މިދިޔަ މަހުގެ 28 ވަނަ ދުވަހު އީރާނުގެ މީނާބްގައި ހުންނަ 'ޝަޖަރޭ ތައްޔިބާ' އަންހެން ކުދިންގެ ސްކޫލަށް އަމާޒުކޮށް ދިން ނުރައްކާތެރި ވައިގެ ޙަމަލާގައި 168 ކުދިން މަރުވި ހިތާމަވެރި ހާދިސާ، ދިވެހި ސަރުކާރުން މިއަދު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، ކުށެއް ނެތް ޅަކުދިންތަކެއް ތަޢުލީމު ހާސިލުކުރަމުންދިޔަ މަރުކަޒަކަށް ދިން މި ޙަމަލާއަކީ ބައިނަލްއަޤުވާމީ އިންސާނީ ޙައްޤުތަކާބެހޭ ޤާނޫނުތަކާއި، އިންސާނިއްޔަތާބެހޭ ބައިނަލްއަޤުވާމީ މުއާހަދާތަކާ ކަނޑައެޅިގެން ޚިލާފު، އަދި އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ އަމަލެއް ނޫނެވެ.
މިފަދަ ލާއިންސާނީ އަމަލުތަކުގެ ސަބަބުން މުޅި ސަރަޙައްދުގެ ސުލްޙަމަސަލަސްކަން ގެއްލި، އާންމު ރައްޔިތުންގެ ފުރާނައަށް ނުރައްކާވަމުންދާކަން ދިވެހިރާއްޖެއިން ވަނީ ކަންބޮޑުވުމާއެކު ފާހަގަކޮށްފައެވެ.
ސްވިޓްޒަލަންޑްގެ ޖެނީވާގައި މިއަދު ކުރިއަށްދިޔަ އދ. ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ 61 ވަނަ ސެޝަންގެ 49 ވަނަ ބައްދަލުވުމުގައި، މި މައްސަލައާ ގުޅޭގޮތުން ވަނީ ކުއްލި ބަހުސެއް ބާއްވާފައެވެ. "ބައިނަލްއަޤުވާމީ ހަތިޔާރު އެޅި ހަމަނުޖެހުންތަކުގައި ކުޑަކުދިންނާއި ތަޢުލީމީ މުއައްސަސާތައް ހިމާޔަތްކުރުން: އީރާނުގެ މީނާބްގައި ހުންނަ ޝަޖަރޭ ތައްޔިބާ ގާލްސް ސްކޫލަށް ދިން ވައިގެ ޙަމަލާތަކަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފު ބޮޑު އަމަލެއް" މި މައުޟޫއަށް ކުރިއަށްދިޔަ ބަހުސްގައި ދިވެހިރާއްޖޭގެ ފަރާތުން ތަޤުރީރުކުރެއްވީ، ޖެނީވާގައި ހުންނަ އދ. ގެ އޮފީސްތަކަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދެވެ.
ސަލްމާގެ ތަޤުރީރުގައި، އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނަށް ދެމުންގެންދާ އަސްކަރީ ޙަމަލާތަކުގެ ސަބަބުން މެދުއިރުމަތީގެ މަސްރަހު އިންތިހާއަށް ގޯސްވަމުންދާތީ އެކަމާ ނުހަނު ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އަދި ޚާއްޞަކޮށް، ހަނގުރާމައިގެ ޙާލަތްތަކުގައިވެސް ސްކޫލްތަކާއި ހޮސްޕިޓަލްތައް ފަދަ މަދަނީ މުއައްސަސާތަކަށް ޙަމަލާދިނުމަކީ ޖެނީވާ ކޮންވެންޝަންތަކާ ޚިލާފު ހަނގުރާމައިގެ ޖަރީމާއެއްކަން އެކަމަނާ ސާފުކޮށްދެއްވިއެވެ.
މި ޙަމަލާގައި 168 ކުދިންގެ ފުރާނަ ގެއްލިގެން ދިއުމަކީ މުޅި އިންސާނިއްޔަތަށް ލިބުނު ފުން ހިތާމައެއްކަމަށް ސިފަކުރައްވަމުން، މިފަދަ އަމަލުތައް ހުއްޓުވުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢުން މިހާރަށްވުރެ ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ވިދާޅުވިއެވެ.
