އިސްރާއީލުގެ ވައިޓް ފޮސްފެރަސް ބޮން އުފައްދާ ކާރުޚާނާއަށް އީރާނުން ހަމަލާދީ އެތަން ހަލާކުކޮށްލައިފި

އިސްރާއީލުގެ ވައިޓް ފޮސްފެރަސް ބޮން އުފައްދާ ކާރުޚާނާއަށް އީރާން ދިން ހަމަލާގައި އެތަނުގައި އަލިފާން ރޯވެފައި

މިއަދަކީ 27 މާޗް 2026 އެވެ. ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، އިސްރާއީލުގެ ނަގަބް ސަހަރާގައި ގާއިމުކޮށްފައިވާ ވައިޓް ފޮސްފެރަސް ބޮން އުފައްދާ މައި ކާރުޚާނާއަށް އީރާނުން ވަރުގަދަ ހަމަލާތަކެއް ދީ، އެތަން ވަނީ ބޮޑުތަނުން ހަލާކުކޮށްލާފައެވެ. މި ހަމަލާ ދީފައިވަނީ ކްލަސްޓާ މިސައިލް ބޭނުންކޮށްގެން ކަމަށާއި، މި ހަމަލާގެ ސަބަބުން އެ ކާރުޚާނާގައި ބޮޑެތި އަލިފާނުގެ ހާދިސާތައް ހިނގާފައިވާކަން އެނގިފައިވެއެވެ. މި ހަމަލާއަކީ އިސްރާއީލުގެ އަސްކަރީ އަދި ހަތިޔާރު އުފައްދާ ސިނާއަތްތައް ބަލިކަށި ކުރުމަށް އީރާނުން ފަށާފައިވާ ހާއްސަ އޮޕަރޭޝަންތަކުގެ ދަށުން ދިން ހަމަލާއެއް ކަމަށް އީރާނުގެ ރިވޮލިއުޝަނަރީ ގާޑުންގެ ކޮމާންޑަރަކު ވަނީ ވިދާޅުވެފައެވެ. ވައިޓް ފޮސްފެރަސް ބޮމަކީ ބައިނަލްއަގްވާމީ ގޮތުން ހަނގުރާމައިގައި ބޭނުންކުރުން ހަނިކޮށްފައިވާ ނުރައްކާތެރި ހަތިޔާރަކަށްވީ ނަމަވެސް، އިސްރާއީލުން ޣައްޒާ އަދި ލުބްނާނާ ދެކޮޅަށް ހިންގާ އުދުވާނީ ހަމަލާތަކުގައި މި ހަތިޔާރު ފުޅާ ދާއިރާއެއްގައި ބޭނުންކުރަމުން ދިއުމަކީ ބޮޑު ކަންބޮޑުވުމެކެވެ.

  • އީރާނުން ދިން ކްލަސްޓާ މިސައިލް ހަމަލާތަކުގައި އިސްރާއީލުގެ ނަގަބް ސަހަރާގައި ހުރި ވައިޓް ފޮސްފެރަސް އުފައްދާ ކާރުޚާނާ މުޅިންހެން ހަލާކުވެފައިވޭ.
  • މި ހަމަލާއަކީ އިސްރާއީލުގެ ހަތިޔާރު އުފައްދާ އިންޑަސްޓްރީއަށް އަމާޒުކޮށް އީރާނުން ފަށާފައިވާ ހަމަލާތަކުގެ ސިލްސިލާއެއްގެ ބައެއް.
  • ވައިޓް ފޮސްފެރަސް ބޭނުންކުރުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ޚިލާފު ކަމެއްކަމަށް ބައިނަލްއަގްވާމީ ފަރާތްތަކުން ފާހަގަކުރޭ.
  • މި ކާރުޚާނާ ހަލާކުކޮށްލުމުން އިސްރާއީލުގެ ހަނގުރާމަވެރި ގާބިލުކަމަށް ބޮޑެތި އަސަރުތަކެއް ކުރާނެ ކަމަށް ބެލެވޭ.

ޓެލްއަވީވު (27 މާޗް 2026) : ޣައްޒާއާއި ލުބްނާނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލު ބޭނުންކުރާ ނުރައްކާތެރި ކެމިކަލް ހަތިޔާރެއްކަމަށްވާ ވައިޓް ފޮސްފެރަސް ބޮން އުފައްދާ އިސްރާއީލުގެ ކާރުޚާނާއަށް އީރާނުން ހަމަލާދީ އެތަން ގޮއްވާލައިފިއެވެ.

އެމެރިކާގެ ނިއުސް ސައިޓެއްކަމަށްވާ "ޑްރޮޕްސައިޓް ނިއުސް" ބުނާގޮތުން އިސްރާއީލުގެ މެދުތެރޭގައިވާ ނަގަބް ސަހަރާގައި ހުންނަ ވައިޓް ފޮސްފެރަސް ބޮން އުފައްދާ ކާރުޚާނާއަށް އީރާނުން އިއްޔެވަނީ ވަރަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ. މި ތަނަށް ހަމަލާދިނީ ކްލަސްޓާ މިސައިލަކުންނެވެ. މި މިސައިލްވަނީ ސީދާގޮތެއްގައި އެކާރުޚާނާއަށް އަމާޒުވެފައެވެ.

