ޔޫރަޕްގައި 12 ޓަނުގެ ކިޓްކެޓް ޗޮކްލެޓް ހިފައިގެން ދަތުރުކުރި ލޮރީއެއް ވަގަށް ނަގައިފި

ކިޓްކެޓް ޗޮކްލެޓް. ޔޫރަޕްގައި 12 ޓަނުގެ ކިޓްކެޓް ހިފައިގެން ދަތުރުކުރި ލޮރީއެއް ވަނީ ވަގަށް ނަގާފައި. ފޮޓޯ/އޭޕީ

ޔޫރަޕްގެ ގައުމުތަކުގެ ދެމެދުގައި ކުރެވޭ ވިޔަފާރިއާއި މުދާ އުފުލުމުގެ ނިޒާމަށް ބޮޑު ގޮންޖެހުމެއް ކުރިމަތިކުރުވަމުން، 12 ޓަނުގެ ކިޓްކެޓް ޗޮކްލެޓް ވަގަށް ނެގުމުގެ ހާދިސާއެއް ވަނީ ހިނގާފައެވެ. މި މުދާ އުފުލަމުން ދިޔަ ލޮރީ، އިޓަލީން ޕޮލެންޑަށް ދަތުރުކުރަމުން ދަނިކޮށް ގެއްލިފައިވާއިރު، މިކަމުގެ ސަބަބުން ނެސްލޭ ކުންފުންޏަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. މިއީ މުދާ އުފުލުމުގެ ސަލާމަތީ ފިޔަވަޅުތަކާ މެދު ސުވާލު އުފެދޭ ކަމެކެވެ. ކުންފުނިން ވަނީ މި ޗޮކްލެޓްތައް ނުރަސްމީ ބާޒާރުތަކުގައި ވިއްކުމުގެ ފުރުސަތު ބޮޑުކަމަށް ބުނެ އާންމުންނަށް އިންޒާރު ދީފައެވެ. އަދި މި މުދާ ދެނެގަތުމަށްޓަކައި ބޭނުންކުރާ ހާއްސަ ކޯޑުތަކެއްގެ މައުލޫމާތުވެސް ހާމަކޮށްފައިވެއެވެ.

  • 12 ޓަނުގެ ކިޓްކެޓް ޗޮކްލެޓް ވަގަށް ނަގާފައިވޭ
  • މުދާ އުފުލަމުން ދިޔަ ލޮރީ އިޓަލީން ޕޮލެންޑަށް ދަތުރުކުރަމުން ދަނިކޮށް ގެއްލުނު
  • ވަގަށް ނެގި ޗޮކްލެޓްތައް ނުރަސްމީ ބާޒާރުގައި ވިއްކާފާނެ ކަމުގެ އިންޒާރު ދީފައިވޭ
  • ކޮންމެ ޗޮކްލެޓް ބާއެއްގައިވާ ހާއްސަ ބެޗް ކޯޑު މެދުވެރިކޮށް މުދާ ދެނެގަނެވޭނެ

ޔޫރަޕްގައި 12 ޓަނުގެ ނެސްލޭ ކިޓްކެޓް ޗޮކްލެޓް ވަގަށް ނަގައިފިއެވެ.

ކިޓްކެޓް ޗޮކްލެޓް އުފައްދާ ސްވިޒަލޭންޑުގެ މަޝްހޫރު ނެސްލޭއިން ބުނީ ކިޓްކެޓް ޗޮކްލެޓް ބްރޭންޑްގެ ގާތްގަނޑަކަށް 12 ޓަނު ނުވަތަ 413،793 ބާ ވަގަށް ނަގާފައި ވަނީ މި ހަފްތާގެ ކުރީކޮޅު އިޓަލީގައި ހުންނަ އެ ކުންފުނީގެ ޕްރޮޑަކްޝަން ސައިޓުން ޕޮލެންޑަށް ދިޔަ މަގުމަތީގައި ކަމަށެވެ.

ސްވިޒަލޭންޑްގެ ވެވޭގައި ހުންނަ ކިޓްކެޓް އުފައްދާ ކުންފުނިން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ވަގަށް ނެގި ޗޮކްލެޓް ބަރުކޮށްފައިވާ ލޮރީ އަދިވެސް ނުފެނެއެވެ.

އެ ޗޮކްލެޓްތައް ޔޫރަޕްގެ މާކެޓްތަކުގެ ނުރަސްމީ ގޮތެއްގައި ވިއްކާފާނެ ކަމުގެ އިންޒާރު އެ ކުންފުނިން ވަނީ ދީފައެވެ. ނަމަވެސް ކޮންމެ ޗޮކްލެޓް ބާއެއްގައިވާ "ޔުނީކް ބެޗް ކޯޑް" އެއް އިންނާނެ ކަމަށާއި އެހެންވެ އެ ކޯޑު ސްކޭން ކޮށްގެން، އެއީ ވަގަށް ނަގާފައިވާ ބެޗްގެ އެއްޗެއްތޯ ދެނެގަނެވޭނެ ކަމަށް ކުންފުނިން ބުނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް