މިއީ މޫސުމީ ވާހަކައަކީ ބާވައެވެ؟ ވަރަށް ގިނައިން އިވޭ އަޑުތަކެކެވެ. ވަރަށް ގިނަ ޤައުމުތަކުގައި ވެސް ވަރަށް ހަރުއަޑުން ދައްކާ ވާހަކައެކެވެ. އިންތިޚާބުގެ ދުވަސްވަރު ކެންޑިޑޭޓުން ނުވަތަ އެމީހުންގެ ފަރާތުން ފައިސާ ނުވަތަ ހަދިޔާ ދިނުމާއި، ވޯޓުލާ މީހުން އެފަދަ ތަކެތި ހިފުމަކީ، ހިނގަމުންދާ ޢަމަލުތަކެކެވެ. މިއީ ރާއްޖޭގައި ވެސް ހިނގާ ކަންކަމެވެ. އެހެންނަމަވެސް މިއީ ދިވެހިރާއްޖޭގެ ޤާނޫނުތަކުގެ ދަށުން ނުހަނު ބޮޑެތި އަދަބުތައް ކަނޑައެޅިފައިވާ ޖިނާއީ ކުށްތަކެކެވެ. މިކަމާ ގުޅޭގޮތުން ކުރުކޮށް އަލިއަޅުވާލަމެވެ.
އިންތިޚާބީ ރިޝްވަތާއި އޭގެ ޤާނޫނީ ނަތީޖާ: ދިވެހި ޤާނޫނީ ނިޒާމުގެ ތެރެއިން
އިންތިޚާބުތަކަކީ ޑިމޮކްރެޓިކް ނިޒާމެއްގެ އެންމެ މުހިންމު އެއް ތަނބެވެ. މި ނިޒާމު ސާފުކަންމަތީ ދެމެހެއްޓުމަށްޓަކައި، ވޯޓަށް ނުފޫޒު ފޯރުވުމަށް ކުރެވޭ އެންމެހައި ކަންކަމަކީ ކުށްތަކެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. "ދޭ ބަޔަކު ދޭނެ" ކަމަށް ބުނެ، އިންތިޚާބާ ދިމާކޮށް ބަހާ ފައިސާ ނުވަތަ ހަދިޔާގައި ހިފުމަކީ ހަމައެކަނި އަޚްލާޤީ މައްސަލައަކަށް ވުރެ ބޮޑަށް، ޖިނާއީ ބޮޑު ކުށެކެވެ.
ރިޝްވަތުގެ މާނައާއި މަނާކުރެވިފައިވާ ކަންކަން
އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނުގެ (2008/11) 74 ވަނަ މާއްދާގެ (ހ)ގެ (12) ވަނަ ނަންބަރުގައި ބަޔާންކުރާ ގޮތުން، އިންތިޚާބު އިޢުލާންކުރާ ތާރީޚުން ފެށިގެން އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާންކުރާތާ 30 ދުވަހުގެ ނިޔަލަށް، ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށްޓަކައި ނުވަތަ އެހެން ކެންޑިޑޭޓެއްގެ އިންތިޚާބީ ޙައްޤަކަށް ނުރަނގަޅު އަސަރު ފޯރުވުމަށް އެއްވެސް ފައިސާއެއް، މަންފާއެއް ނުވަތަ ޚިދުމަތެއް ދިނުމަކީ ރިޝްވަތު ދިނުން ކަމުގައި ބެލެވޭނެއެވެ.
މީގެ އިތުރުން ސަމާލުވާންޖެހޭ މުހިންމު ބައެއް ކަންކަން މިތާނގައި ލިޔެލާނަމެވެ.
