ނިޔަފަތިކެނޑުން އެހާ މުހިންމު ކަމެއްތަ؟

އިސްލާމްދީނުގައި ސާފުތާހިރުކަމަށް ދީފައިވާ އަހަންމިއްޔަތަކީ އެ ދީނުގެ އެންމެ މުހިންމު އެއް އަސާސެވެ. މި ގޮތުން ނިޔަފަތިކެނޑުމަކީ އިންސާނާގެ ފިޠުރަތުގެ ތެރޭގައި ހިމެނޭ ކަމެއް ކަމުގައި ރަސޫލުﷲ صَلَّىٰ اللهُ عَلَيْهِ وَسَلَّم ވަނީ ބަޔާންކޮށްދެއްވައިފައެވެ. ޒަމާނީ ފެޝަންގެ ނަމުގައި ނިޔަފަތި ދިގުކޮށް ބެހެއްޓުމަށް ބައެއް ފަރާތްތަކުން ލޯބިކުރި ނަމަވެސް، މުސްލިމުންގެ ދިރިއުޅުމުގެ ވައްޓަފާޅި ބައްޓަންކުރަންވާނީ ޝަރުޢީ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. ނިޔަފަތި ދިގުކޮށް ބެހެއްޓުމަކީ ސިއްޙީ ގޮތުންނާއި ދީނީ ގޮތުން އެތައް ގެއްލުމެއް ލިބިދާނެ ކަމެކެވެ. ޚާއްޞަކޮށް 40 ދުވަހަށްވުރެ ދިގު މުއްދަތަކަށް ނިޔަފަތި ނުކަނޑާ ބެހެއްޓުން މަނާކުރައްވައިފައިވަނީ ސާފުތާހިރުކަން ގެއްލި، ބަލިމަޑުކަމަށް މަގުފަހިވާތީއެވެ. ވުމާއެކު، އިސްލާމީ ރިވެތި އަޚްލާޤާއި ސާފުތާހިރުކަން ދެމެހެއްޓުމަށްޓަކައި ޝަރުޢީ ހަމަތަކަށް ބޯލެނބުމަކީ ކޮންމެ މުސްލިމެއްގެ ޒިންމާއެކެވެ.

  • ނިޔަފަތިކެނޑުމަކީ އިސްލާމްދީނުގައި ފިޠުރަތުގެ 5 ކަމުގެ ތެރޭގައި ހިމެނޭ މުހިންމު ކަމެކެވެ.
  • 40 ދުވަހަށްވުރެ އިތުރަށް ނިޔަފަތި ނުކަނޑާ ބެހެއްޓުމަކީ ޝަރުޢީ ގޮތުން ހުއްދަ ކަމެއް ނޫނެވެ.
  • ދިގު ނިޔަފަތީގެ ސަބަބުން ކާބޯތަކެތީގެ ތެރެއަށް ޖަރާސީމު ވަނުމުގެ ފުރުސަތު ބޮޑުވެ، ސިއްޙަތަށް ގެއްލުން ލިބެއެވެ.
  • މުސްލިމުންގެ އުޅުމާއި ގުޅުމުގައި ޣައިރު ދީންތަކުގެ މީހުންގެ އާދަކާދަތަކަށް ތަބާވުމުގެ ބަދަލުގައި، އިސްލާމީ އުޞޫލުތައް އިސްކުރުން މުހިންމެވެ.

ދިގުކޮށް ނިޔަފަތި ބެހެއްޓުމަކީ މިއަދު ބައެއް ޒުވާނުން ވަރަށް ކުރާހިތްވާ ކަމެކެވެ. ނިޔަފަތީގެ ޒީނަތަށް ބޭނުންކުރެވޭ ވަރަށް ގިނަ ސާމާނު ބާޒާރުތަކުގައި ފަސޭހައިން ލިބެން ވެސް ހުރެއެވެ. ނިޔަފަތީގައި ޖައްސާ ކުލަޔާއި އެކި ޒާތްޒާތުގެ ވިދާބަބުޅާ ތަކެއްޗާއި މި ނޫން އެއްޗެތި ވެސް ލިބެން އެބަހުރެއެވެ.

ޒަމާނީ ފެޝަނަކަށް މި ކަން ވެފައި އޮތަސް އިސްލާމުންގެ ހައިޘިއްޔަތުން މި ކަމާމެދު ކޮންމެ މުސްލިމަކު ވެސް ބަލައިލުން މުހިންމު ދެތިން ކަމެއް އޮވެއެވެ. މި ގޮތުން ބަލާއިރު އެންމެ ފުރަތަމަ އެނގެންވީ ކަމަކީ ނިޔަފަތިކެނޑުން މި ދީނުގައި ލައްވައިފައި ވަނީ ފިޠުރަތުގެ ކަންކަމުގެ ތެރެއިން ކަމެވެ. ރަސޫލުﷲ صَلَّىٰ اللهُ عَلَيْهِ وَسَلَّم ޙަދީޘުކުރެއްވިއެވެ. «الْفِطْرَةُ خَمْسٌ الْخِتَانُ، وَالاِسْتِحْدَادُ، وَقَصُّ الشَّارِبِ، وَتَقْلِيمُ الأَظْفَارِ، وَنَتْفُ الآبَاطِ» (البخاري: 5891) މާނައީ: "ފިތުރަތުގެ ތެރެއިން ފަސް ކަމެއް ވެއެވެ. ޚިތާނުކުރުމާއި ލަދުވެތިގުނަވަނުން އިސްތަށި ބޭލުމާއި މަތިމަސް ކުރުކުރުމާއި ނިޔަފަތިކެނޑުމާއި ކިހިލިފަތުން އިސްތަށި އުފުރުމެވެ."

