ވ. އަތޮޅަށް ބަންޑުން ޖަހާލި ލޯންޗުން ދެ މީހަކު ގެއްލުނުތާ ހަފުތާއެއް، އަދިވެސް ނުފެނޭ

ބަންޑުން ޖަހާލި ލޯންޗު: އެ ލޯންޗުން ގެއްލުނު ދެ މީހުން އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން ބުނޭ --- ފޮޓޯ/ ހަސަން ކުރުސީ

ވ. އަތޮޅުން ދަތުރުކުރަނިކޮށް ލޯންޗެއް ބަންޑުން ޖަހާލައިގެން ދެ މީހަކު ގެއްލުނުތާ މިއަދަށް ހަފުތާއެއް ވީއިރު، އެ މީހުން އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

ޖުމުލަ ހަތް މީހުންނާއެކު ވ. ފެލިދޫ ކައިރިން ދަތުރުކުރަނިކޮށް އެ ލޯންޗު ބަންޑުން ޖަހާލި ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުނީ، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު 01:15 ހާއިރެވެ.

ފުލުހުން ބުނީ ލޯންޗުގައި ތިބީ، އިނގިރޭސިވިލާތާއި ރަޝިޔާއަށް ނިސްބަތްވާ ދެ އަންހެނުންނާއި، އިންޑިއާއަށް ނިސްބަތްވާ ފަސް ފިރިހެނުން ކަމަށެވެ. އެ ހާދިސާގައި ފަސް މީހަކު ކަނޑަށް ވެއްޓުނުއިރު، އޭގެ ތެރޭގައި ހިމެނުނީ ރަޝިޔާގެ އަންހެން މީހާގެ އިތުރުން އިންޑިއާއަށް ނިސްބަތްވާ ހަތަރު ފިރިހެނުން ކަމަށް ފުލުހުން ބުންޏެވެ.

ގެއްލުނު ދެ މީހުން ހޯދުމުގެ މަސައްކަތުގެ ތެރެއިން: ދެ މީހުން ގެއްލުނުތާ ހަފުތާއެއްވީއިރު، އަދިވެސް ފެނިފައިނުވޭ -- ފޮޓޯ/ އެމްއެންޑީއެފް

އޭގެ ތެރެއިން އިންޑިއާގެ ދެ މީހަކު އޭރު ސަލާމަތް ކުރެވިފައިނުވެއެވެ.

އެ މީހުން ގެއްލުނުތާ މިއަދަށް ހަފުތާއެއް ފުރުނުއިރު، 'ސަން'އިން ސުވާލުކުރުމުން އެމްއެންޑީއެފުން ބުނީ، ލޯންޗުން ގެއްލުނު ދެ މީހުން އަދިވެސް ހޯދަމުން އަންނަ ކަމަށެވެ. ނަމަވެސް، އިތުރު ތަފުސީލެއް ނުދެއެވެ.

https://sun.mv/219476

މިދިޔަ ހޮނިހިރު ދުވަހު އެމްއެންޑީއެފުން ބުނި ގޮތުގައި، އެ ދެ މީހުން ހޯދުމަށް އެހާތަނަށް، ކަނޑުމަގުން 3450 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާއިރު، ކަނޑު އަޑިން ފީނައިގެން 7000 އަކަމީޓަރުގެ ސަރަހައްދެއް ވަނީ ބަލާފައެވެ.

ފުލުހުން ބުނީ އެ ހާދިސާގައި ލޯންޗުގައި ތިބި އެންމެނަށްވެސް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށާއި އެ މީހުންނަށް ފުރަތަމަ ފަރުވާ ދީފައިވަނީ ވ. އަތޮޅު ހޮސްޕިޓަލުގައި ކަމަށެވެ.

އޭގެ ތެރެއިން ރަޝިއާގެ އަންހެން މީހާއާއި އިންޑިއާގެ ފިރިހެނަކު ހުޅުމާލޭ ޓްރީ ޓޮޕް ހޮސްޕިޓަލަށް އިތުރު ފަރުވާއަށް ގެނައި ކަމަށް އެ ޚިދުމަތުން ބުންޏެވެ. އަދި އެ ހާދިސާގައި އަތެއް ބުރިވެ، ސީރިއަސް އަނިޔާތަކެއް ލިބުނު އިންޑިއާގެ ފިރިހެނަކު، އިތުރު ފަރުވާ ހޯދުމަށްޓަކައި މިދިޔަ ހޮނިހިރު ދުވަހު އިންޑިއާއަށް ފުރައިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ ހާދިސާ ހިނގި ވަގުތު ލޯންޗުގައި ތިބި އިތުރު ދެ މީހަކު ވަނީ ހުކުރު ދުވަހު، ފަރުވާއަށް ރާއްޖެއިން ފުރައިގެން އިންޑިއާއަށް ގޮސްފައިކަން ފުލުހުން ފާހަގަކުރިއެވެ. އެއީ އިންޑިއާއަށް ނިސްބަތްވާ ފިރިހެނަކާއި އިނގިރޭސިވިލާތަށް ނިސްބަތްވާ އަންހެން މީހާ ކަމަށް އެ މުއައްސަސާއިން ހާމަކޮށްފައިވެއެވެ.

ބޭރުގެ ނޫސްތަކެއްގައި ވަނީ، އެ ހާދިސާގައި އިންޑިއާގެ ރޭމަންޑް ގްރޫޕްގެ ޗެއާމަން އަދި ބިލިއަނަރު ގޯތަމް ސިންހާނިއާ ވެސް ހިމެނޭ ކަމަށް ރިޕޯޓުކޮށްފައެވެ. އެ ހާދިސާގައި އޭނާއަށް ކުދި އަނިޔާތަކެއް ލިބިފައިވާ ކަމަށާއި، އޭނާ އިންޑިއާގެ މުމްބާއީއަށް ގޮސްފައިވާ ކަމަށް އޭނާގެ ތަރުޖަމާނު ވަނީ ބުނެފައެވެ.

comment ކޮމެންޓް