އީރާނުގެ އިންޖީނުގެތަކަށް ހަމަލާދިނުން ފަސްކޮށްފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމާ ގުޅިގެން އުފުލެމުންދާ ތެލުގެ އަގު މިއަދު އަނެއްކާވެސް ކޮންމެވެސް ވަރަކަށް ދަށްވެއްޖެއެވެ.
ހުރްމޮޒް ކަނޑުއޮޅި 48 ގަޑިއިރު ތެރޭގައި ނުހުޅުވައިފިނަމަ، އީރާނުގެ އިންޖީނުގެތަކަށް ހަމަލާ ދޭނެ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. ނަމަވެސް ހަނގުރާމަ ހުއްޓާލުމާ ގުޅޭ މަޝްވަރާތައް ކުރާ ކަމަށް ބުނެ، ހަމަލާ ދިނުން ފަސް ދުވަހަށް މަޑުޖައްސާލާފައިވާ ކަމަށް ޓްރަމްޕް ފަހުން ވަނީ ވިދާޅުވެފައެވެ. މަޝްވަރާތައް ކުރާކަން އީރާނުން ވަނީ ދޮގުކޮށްފައެވެ.
ނަމަވެސް އީރާނުން އެދުމުން ހަމަލާދިނުން އަނެއްކާވެސް އޭޕްރީލް ހަ ވަނަ ދުވަހަށް ލަސްކޮށްފައިވާ ކަމަށް ޓްރަމްޕް އިއްޔެ ވަނީ ވިދާޅުވެފައެވެ.
ޓްރަމްޕްގެ އެ ނިންމެވުމާއެކު، މިއަދު ތެލުގެ އަގު ވަނީ ގާތްގަޑަކަށް އެއް ޕަސަންޓަށް ދަށްވެފައެވެ. ބްރެންޓް ކްރޫޑް ފީފާއެއް މިއަދު ހުރީ 108.97 ޑޮލަރުގައެވެ.
ފެބްރުއަރީ 28 ވަނަ ދުވަހު ހަނގުރާމަ ފެށި ފަހުން ބައިނަލްއަގުވާމީ ބެންޗްމާކެއް ކަމަށްވާ، ބްރެންޓް ކްރޫޑްގެ އަގު ގާތްގަނޑަކަށް 50 ޕަސެންޓް އުފުލިފައިވާއިރު، ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓް ވަނީ ގާތްގަނޑަކަށް 40 ޕަސެންޓް އުފުލިފައެވެ.
ހަނގުރާމަ ހުއްޓާލުމަށް ޓްރަމްޕް ވަނީ 15 ނުކުތާ ހިމެނޭ ސުލްހައިގެ ހުށަހެޅުމެއްވެސް ހުށަހަޅާފައެވެ. ނަމަވެސް އޭރު އީރާނުން އެކަމަށް އިޖާބަ ނުދިނުމުން ހަނގުރާމަ ހުއްޓާލުމަށް ކެތްމަދުވެފައި ހުންނެވި ކަމަށް ދެކެވޭ ވާހަކަތައް ޓްރަމްޕް ވަނީ ދޮގުކުރައްވާފައެވެ.
އީރާނުގެ ނޫސް އެޖެންސީ ތަސްނީމް އިން ބުނީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާއިން ހުށަހެޅި 15 ނުކުތާގެ ޕްލޭނަށް އެގައުމުން ދިން ޖަވާބު ރޭ ރަސްމީކޮށް ފޮނުވާފައިވާ ކަމަށާއި އީރާނުން މިހާރު އިންތިޒާރުކުރަމުން ދަނީ އެެމެރިކާގެ ޖަވާބަކަށް ކަމަށެވެ.
ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް ކުރާ ކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް އެމެރިކާއިން އަންނަނީ މެދުއިރުމައްޗަށް އިތުރު ސިފައިންނާއި އަސްކަރީ އުޅަނދުތައް ފޮނުވަމުންނެވެ.