އިންސާނުންގެ ކިބައިގައި ލައްވައިފައިވާ ބައެއް ކަންކަން ވަކި ޤަވާއިދަކުން ތަންޒީމުކުރައްވައިފައި ވަނީ އެ މީހުންގެ ތަރުބިއްޔަތު ފުރިހަމަކުރެއްވުމަށް ޓަކައެވެ. ކިޔަމަންތެރިވުމުގެ ތަމްރީނު ލިބިގަތުމަށް ޓަކައެވެ. ﷲއާއި އެކަލާނގެ ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ދަސްކޮށްދެއްވި މަގުން އެ ކަންކަން ކުރުމަކީ ކިޔަމަންތެރިކަމެވެ. އެ ނޫން ގޮތަކަށް އެ ކަންކަން ބަދަލުކުރުމީ ނުކިޔަމަންތެރިކަމެވެ.

ޠާހިރުކޮށް އިންސާނުން ބޭތިއްބުމަށް ޓަކައި ނިޔަފަތި ކެނޑުމަކީ ވެސް އިސްލާމްދީނުގައި ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް ދެއްވައިފައި އޮންނަ ކަމެކެވެ. އެ ގޮތުން ނިޔަފަތި ނުކަނޑައި 40 ދުވަހަށްވުރެ ގިނަ ދުވަސް ބެހެއްޓުން ހުއްދަވެގެން ނުވެއެވެ. ރަސޫލުﷲ صَلَّىٰ اللهُ عَلَيْهِ وَسَلَّم ޙަދީޘުކުރެއްވިއެވެ. «وُقِّتَ لنا في قَصِّ الشَّارِبِ، وتَقليمِ الأظفارِ، ونَتفِ الإبِطِ، وحَلقِ العانةِ، أن لا نَترُكَ أكثَرَ مِن أربَعينَ لَيلةً» (البخاري: 5891) މާނައީ: "މަތިމަސް ކުރުކުރުމާއި ނިޔަފަތި ކެނޑުމާއި ކިހިލިފަތުން އިސްތަށި އުފުރުމާއި ޢާނާތް ބޭލުން 40 ދުވަހަށްވުރެ ފަސް ނުކުރުމަށް ރަސޫލުﷲގެފާނު ތިމަންނާމެންގެ މައްޗަށް ވަގުތު ކަނޑައެޅުއްވިއެވެ."

މިފަދައިން އަންގަވައިފައި ވަނިކޮށް ފެޝަނަކަށް ހަދައިގެން، ނޫން ނަމަ އެހެން ބަހަނާއެއް ކިޔައިގެން ނިޔަފަތި ނުކަނޑާ ތިބުން މުސްލިމުންނަށް ހެޔޮ ވެގެން ނުވެއެވެ. ކިޔަމަންތެރި މުސްލިމުންގެ ގޮތަކީ 40 ދުވަހަށް ވުރެކުރިން ނިޔަފަތި ކަނޑައި އިނގިލިތައް ސާފުކުރުމެވެ. ކައިބޮއި އުޅުމުގައި ވެސް ދިގުކޮށް ހުންނަ ނިޔަފަތި، ނުޠާހިރުވާލެއް އަވަސް ވާނެއެވެ. އަދި ނިޔަފަތި ދޭތެރެއަށް ވަންނަ ތަކެތި ފިލުވައި ހެދުން ވެސް ފަސޭހައެއް ނުވާނެއެވެ.

ނިޔަފަތި ކަނޑާކަށް ޚާއްޞަކުރެވިފައި އޮންނަ ވަކި ދުވަހެއް ނޯވެއެވެ. އެހެނަސް މީހަކު އޭނާގެ އަމިއްލަ ނަފުސަށް ވަކި ތަރުތީބެއްގެ މަތިން ކަންތައް ކުރުމަށް ޓަކައި އެ ކަމަށް ވަކި ދުވަހެއް ކަނޑައަޅައިގެން އެ ގޮތުގެ މަތިން ކުރުމަކީ ގޯސްކަމެއް ނޫނެވެ. އެއީ އޭނާގެ އަމިއްލަ ކަމެކެވެ. އެއީ ދީނީ ކަމެއް ނޫނެވެ. ދީނުގެ ފަރާތުން އެންގެވީ 40 ދުވަހަށްވުރެ އިތުރަށް ނިޔަފަތި ނުކަނޑާ ނުހުރުމަށެވެ. އެހެން ވީމާ ނިޔަފަތި ދިގިކޮށްގެން ނޫޅެންވީއެވެ. ޣައިރު ދީންތަކުގެ މީހުން އުޅޭހައި ގޮތެއް ރީތި ވެގެން އެ ގޮތްގޮތަށް ނުއުޅެންވީއެވެ. އިސްލާމީ ދިރިއުޅުމަށް ލޯބިކޮށް އެ ގޮތުގައި ދިރިއުޅުން ބައްޓަން ކުރަންވީއެވެ.

comment ކޮމެންޓް