖެއެވެ. މި ހަނގުރާމައިގެ ނިމުން އަދިވެސް ނުފެންނައިރު، ކުރިމަތިވަމުން އަންނަ އިގްތިޞާދީ، ޚާރިޖީ ޕްރެޝަރުތަކާއެކު ކުދި ގައުމުތަކަށް އުފުލަންޖެހިފައި އޮތީ އަދި މާ ބޮޑު "ބޮލުގެ ރިހުމެކެވެ". އެއީ މި ހަނގުރާމައިގައި ވެސް ވަކި ގައުމަކަށް، ވަކި ވިސްނުމަކަށް ތާއީދުނުކޮށް ވަކި އަތަކަށް ބުރަނުވާ ސިޔާސަތެއް ގެންގުޅެން އޮތް ބޮޑު ގޮންޖެހުމެވެ. އަމިއްލަ ގައުމުގެ ތެރޭ ހާމަކުރާ ވާހަކަތަކާއި ބައިނަލްއަގްވާމީ މަސްރަހުގައި ދޭ ބަޔާންތަކުގައި އެ ހަމަހަމަކަން ދަމަހައްޓަން އޮތް ބޮޑު ގޮންޖެހުމެވެ. ޚާރިޖީ މައިދާނުގައި މިއަދު މިއީ ރާއްޖެއަށް ވެސް ފެންނަން އޮތް އެންމެ ބޮޑު ޗެލެންޖެވެ.

ރާއްޖޭގެ އަބަދުގެ ވެސް ސިޔާސަތު

ރާއްޖެއަށް އިނގިރޭސީންގެ ހިމާޔަތުން ލިބުނު މިނިވަންކަމާ އެކު މިހާތަނަށް ވެސް ދަމަހައްޓަމުން އައި އެންމެ ބޮޑު އެއް އަސާސަކީ، ރާއްޖެއާ އެކުވެރިކަން ބާއްވަން އެދޭ ކޮންމެ ގައުމަކާއެކު އެ ގުޅުން ދަމަހައްޓައި އެކުގައި މަސައްކަތް ކުރުމެވެ. ހަނގުރާމަތަކާއި ހަމަނުޖެހުންތަކަށް ނޫނެކޭ ބުނުމެވެ. މައްސަލަތައް ހައްލުކުރުމުގައި ޑިޕްލޮމެސީގެ އުސޫލު ގެންގުޅުމެވެ. ވަކި އަތަކަށް ބުރަނުވާ "ނޮން އެލައިންމަންޓް" ސިޔާސަތެއް ގެންގުޅުމެވެ.

މިފަދަ ސިޔާސަތެއް ރާއްޖެއަށް މުހިންމުވާ ސަބަބުތައް ވަރަށް ގިނައެވެ. އެއީ ކުޑަ ޖަޒީރާ ގައުމަކަށް ވެފައި، ރާއްޖޭގެ މަސްލަހަތު ކުރިއަރުވަން ރާއްޖެއާއެކު މަސައްކަތްކުރާ ގައުމުތައް ގިނަކުރުމެވެ. އެހީތެރިކަން ބޭނުންވާ ވަގުތުތަކުގައި އެހީދޭނެ ބޮޑެތި ގައުމުތައް ގާތުގައި ބޭއްތިބުމެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަތުރުވެރިން ރާއްޖެ ގެނެސް ލިބޭ އާމްދަނީއަކަށް އިގްތިޞާދު ބިނާވެފައި އޮތުމެވެ.

ނަމަވެސް މެދުއިރުމަތީގައި ހިނގަމުން އަންނަ ހަނގުރާމައާއެކު އިގްތިޞާދީ ގޮތުން ކުރިމަތިވި ލޮޅުންތަކާއެކު، ޚާރިޖީ ގޮތުން ވެސް ރާއްޖެއަށް ވަނީ އަސަރުކޮށްފައެވެ.

