ހުޅުމާލޭގައި ޖުމްލަ 1،300 ވެހިކަލްގެ ޖާގައިގެ 13 ބުރީގެ ޕާކިން އިމާރާތެއްގެ ބިންގާ މިއަދު އަޅައިފިއެވެ.
އެކަމަށް ޚާއްސަކޮށްގެން މިއަދު ބޭއްވި ރަސްމިއްޔާތުގައި ޕާކިން އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީނެވެ. މި ޕްރޮޖެކްޓުގެ މަސައްކަތް 24 މަސްތެރޭ ނިންމުމަށް ވަނީ ހަމަޖެހިފައެވެ.
މިއަދު ބިންގާއެޅި ޕާކިން ބިލްޑިންއަކީ، ދެފުރޮޅުލީ 500 އުޅަނދާއި ހަތަރު ފުރޮޅުލީ 800 އުޅަނދުގެ ޖާގައިގެ، ވެހިކަލް އެލެވޭޓަރާއި ރޭމްޕްގެ އިތުރުން ހާއްސަ ވިޔަފާރި ޖާގަތަކާ އެކު ތަރައްގީކުރާ އިމާރާތެކެވެ.
އިމާރާތުގެ ބިންގާއެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ޓަރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ވަނީ މާލެ ސަރަހައްދުގެ މަގުތަކުގައި ވެހިކަލްތައް ގިނަވެ، ޕާކުކުރެވޭނޭ ސަރަހައްދެއް ނެތި ވެހިކަލް ރަޖިސްޓްރީ ކުރުމަށް ގަރާޖުނުލިބޭ ހާލަތު ބަދަލުކުރުމަށް، މިއަދު ބިންގާ އެޅި ޕާކިން ބިލްޑިންގެ ދަށުން ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ވިދާޅުވެފައެވެ.
މިނިސްޓަރު ވިދާޅުވީ، މި މަޝްރޫއަކީ ޕްރައިވެޓް ސެކްޓާ އިނީޝިއޭޓެޑް ޕްރޮޖެކްޓު (ޕީއެސްއައިޕީ)ގެ އުސޫލުން ބެޗް ކޮންސްޓްރަކްޝަނުން ގާއިމްކުރުމަށް ހަމަޖެހިފައިވާ ވަރަށް ޒަމާނީ އަދި ޕާކިން އިމާރާތަކުން ލިބެންޖެހޭ ހުރިހާ ވަސީލަތްތަކެއް ހިމެނޭ ޕްރޮޖެކްޓެއް ކަމަށެވެ.

ހުޅުމާލޭގައި، 1،300 ވެހިކަލްގެ ޖާގައިގެ 13 ބުރީގެ ޕާކިން ބިލްޑިންއެއްގެ ބިންގާއަޅެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް
ސަރުކާތުގެ މި މަޝްރޫގެ ތެރޭގައި ހިމެނޭ އިތުރު ހަ ޕާކިން ބިލްޑިންގެ މަސައްކަތްވެސް ދިވެހި ހަ ކުންފުންޏެއްގެ ދަށުން ވަރަށް އަވަހަށް ފެށިގެންދާނެ. ސަރުކާރުގެ ޕްލޭނާ އެއްގޮތަށް ހުޅުމާލޭގައި ގާއިމްކުރާ ހަތް ޕާކިން ބިލްޑިންއިން، ކަނޑައެޅިފައިވާ އުސޫލުގެތެރެއިން ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން އާންމު ޚިދުމަތް ރާވާފައިވާ ފަރާތްތަކަށާއި، ހާއްސައެހީއަށް ބޭނުންވާ ފަރާތްތަަަކަށް ވަކި އިންސައްކަތައެއް ވާނީ ކަނޑައެޅިފައި. ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން
އަމީން ވިދާޅުވީ ސަރުކާރުން ޕްލޭންކޮށްފައިވާ ޕާކިން ބިލްޑިންތަކުގެ މަސައްކަތް ނިމުމުން މާލޭގެ މަގުތައް އަމާންވެ ވެހިކަލް ރަޖިސްޓްރީކުރުމަށް ދިމާވެފައިވާ މައްސަލަތަކަށް ވަރަށް ބޮޑު ހައްލެއް ލިބޭނެ ކަމަށެވެ.

ހުޅުމާލޭގައި، 1،300 ވެހިކަލްގެ ޖާގައިގެ 13 ބުރީގެ ޕާކިން ބިލްޑިންއެއްގެ ބިންގާއަޅެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް
އެގޮތުން ހުޅުމާލޭގެ މާސްޓާ ޕްލޭނާ އެއްގޮތަށް ޕީއެސްއައިޕީ އުސޫލުން ފޭސް އެކެއްގައި ތިން ޕާކިން ބިލްޑިންއާއި ފޭސް ދޭއްގައި ހަތަރު ޕާކިން ބިލްޑިން އެޅުމަށް ނިންމައި، މަސައްކަތް ފެށުމުގެ މަރުހަލާ މިހާރު ކުރިއަށް ދާކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އެ ޕާކިން ބިލްޑިންތަކުގައި ޕްރައިވެޓް އަދި ޕަބްލިކް ޕާކިންއަށް ޖާގަ ހިމެނިފައިވާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
މާލެ އާއި ހުޅުމާލޭގައި ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ޕާކުކުރާނެ ޖާގަ ނެތުމުގެ މައްސަލައެވެ. ހާއްސަކޮށް ގިނަ ބަޔަކު ހުޅުމާލެއަށް ހިޖުރަކުރަމުންދާތީ އެ ސަރަހައްދުގައި އުޅަނދުތައް ވަނީ އިންތިހާއަށް އިތުރުވެފައެވެ. މައި މަގުތަކުގެ ދެ ފަރާތުގައި ކާރާއި ސައިކަލުތައް ޕާކުކޮށްފައި އޮތުމުގެ ސަބަބުން ދުއްވާ އެއްޗެއްސަށާއި ހިނގާ މީހުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވެއެވެ.