މި މަހު 19 ވަނަ ދުވަހުގެ ރޭ ވ. އަތޮޅުން ދަތުރުކުރަނިކޮށް ބަންޑުން ޖަހާލި ލޯންޗުން ގެއްލުނު ދެމީހުން ހޯދުމަށް އިއްޔެއާ ހަމައަށް ބޮޑު ސަރަހައްދެއް ބަލައިފިއެވެ.
ޖުމުލަ ހަތް މީހުންނާއެކު ވ. ފެލިދޫ ކައިރިން ދަތުރުކުރަނިކޮށް އެ ލޯންޗު ބަންޑުން ޖަހާލި ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުނީ، އެ ރޭ ދަންވަރު 01:15 ހާއިރެވެ.
ފުލުހުން ބުނީ ލޯންޗުގައި ތިބީ، އިނގިރޭސިވިލާތާއި ރަޝިޔާއަށް ނިސްބަތްވާ ދެ އަންހެނުންނާއި، އިންޑިއާއަށް ނިސްބަތްވާ ފަސް ފިރިހެނުން ކަމަށެވެ. އެ ހާދިސާގައި ފަސް މީހަކު ކަނޑަށް ވެއްޓުނުއިރު، އޭގެ ތެރޭގައި ހިމެނުނީ ރަޝިޔާގެ އަންހެން މީހާގެ އިތުރުން އިންޑިއާއަށް ނިސްބަތްވާ ހަތަރު ފިރިހެނުން ކަމަށް ފުލުހުން ބުންޏެވެ.
އޭގެ ތެރެއިން އިންޑިއާގެ ދެ މީހަކު އޭރު ސަލާމަތް ކުރެވިފައިނުވެއެވެ.

ގެއްލުނު ދެ މީހުން ހޯދުމަށް ކަނޑު އަޑި ބެލުމަށް ތައްޔާރު ވަނީ: އެ މީހުން ހޯދުމަށް ބޮޑު ސަރަހައްދެއް ވަނީ ބަލާފައި ---- ފޮޓޯ/ އެމްއެންޑީއެފް
އެމްއެންޑީއެފުން ބުނި ގޮތުގައި، އެ މީހުން ހޯދުމަށް ވައިގެ މަގުން 2,544 އަކަ ނޯޓިކަލް މޭލު ވަނީ ބަލާފައެވެ. އަދި، ކަނޑުގެ ސަތަހައިން 269 އަކަ ނޯޓިކަލް މޭލު ބަލާފައިވާއިރު، ޑައިވް ކޮށްގެން 253,662.6 އަކަ މީޓަރުގެ ސަރަހައްދެއް އެމްްއެންޑީއެފުން ވަނީ ބަލާފައެވެ.
އެ މީހުން ހޯދުމުގެ މަސައްކަތް މެދުކަނޑާނުލާ ކުރިއަށްދާއިރު، އެ ކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ނުވަތަ ނިޝާނެއް ފެނިއްޖެނަމަ ލަސްނުކޮށް އެންގުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.
މީގެއިތުރުން، ފުލުހުން ބުނީ އެ ހާދިސާގައި ލޯންޗުގައި ތިބި އެންމެނަށްވެސް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށާއި އެ މީހުންނަށް ފުރަތަމަ ފަރުވާ ދީފައިވަނީ ވ. އަތޮޅު ހޮސްޕިޓަލުގައި ކަމަށެވެ.
އޭގެ ތެރެއިން ރަޝިއާގެ އަންހެން މީހާއާއި އިންޑިއާގެ ފިރިހެނަކު ހުޅުމާލޭ ޓްރީ ޓޮޕް ހޮސްޕިޓަލަށް އިތުރު ފަރުވާއަށް ގެނައި ކަމަށް އެ ޚިދުމަތުން ބުންޏެވެ. އަދި އެ ހާދިސާގައި އަތެއް ބުރިވެ، ސީރިއަސް އަނިޔާތަކެއް ލިބުނު އިންޑިއާގެ ފިރިހެނަކު، އިތުރު ފަރުވާ ހޯދުމަށްޓަކައި މިދިޔަ ހޮނިހިރު ދުވަހު އިންޑިއާއަށް ފުރައިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ގެއްލުނު ދެމީހުން ހޯދުމަށް އެމްއެންޑީއެފުން ހިންގާ އޮޕަރޭޝަނުގެ ތެރެއިން --- ފޮޓޯ/ އެމްއެންޑީއެފް
އެ ހާދިސާ ހިނގި ވަގުތު ލޯންޗުގައި ތިބި އިތުރު ދެ މީހަކު ވަނީ ހުކުރު ދުވަހު، ފަރުވާއަށް ރާއްޖެއިން ފުރައިގެން އިންޑިއާއަށް ގޮސްފައިކަން ފުލުހުން ފާހަގަކުރިއެވެ. އެއީ އިންޑިއާއަށް ނިސްބަތްވާ ފިރިހެނަކާއި އިނގިރޭސިވިލާތަށް ނިސްބަތްވާ އަންހެން މީހާ ކަމަށް އެ މުއައްސަސާއިން ހާމަކޮށްފައިވެއެވެ.
ބޭރުގެ ނޫސްތަކުގައި ބުނެފައި ވަނީ، އެ ހާދިސާގައި އަނިޔާވި މީހުންގެ ތެރޭގައި އިންޑިއާގެ ރޭމަންޑް ގްރޫޕްގެ ޗެއާމަން އަދި ބިލިއަނަރު ގޯތަމް ސިންހާނިއާ ވެސް ހިމެނޭ ކަމަށެވެ. އެ ހާދިސާގައި އޭނާއަށް ކުދި އަނިޔާތަކެއް ލިބިފައިވާ ކަމަށާއި، އޭނާ އިންޑިއާގެ މުމްބާއީއަށް ގޮސްފައިވާ ކަމަށް އޭނާގެ ތަރުޖަމާނު ވަނީ ބުނެފައެވެ.