މި ދަތި ކުރިމަތި މިވީ ކީއްވެ؟

އިސްރާއިލުން އީރާނަށް ފޮނުވައިލި ފުރަތަމަ ހަމަލައާ އެކު ވެސް، އެކަން އެތައް ގައުމަކުން ކުށްވެރިކުރިއެވެ. ވަކިން ޚާއްސަކޮށް އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލުމުން ގިނަ ގައުމުތަކަކުން ތައުޒިޔާ ކީއިރު ވެސް ރާއްޖެއިން އެއްވެސް ބަހެއް ބުނެފައި އޮތްތަން ފެންނާކަށް ނެތެވެ. ހަނގުރާމައިގެ ތެރެއިން އީރާނުގެ ސްކޫލަކަށް ދިން ހަމަލާގައި 170 އަށްވުރެ ގިނަ ކުޑަކުދިން މަރައިލިއިރު އެކަން ކުށްވެރިކޮށްލުމުގެ ގޮތުން ވެސް ފުރަތަމަ ރަސްމީ ބަޔާނެއް ހިސާބު ވެސް ނެރެފައެއް ނުވެއެވެ. އެންމެ ފުރަތަމަ ވެސް ސީދާ ހަނގުރާމައަށް ނިސްބަތްކޮށް ޚާރިޖީ ވުޒާރާއިން ބަޔާނެއް އާންމުކޮށްފައިވަނީ މި މަހުގެ 10ވަނަ ދުވަހެވެ. އެއީ އީރާނުން ދޭ ހަމަލަތަކާއި، އިސްރޭލާއި އެމެރިކާއިން ވެސް ދޭ ހަމަލަތައް ކުށްވެރިކޮށް ހުއްޓައިލަން ގޮވައިލަމުންނެވެ.

މީގެ އިތުރުން ޖެނީވާގައި ރާއްޖެއިން އީރާނު އެކަނި ކުށްވެރިކޮށް ދިން ބަޔާނާއެކު ވެސް އާންމު ރައްޔިތުންނާއި، ޚާރިޖީ ދާއިރާގެ ކުރީގެ ތަޖުރިބާކާރުން ވެސް ފާޅުކުރި އެއް ކަންބޮޑުވުމަކީ ވަކި އަތަކަށް ބުރަވެފައި އޮތް ބަޔާނެއްގެ ގޮތުގައި އެ ބަޔާން ވުމެވެ.

https://sun.mv/219669

" ޚާރިޖީ ދާއިރާގައި ނެރޭ ބަޔާންތަކުގައި ފޮރުވިފައި އޮންނަ މެސެޖު އަސްލު އެންމެ ބޮޑަށް އިއްވައިދޭނީ އޭގައި ނުހިމަނާ ދޫކޮށްލާ ބައިތަކުން،" ޚާރިޖީ ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވިއެވެ.

2 މާރިޗު 2026: ރައީސް ޑރ. މުޙައްމަދު މުއިއްޒު ނޫސްވެރިންނާ ބައްދަލުކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް

ހަމައެއާއެކު ރައީސް ޑރ. މުޙައްމަދު މުއިއްޒު ލައިވްކޮށް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުންތަކުގައި ވެސް މި ހަމަލާތައް ކުށްވެރިކުރުމުގައި ގެންގުޅުއްވި ބަސްމަގާއެކު ވެސް، ސަރުކާރަށް "ބެލެންސެއް" ދަމަހައްޓަން އޮތް ދަތި ފެންނަކަމަށް ތަޖުރިބާކާރުން ހާމަކުރައްވައެވެ.

"އަޅުގަނޑަށް ފެންނަ އަނެއް ގޮންޖެހުމަކީ، ރާއްޖެއިން، ގަލްފުގެ ގައުމުތަކާއެކު، ޚާއްސަކޮށް ސައުދީ އަރަބިއްޔާ، ޔޫއޭއީ އަދި އެހެނިހެން އަރަބި ގައުމުތަކާއެކު ދަމަހައްޓަމުން އަންނަ ގުޅުން. މި ގައުމުތަކަކީ އީރާނާ އެކު އެންމެ ބޮޑަށް އެކުވެރިކަމުގެ ސިޔާސަތެއް ގެންގުޅޭ ގައުމުތަކެކޭ ބުނަން ދަތި. އެކަމު ރާއްޖެއަށް މި ގުޅުންތަކަކީ ތަރައްގީގެ އެހީއާއި، ދީނީ ކަންކަމަށް ލިބޭ މާލީ އެހީތެރިކަމަށް ބަލާނަމަ މުހިންމު ގުޅުންތަކެއް. އެހެންވީ އެ ގައުމުތައް ނުރުހޭފަދަ ނިންމުންތަކެއް އަޅުގަނޑުމެން ނިންމާނަމަ އެއީ މި ގައުމުތަކުން ވެސް ބަލާނެ ކަމެއްކަމަށް ގަބޫލުކުރެވެނީ،" އެ ބޭފުޅާ ވިދާޅުވިއެވެ.

