ތެހެރާން (16 އެޕްރީލް 2026): އެމެރިކާއާއި ޔަހޫދީ އިސްރާއީލުން އީރާނާ ދެކޮޅަށް އަލުން ހަނގުރާމަ ފެށުމުގެ ފުރުސަތު ނުދިނުމުގެ ގޮތުން ސުލްހައިގެ ވާހަކަތަކުގެ އިތުރު ބުރެއް ބޭއްވުމަށްޓަކައި ޕާކިސްތާނުގެ މަތީ ފެންވަރުގެ ވަފްދެއް އީރާނަށް ވަޑައިގެން އީރާނުގެ މަސްއޫލުވެރިންނާ ބައްދަލުކުރައްވާފައިވާއިރު އީރާނުގެ ނިއުކްލިޔާ ހައްގުތައް ގެއްލޭފަދަ އެއްވެސް ދުލެއް އެމެރިކާއަށް ނުދޭނެކަމަށް އީރާނުން ބުނެފިއެވެ.
ޕާކިސްތާނުގެ ވަފްދުގެ އިސްވެރިއަކަށް ހުންނެވީ ޕާކިސްތާން ސިފައިންގެ ވެރިޔާ އަދި ޗީފް އޮފް ސްޓާފް ޖެނެރަލް އާސިމް މުނީރެވެ. އޭނާގެ އިތުރުން ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ވެސް މި ވަފުދުގައި ހިމެނެއެވެ.
ޕާކިސްތާނުގެ މީޑިއާ ބުނާގޮތުން މި ވަފްދުގެ ބޭނުމަކީ އެމެރިކާއާއި އީރާނާ ދެމެދު ސުލްހައިގެ ވާހަކަތަކުގެ އައު ބުރެއް ބޭއްވޭތޯ ބެލުމެވެ. ޕާކިސްތާނުގެ ވަފުދުން އެމެރިކާގެ މެސެޖްތަކެއް އީރާނުގެ މަސްއޫލުވެރިންނަށް ފޯރުކޮށްދޭނެކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.
މިދިޔަ ހޮނިހިރު ދުވަހު އިސްލާމްއާބާދުގައި ބޭއްވި އެމެރިކާއާއި އީރާނުގެ ވާހަކަތައްވަނީ ނާކާމިޔާބުވެފައެވެ. މިއާއެކު އެމެރިކާއާއި ޔަހޫދީ އިސްރާއީލު ގުޅިގެން އީރާން އާ ދެކޮޅަށް އަލުން އުދުވާނީ ހަނގުރާމަ ފަށައި އީރާނުގެ ވެރިންނާއި އާންމުންނާ ދެކޮޅަށް ގަތުލުއާންމު ހިންގަފާނެކަމުގެ ބިރުވަނީ ހީވެފައެވެ.
ސުލްހައިގެ އައުބުރެއް ބޭއްވުމަށް އެމެރިކާގެ ނައިބު ރައީސް ވަނީ ގޮވާލައްވާފައެވެ. އީރާން ބުނާގޮތުން އެމެރިކާ އަކީ ކެހިދޭ މަކަރުވެރި އަދި އިތުބާރު ގެއްލިފައިވާ ގައުމެކެވެ. އެމެރިކާއާއެކު ސުލްހައިގެ އެއްބަސްވުމެއް ގާއިމްކުރިނަމަވެސް އެއަށް އެމެރިކާ އަމަލުކުރާނެކަމުގެ އެއްވެސް ޔަގީންކަމެއްނެތެވެ. އެމެރިކާވަނީ އީރާނާ އެކު ސުލްހައިގެ ވާހަކަތައް ދައްކަމުން ގެންދަނިކޮށް ދެފަހަރެއްގެ މަތިން ކުއްލި ގޮތަކަށް އީރާނަށް އުދުވާނީ ހަމަލާތައްދީ ހަނގުރާމަ ފަށާފައެވެ.
އީރާނުގެ އިސް މަސްއޫލުވެރިއެއްކަމަށްވާ މުހްސިން ރިޟާއީ ވިދާޅުވިގޮތުގައި ޔޫރޭނިޔަމް ފައްކާކުރުންފަދަ، ބައިނަލްއަގްވާމީ ގާނޫނުގައި އީރާނަށް ލިބިދޭ ހައްގުތަކުން މަހުރޫމްވާފަދަ އެއްވެސް ކަމަކަށް އެމެރިކާއާއެކު ބާއްވާ ވާހަކަތަކުގައި އީރާން އެއްބަހެއް ނުވާނެއެވެ. އޭނާ ވިދާޅުވިގޮތުގައި ކުރިޔަށްއޮތް ވާހަކަތަކުގައި ވެސް އީރާން ހިފަހައްޓާނެ ޕޮއިންޓްތަކަކީ އިސްލާމްއާބާދުގައި ބޭއްވި ވާހަކަތަކުގައި އީރާން ހިފެހެއްޓި ޕޮއިންޓްތަކެވެ.
އެ ޕޮއިންޓްތަކުގެ ތެރޭގައި ސުލްހަވެރި ބޭނުންތަކަށް ޔޫރޭނިޔަމް ފައްކާކުރުމުގެ ހައްގު އީރާނަށް ލިބުމާއި ހުރުމުޒު ކަނޑުއޮޅީގެ ކޮންޓްރޯލް މުސްތަގްބަލްގައި އީރާނަށް އޮތުމާއި އެމެރިކާއާއި ޔަހޫދީން އީރާނަށް ދިން ހަމަލާތަކުގައި ލިބުނު ގެއްލުންތަކަށް ބަދަލުދިނުމާއި އެމެރިކާއިން އީރާން އާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުން ހިމެނޭނެ ކަމުގައެވެ. މި ޕޮއިންޓްތަކަށް އީރާން ދޫނުދޭނެކަމަށް ވެސް މުހްސިން ރިޟާއީ ވިދާޅުވިއެވެ.
މީގެއިތުރުން މީގެފަހުން އެމެރިކާއާއި ޔަހޫދީ އިސްރާއީލު އީރާނަށް އިސްވެ ހަމަލާނުދޭނެކަމުގެ ގެރެންޓީ ދިނުން ވެސް އީރާނުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ. މީގެ ބަދަލުގައި ނިއުކްލިޔާ ހަތިޔާރު ނުއުފައްދާނެކަމުގެ ޔަގީންކަން އީރާނުން އެމެރިކާއަށް ދިނުން ހިމެނެއެވެ.
ޕާކިސްތާން ބުނާގޮތުން އެމެރިކާއާއި އީރާނުގެ ދެވަނަ ބުރުގެ މަޝްވަރާތައް ފަށާނެ ތާރީޚެއް އަދި ކަނޑައެއް ނޭޅެއެވެ. މި ވާހަކަތަކުގައި ބައިވެރިވާނެކަމުގެ ޔަގީންކަން ރަސްމީ ސިފައެއްގައި އަދި އީރާނުން ދީފައެއް ވެސް ނުވެއެވެ.