ހދ. ހިރިމަރަދޫ މީހުން އެ އަތޮޅު ހަނިމާދުއަށް ބަދަލުކުރުމާ މެދު ނުތަނަވަސްކަމެއް އޮތްއިރު، އެއީ މި ދުވަސްވަރުގެ ގޮތުން ދިމާވެފައިވާ "ސިޔާސީ އޮއިވަރެއް"ގެ ގޮތުގައި ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިއަދު ސިފަކުރައްވައިފިއެވެ.
އާބާދީ މަދު ހިރިމަރަދޫ މީހުން ހަނިމާދުއަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.
އެ މަސައްކަތް ކުރަމުން އަންނައިރު، ހަނިމާދޫ މީހުންނަށް ގޯތި ނުދީ، އެ ރަށަށް ހިރިމަރަދޫ މީހުން ގެންގޮސް ގޯތި ދިނުމާ މެދު އެ ރަށު މީހުން އަންނަނީ ދެކޮޅު ހަދަމުންނެވެ. އެކަމާ ދެކޮޅަށް ފުލުހަށް ވެސް މައްސަލައެއް ހުށަހެޅިއެވެ. ނަމަވެސް، އެ ކަމުގައި ޖިނާއީ ކުށެއް އެކުލެވިފައި ނުވާކަމަށް ބުނެ، މައްސަލަ ނުބަލަން ފުލުހުން އޮތީ ނިންމާފައެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، ހިރިމަރަދޫ މީހުން ބަދަލުކުރުމަކީ އެ މިނިސްޓްރީގެ އިހުތިސޯސްގައި ހިމެނިފައިވާ ކަމަކަށް ނުވި ނަމަވެސް ވަރަށް ގާތުން އެކަން ބަލަމުން އަންނަ ކަމަށެވެ.

ހދ. ހިރިމަރަދޫ މަތިން ފެންނަ ގޮތް: އާދަމް ޝަރީފް ވިދާޅުވީ، ހިރިމަރަދޫ މީހުން ހަނިމާދޫއަށް ބަދަލުކުރުމާމެދު އުފެދިފައި ވަނީ ސިޔާސީ އޮއިވަރެއް --- ފޮޓޯ: ޒުވާން މަސްވެރިޔާ
އެގޮތުން، އެންމެ ފުރަތަމަ ހަނިމާދުއަށް ހިރިމަރަދޫ މީހުން ބަދަލުކުރުމުގެ ވާހަކަ ދެއްކިއިރު، އޭރު އެއްވެސް މައްސަލައެއް ފާހަގަކުރެވިފައި ނެތް ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އެކަމަކު، ހިރިމަރަދޫ މީހުން ބަދަލުކުރާއިރު، ހަނިމާދުއަށް ލިބެންޖެހޭ ކުރިއެރުންތަކާއި އަސާސީ ޚިދުމަތްތަކެއް ހުރިކަން އޭރު އެރަށު ރައްޔިތުން ފާހަގަކުރިކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
އެކަން އެހެން އޮއްވައި، ހަނިމާދޫ މީހުންނަށް ގޯތި ނުދީ، އެ ރަށަށް ހިރިމަރަދޫ މީހުން ގެންގޮސް ގޯތި ދިނުމާ މެދު އެ ރަށު މީހުން އަންނަނީ ދެކޮޅު ހަދަމުންނެވެ.
އެކަމަށް އިޝާރަތްކުރައްވައި، މިނިސްޓަރު ވިދާޅުވީ، އެއީ މި ދުވަސްވަރުގެ ގޮތުން އުފެދިފައިވާ "ސިޔާސީ އޮއިވަރެއް" ކަމަށެވެ.
މިހާރު ހިރިމަރަދޫ މީހުން ހަނިމާދުއަށް ބަދަލުކުރުމާ މެދު އުފެދިފައިވާ ނުތަނަވަސްކަމަކީ ލޯކަލް ކައުންސިލް އިންތިޚާބުގެ ދުވަސްވަރަށް ވާތީ ހިނގާ ސިޔާސީ ކަމެއް ކަމަށް އަޅުގަނޑުމެނަށް ގަބޫލުކުރެވެނީ. އެއީ ހައްލު ނުކުރެވޭ ވަރުގެ މައްސަލައަކަށް ނުވާނެ،ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު
މީގެއިތުރުން، ދެ ރަށުގެ ރައްޔިތުންނަށް ފައިދާހުރި ގޮތަކަށް އެކަން ހައްލުކުރުމުގެ ވިސްނުން ދެ ރަށުގެ ރައްޔިތުންގެ ހުންނާނެ ކަމަށް މިނިސްޓަރު ގަބޫލުކުރައްވައެވެ. އަދި، މީހުން ބަދަލުކުރުމުގެ އަމަލީ މަސައްކަތް ފެށުމުން މައްސަލަތައް ވެސް ހައްލުވާނެ ކަމަށް އާދަމް ޝަރީފް ލަފާކުރެއްވިއެވެ.