ޚާރިޖީ ދާއިރާގެ މައި ތިއަރީތަކުގެ ތެރޭ ހިމެނޭ އެއް ތިއަރީއަކީ "ރިއަލިޒަމް" އެވެ. ކުދި ގައުމުތަކުގެ ވިސްނުމުން ބަލާއިރު، ރިއަލިޒަމްގެ ތިއަރީން ބުނެދޭ އެއް ކަމަކީ، މަރުކަޒީ ބާރެއް ނެތް ބައިނަލްއަގްވާމީ ނިޒާމެއްގެ ތެރޭގައި، އެންމެ ކުދި ދައުލަތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ބިނާވެފައިވަނީ ކުރިމަތިލުންތަކުގެ ބަދަލުގައި، ޙާލަތާ އެއްގޮތަށް ދޫދިނުމުގެ މައްޗަށް ކަމަށެވެ. އެކަމަކު މިފަދަ ހާލަތްތަކުގައި ވަކި ފަރާތަކަށް ނުޖެހުމުގެ ސިޔާސަތަކީ ހަމައެކަނި ކަންކަމާ އަޅާނުލާ ދޫކޮށްލުމެއް ނޫނެވެ. އޭގެ ބަދަލުގައި، އެއީ ވަރަށް ބޮޑަށް ވިސްނައި، ހިސާބުޖަހައިގެން އިޚްތިޔާރުކުރާ ރޭވުންތެރި އުކުޅެކެވެ.

ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

މިއީ މި ސަރުކާރަށް ޚާރިޖީ ދާއިރާގައި ކުރިމަތިވި އަލަތު އިމްތިހާނެއް ވެސް ނޫނެވެ. ޚާރިޖީ ގުޅުންތަކުގެ ނާޒުކުކަމާއި، ވެރީންގެ ހިތްޕުޅަށް އަރައިހާ ހުރިހާ ޚިޔާލުތަކެއް ބޭރުނުކުރުމުގެ މުހިންމުކަމާ ބެހޭ އިމްތިހާނެއް ވެސް ނިމިއްޖެއެވެ. ނަތީޖާއިން ހިތްގައިމެއް ނޫނެވެ. އެންމެ ގާތް އަވައްޓެރިޔާއާ "މޫނު ކެނޑުނެވެ". ގައުމުތަކާ އެކު އޮތް ގުޅުން ބަދަހިވެ ގައުމަށް އެ ގުޅުންތަކުގެ މަންފާ އެކަށީގެންވާ އަވަސް ދުވެލީގައި ދެ އަހަރުން ގެނެސްދެވޭތޯ ވެސް ވަޒަންކުރެވިއްޖެއެވެ. މާ ބޮޑު ނަތީޖާއެއް ނުފެނެއެވެ. ލިބުނު ހިލޭ އެހީ، އުންމީދުކުރި މިންވަރަށްވުރެ ވެސް ވީ ދަށެވެ.

މިފަހަރުގެ މި އިމްތިހާނަކީ، ދިވެހި ދައުލަތުން ޒަމާނުއްސުރެ ދަމަހައްޓަމުން އަންނަ، ވަކި އަތަކަށް ބުރަނުވާ، ވަކި ގައުމެއްގެ ނުފޫޒަށް ނުލެނބޭ ޚާރިޖީ ސިޔާސަތު ދެމެހެއްޓުމުގެ ހިތްވަރު ހުރިތޯ ވަޒަން ކުރާ އިމްތިހާނެވެ. ވިސްނުންތެރިކަން އިސްކުރަންޖެހޭ މި އިމްތިހާނުން މިހާތަނަށް ފެނުނު ނަތީޖާއިން ދައްކަނީ މިއީ ބޮޑު ޗެލެންޖެއްކަމެވެ.

comment ކޮމެންޓް