އިންޑިއާގެ އެންމެ ނުފޫޒުގަދަ ފިލްމު ޑައިރެކްޓަރުންގެތެރޭ ހިމެނޭ ވިވެކް އަގްނިހޯތުރީ އާއި ޓީ-ސީރީސްގެ ވެރިޔާ ބުޝަން ކުމާރު ގުޅިގެން "އޮޕަރޭޝަން ސިންދޫރު"ގެ ނަމުގައި ފިލްމެއް އުފައްދާނެކަން އިއުލާނުކޮށްފިއެވެ.
މި ފިލްމަކީ ރިޓަޔަރޑް ލެފްޓިނެންޓް ޖެނެރަލް ކޭޖޭއެސް 'ޓައިނީ' ދިލަން ލިޔުއްވާފައިވާ 'އޮޕަރޭޝަން ސިންދޫރު: ދި އަންޓޯލްޑް ސްޓޯރީ އޮފް އިންޑިއާސް ޑީޕް ސްޓްރައިކްސް އިންސައިޑް ޕާކިސްތާން' މި ފޮތުގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ.
ބޫޝަން ކުމާރު އަދި ޑައިރެކްޓަރު ވިވެކް ރަންޖަން އަގްނިހޯތުރީ ބުރާސްފަތި މި ފިލްމު ރަސްމީކޮށް އިޢުލާންކޮށްފައިވާއިރު މިއީ، ކަޝްމީރުގެ އިންޑިއާ ފަޅީގައި އޮންނަ ޕަހަލްގާމަށް ދެވުނު ނުރައްކާތެރި ޓެރަރިސްޓް ހަމަލާއަށްފަހު، ޕާކިސްތާނާއި ޕާކިސްތާނުގެ ބާރުގެ ދަށުގައިވާ ކަޝްމީރުގެ ސަރަހައްދުތަކުގައި ހުރި ޓެރަރިސްޓް މަރުކަޒުތަކަށް އަމާޒުކޮށް އިންޑިއާގެ އަސްކަރިއްޔާއިން ހިންގި ޚާއްޞަ އޮޕަރޭޝަނުގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ.

"އޮޕަރޭޝަން ސިންދޫރު"ގެ ޕޯސްޓަރެއް--ފޮޓޯ/އެންޑީޓީވީ
ޓީ-ސީރީޒް އާއި އައި އެމް ބުދާ ޕްރޮޑަކްޝަންސް ގުޅިގެން އުފައްދާ މި ފިލްމު ޑައިރެކްޓް ކުރާނީ އަގްނިހޯތުރީއެވެ. ފިލްމު އުފައްދާ ފަރާތްތަކުން ހާމަކުރި ގޮތުގައި، މި ފިލްމުން ދައްކުވައިދޭނީ އިންޑިއާގެ ތާރީޚުގައި ނިންމުނު ހިތްވަރުގަދަ އަދި ކަނޑައެޅިގެންވާ އަމާޒުތަކަކަށް ދެވުނު ކާމިޔާބު ހަމަލާތަކެއްގެ ވާހަކައެވެ.
ހަމައެއާއެކު މި ފިލްމަކީ ޕަހަލްގާމަށް ދެވުނު ހަމަލާއަށް ދެވޭ ސިނަމެޓިކް ރައްދެއްގެ ގޮތުގައި ޓީ-ސީރީސް އާއި ވިވެކްގެ ފިލްމު ކުންފުނިން ވަނީ ސިފަކޮށްފައެވެ.
ބޫޝަން ކުމާރު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބައެއް ވާހަކަތަކަކީ އަމިއްލައަށް އިޚްތިޔާރުކުރާ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ތެދުވެރިކަމާއި ޒިންމާދާރުކަމާއެކު ކިޔައިދޭން މަޖުބޫރުވާ ފަދަ ވާހަކަތަކެއް ކަމަށެވެ. އަދި މިއީ ހަމައެކަނި ފިލްމެއް ނޫން ކަމަށާއި، މިއީ ގައުމެއްގެ ތާރީޚުގައި ހިނގާފައިވާ މުހިންމު ކަންތައްތަކެއްގެ ހަގީގަތް ހާމަކޮށްދޭނެ އުފެއްދުމެއް ކަމަށް އޭނާ ފާހަގަކުރިއެވެ.
ވިވެކް އަގްނިހޯތުރީ ބުނި ގޮތުގައި މި ފިލްމުގެ މަގުސަދަކީ ހިނގާދިޔަ ކަންތައްތަކުގެ ތަފްސީލީ އަދި ފުން މައުލޫމާތުތަކެއް އާންމުންނަށް ގެނެސްދިނުމެވެ.
އޭނާ އިތުރަށް ބުނީ، 'އޮޕަރޭޝަން ސިންދޫރު' މެދުވެރިކޮށް އިންޑިއާއިން ހަމައެކަނި ބަދަލުހިފީ ނޫން ކަމަށާއި، ޒަމާނީ ހަނގުރާމައިގެ އުކުޅުތަކުގައި އިންޑިއާގެ ހުރި ވަރުގަދަކަން މުޅި ދުނިޔެއަށް ދައްކާލާފައިވާ ކަމަށެވެ.
މި ފިލްމަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށްޓަކައި އިންޑިއާގެ އަސްކަރިއްޔާގެ އެކި ދާއިރާތަކާ ގުޅިގެން ވަރަށް ފުޅާ ދާއިރާއެއްގައި ދިރާސާކޮށްފައިވާ ކަމަށާއި، އާންމުންނަށް ނޭނގޭ އެތައް ހަގީގަތްތަކެއް މި ފިލްމުން ފެންނާނެ ކަމަށް ވެސް ވިވެކް ވަނީ ބުނެފައެވެ.
"ދަ ކަޝްމީރު ފައިލްސް" ފަދަ ފިލްމުތައް އުފެއްދި އަގްނިހޯތުރީ ބުނީ އޭނާ އަބަދުވެސް މަސައްކަތް ކުރަނީ ދައްކަން އުނދަގޫ ނަމަވެސް، ބެލުންތެރިންނަށް ދެއްކުން މުހިންމު ވާހަކަތައް ސިނަމާ މެދުވެރިކޮށް ގެނެސްދިނުމަށް ކަމަށެވެ.