ނުސީދާ ރިޝްވަތު
ފައިސާގެ އިތުރުން، ވަކި މީހަކަށް ނުވަތަ ޖަމާޢަތަކަށް ދޭ މަންފާއާއި ޚިދުމަތް ވެސް މީގެ ތެރޭގައި ހިމެނެއެވެ. މިހާރަކަށް އައިސް އެންމެ ގަދައަށް އިވޭ އަޑަކީ، އެވެނިތަނަކުން މިވެނި މީހަކަށް ނުވަތަ ޢާއިލާގެ ބަޔަކަށް ނުވަތަ ގުރޫޕަކަށް ވަޒީފާ ދީފިއެވެ. ނުވަތަ ފައިސާތަކެއް ދީފިއެވެ. ރިޝްވަތު ދިނުމެކޭ އެއްފަދައިން، ރިޝްވަތުގައި ހިފުމަކީ ވެސް ކުށެކެވެ. ރިޝްވަތު ދޭން ހުށަހެޅުމާއި، އޭގައި ހިފަން އެއްބަސްވުމަކީ ވެސް ޖިނާއީ ކުށެކެވެ.
ކަނޑައެޅިފައިވާ އަދަބުތައް
އިންތިޚާބީ ރިޝްވަތުގެ ކުށަށް ދިވެހި ޤާނޫނުގައި އޮތީ ނުހަނު ހަރުކަށި އަދަބުތަކެކެވެ. އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނަށް ގެނެވުނު 5 ވަނަ އިޞްލާޙުގެ (3/2024) ދަށުން މި އަދަބުތައް ވަނީ ބޮޑުކޮށްފައެވެ:
ތަޙުޤީޤުކުރުމާއި ޝަކުވާ ހުށަހެޅުން
އިންތިޚާބީ ރިޝްވަތުގެ މައްސަލަތައް ބަލައި ތަޙުޤީޤުކުރުމުގެ ޚާއްޞަ އިޚްތިޞާޞް ލިބިގެންވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަނަށެވެ އިންތިޚާބުތަކާ ގުޅިގެން ހުށަހެޅޭ ޝަކުވާތައް ބެލުމުގެ އިޖުރާއަތުތަކުގެ ދަށުން، ކޮރަޕްޝަނުގެ މައްސަލަތައް ފިޔަވައި އެހެނިހެން ޖިނާއީ މައްސަލަތައް އިލެކްޝަންސް ކޮމިޝަނުން ވެސް ބަލާނެއެވެ.
އިންތިޚާބުގެ ދުވަސްވަރު ވޯޓުގެ ބޭނުމުގައި "ދޭ އެއްޗެއްގައި ހިފުމަކީ" ހަމައެކަނި ލިބޭ މަންފާއެއް ނޫނެވެ. އެއީ ތިމާ ޖިނާއީ ކުށެއްގެ ތެރެއަށް ވަދެ، ބޮޑު ޖޫރިމަނާއެއް ނުވަތަ ޖަލު އަދަބަކާ ކުރިމަތިލާން ޖެހިދާނެ ކަމެކެވެ. އަދި އެފަދަ ކަންކަމުގެ ސަބަބުން މުޅި އިންތިޚާބުގެ ނަތީޖާ ބާޠިލުވުމުގެ ފުރުޞަތު އޮންނާތީ، އިންތިޚާބީ ނަޒާހަތްތެރިކަން ދެމެހެއްޓުމަށްޓަކައި އެފަދަ ކަންކަމުން ދުރުހެލިވުމަކީ ކޮންމެ ފަރުދެއްގެ ޤާނޫނީ ވާޖިބެކެވެ. މީގެ އިތުރުން ރިޝްވަތު ދިނުމާއި، ރިޝްވަތު ހިފުމަކީ ބޮޑު ފާފައެއްކަން އިސްލާމް ދީނުގައި ކަނޑައަޅުއްވާ އެކަމުން ދުރުވުމަށް ވަނީ އަންގަވާފައެވެ. ވީމާ، ރިޝްވަތު ދިނުމާއި، ރިޝްވަތުގައި ހިފުމުގެ މި ނުބައި އާދައިން ސަލާމަތްވާން ޖެހެއެވެ. ރިޝްވަތަށް ނޫނެކޭ ބުނާށެވެ.