މި ބަހުސްގައި ވާހަކަފުޅުދައްކަވަމުން ސަލްމާ ވަނީ، ގަލްފްގެ ޤައުމުތަކާއި ޖޯޑަން، ފަލަސްތީން އަދި ލުބުނާން މިހާރު އޮތް ނުރައްކާތެރި އަދި ނާޒުކު ޙާލަތަށް ވައްޓާލުމުގެ މައިގަނޑު ސަބަބަކީ އިސްރާއީލު ކަމަށް ވިދާޅުވެފައެވެ. ބައިނަލްއަޤުވާމީ ޤާނޫނުތަކާ ތަކުރާރުކޮށް ޚިލާފުވަމުންދާ އަދި ދައުލަތެއްގެ ފެންވަރުގައި ޓެރަރިޒަމްގެ ޢަމަލުތަކަށް ހިތްވަރުދީ އެކަންކަން ތަންފީޒުކުރަމުންދާ އިސްރާއީލުގެ ސިޔާސަތުތަކުގެ ސަބަބުން މުޅި ސަރަޙައްދުގެ ސަލާމަތަށް ނުރައްކާވެފައިވާކަން ސަލްމާ ފާހަގަކުރެއްވިއެވެ.
ބައިނަލްއަޤުވާމީ އިންސާނީ ޙައްޤުތަކުގެ ޤާނޫނުތަކާ ޚިލާފަށް ހިންގާ މިފަދަ ލާއިންސާނީ ޢަމަލުތަކަށް ފިޔަވަޅު ނޭޅި، ކުށްވެރިންނަށް އަދަބު ނުލިބި ދިއުމުގެ ސަގާފަތް މިހާރުން މިހާރަށް ނިމުމަކަށް ގެންނަންޖެހޭ ކަމަށް ދިވެހިރާއްޖެއިން ވަނީ ބާރުއަޅައި ގޮވާލާފައެވެ. މީގެ އިތުރުން، މިހާރު އުފެދިފައިވާ ހަމަނުޖެހުންތައް އިތުރަށް ގޯސްވިޔަ ނުދިނުމަށް ހުރިހާ ފަރާތްތަކަކުންވެސް މަސައްކަތް ކުރުމަށާއި، ހަނގުރާމައިގެ ސަބަބުން ނިކަމެތިވެފައިވާ އާންމު ރައްޔިތުންނާއި ކުޑަކުދިން ހިމާޔަތްކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ރާއްޖެއިން ގޮވާލިއެވެ. އަދި މި އަމަލުތައް ހިންގާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެސް ޒިންމާދާރުކުރުވުމަށް ކުރާ މަސައްކަތްތައް ވަރުގަދަކުރުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢަށް ދިވެހިރާއްޖެއިން ވަނީ އިލްތިމާސްކޮށްފައެވެ.
މިއީ މި ހަފުތާގެ ތެރޭގައި އދ. ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގައި މެދުއިރުމަތީގެ މައްސަލަތަކާ ގުޅިގެން ތާވަލުކުރެވުނު ދެވަނަ ކުއްލި ބަހުސެވެ. މީގެ ކުރިން، މިދިޔަ ބުދަ ދުވަހު ވެސް ވަނީ ކުއްލި ބަހުސެއް ބާއްވާފައެވެ. އެ ބަހުސް އަމާޒުކޮށްފައިވަނީ، މިދިޔަ މަހުގެ 28ގައި ސަޢޫދީ ޢަރަބިއްޔާ، ޤަޠަރު، އެކުވެރި ޢަރަބި އިމާރާތް، ކުވައިތު، އޮމާން، ބަޙްރައިން، އަދި ޖޯޑަންއާ ދެކޮޅަށް ދިން ޙަމަލާތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށެވެ.
އެ ބަހުސްގައި ރާއްޖޭން ކުށްވެރި ކުރީ އީރާން އެކަނި ކަމަށް ބުނެ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވިއެވެ.
ފޮރިން މިނިސްޓްރީން ބުނިގޮތުގައި މި ދެ ބަހުސްގައިވެސް ދިވެހިރާއްޖެއިން ފުރިހަމައަށް ބައިވެރިވެ، ރާއްޖޭގެ ސިޔާސަތުތައް ވަނީ ބައިނަލްއަޤުވާމީ މުޖުތަމަޢަށް ސާފުކޮށްދީފައެވެ. މި ތަޤުރީރުތަކުގައި، އދ. ގެ މަންޝޫރަށާއި ބައިނަލްއަޤުވާމީ އެކި މުއާހަދާތަކަށް ރާއްޖެއިން ކުރާ ފުރިހަމަ އިޙްތިރާމާއި، އެ ކަންކަން ނެގެހެއްޓުމަށް ދިވެހި ސަރުކާރުން ދޭ އަހައްމިއްޔަތުކަން ވަނީ ހާމަކޮށްފައެވެ. މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން އދ. ގެ ސަލާމަތީ މަޖިލީހުންވެސް ކުރިއަށް އޮތް ހަފުތާގައި ޚާއްޞަ ބައްދަލުވުމެއް ބޭއްވުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.