އީރާނުގެ ހަމަލާތަކާއެކު އެކާރުޚާނާއިން ގިނަ ގޮވުންތަކެއް ގޮވައި ބޯ ދުންތަކެއް އެރިމަންޒަރުވަނީ ފެނިފައެވެ. "ޑްރޮޕްސައިޓް ނިއުސް" ބުނާގޮތުން އިސްރާއީލުގެ ސިފައިންވަނީ މި ކާރުޚާނާއަށް ލިބުނު ގެއްލުން ހާމަކުރުމަށް ފަސްޖެހިފައެވެ.

މިއީ މިކާރުޚާނާއަށް އަމާޒުކޮށް އީރާނުން ދިން ފުރަތަމަ ހަމަލާއެއް ނޫނެވެ. މީގެކުރިންވެސް އެތަށް ފަހަރަކު މިތަނަށް އަމާޒުކޮށް އީރާނުން ޑްރޯން ހަމަލާކާއި މިސައިލް ހަމަލާތައް ވަނީ ދީފައެވެ.

ކުރީގެ ހަމަލާތައް ދިފާއު ކުރުމުގައި އިސްރާއީލު ކޮންމެވެސް ވަރަކަށް ކާމިޔާބު ހޯދާފައިވީނަމަވެސް އިއްޔެ ދިން ހަމަލާގައި މުޅި ކާރުޚާނާގައިވަނީ އަލިފާން ހިފާފައެވެ.

ވައިޓް ފޮސްފެރަސް ބޮމަކީ ހަނގުރާމައިގާ ބޭނުންކުރުން ބައިނަލްއަގްވާމީ ގޮތުން މަނާ ހަތިޔާރެކެވެ. ނަމަވެސް އިސްރާއީލުން ޣައްޒާގެ އާންމުންނާ ދެކޮޅަށް ފުޅާދާއިރާއެއްގައި މިހަތިޔާރު ވަރަށް ކުރީއްސުރެ ބޭނުންކުރަމުން ގެންދެއެވެ. މިފަހަކަށް އައިސް ލުބްނާނާ ދެކޮޅަށް އިސްރާއީލު ހިންގާ އުދުވާނީ ހަމަލާތަކުގައިވެސް ވައިޓް ފޮސްފެރަސް ބޮން ގިނައިން ބޭނުންކުރާކަން ވަނީ ހާމަވެފައެވެ. ލުބްނާނުގެ ސަރުކާރުންވަނީ މިމައްސަލަ އދ. އަށް ވެސް ހުށަހަޅާފައެވެ.

ވައިޓް ފޮސްފެރަސް ބޮމުން ހަމަލާދިނުމުން އޭގައި ހުންނަ ވައިޓް ފޮސްފެރަސް ބުރައިގެންގޮސް ޖެހޭ ކޮންމެތަނެއްގައި އަލިފާން ރޯވެއެވެ. އަދި މިއީ ދިރުންވާ ކޮންމެ ޓީޝޫ އެއް ފިއްސާލާ ކެމިކަލް އެކެވެ.

އިސްރާއީލު ބޭނުންކުރާ ވައިޓް ފޮސްފެރަސްގެ ސަބަބުން ފަލަސްތީނާއި ލުބްނާނުގެ އެތަށް ސަތޭކަ ބައަކު މަރުވެފައިވާއިރު އެތަށް ސަތޭކަ ބައެއްގެ މޫނާއި ހަންގަނޑުވަނީ އޭގައި ހިމެނޭ ކެމިކަލް ގެ ސަބަބުން ފިހި އައިބުވެފައެވެ.

އީރާނުން ހަމަލާދީ އިސްރާއީލުގެ ވައިޓް ފޮސްފެރަސް ބޮމުގެ ފެކްޓްރީ ހަލާކުކޮށްލިކަން ލުބްނާނާއި ފަލަސްތީނުގެ މީޑީއާ ތަކުންވެސްވަނީ ހާމަކޮށްފައެވެ.

އީރާނުގެ ރިވޮލިއުޝަނަރީ ގާޑުންގެ ކޮމާންޑަރަކު ވިދާޅުވިގޮތުގައި އިސްރާއީލުގެ ނަގަބްގައި ހުންނަ ވައިޓް ފޮސްފެރަސް ބޮމުގެ ފެކްޓްރީ އަށް ދިން ހަމަލާތަކަކީ އިސްރާއީލުގެ ހަތިޔާރުގެ އިންޑަސްޓްރީ ހަލާކުކޮށްލުމަށް ފަށާފައިވާ އޮޕަރޭޝަންގެ ދަށުން ދިން ހަމަލާއެކެވެ.

އިސްރާއީލު ސިފައިންނަށް ބޭނުންވާ ހަތިޔާރު އުފައްދާ ގިނައަދަދެއްގެ ކާރުޚާނާތަކަށް އީރާނުންވަނީ އެކި ފަހަރުމަތިން މިސައިލް ހަމަލާތައްދީފައެވެ.

އިސްރާއީލުގެ އެންމެ ބޮޑު ހަތަރު ވައިގެ ބޭހަށްވެސް އީރާންވަނީ ގިނަ ހަމަލާތަކެއް ދީފައެވެ. މީގެއިތުރުން އިސްރާއީލުގެ މައި ނިއުކްލިޔާ މަރުކަޒުގެ ކައިރިއަށްވެސް މިދިޔަ ހަފްތާގައި އީރާން ވަނީ ދެފަހަރެއްގެ މަތިން ގަދަފަދަ ހަމަލާތަކެއް ދީ އެތަށް ބަޔަކު މަރާލައި އެތަށް އިމާރާތެއް ހަލާކުކޮށްލާފައެވެ.

comment ކޮމެންޓް