ކާންޔޭ އިންޑިއާގައި ބާއްވާނެކަން އިއުލާނުކުރި ކޮންސެޓް ފަސްކޮށްފި

ދުނިޔޭގެ މަޝްހޫރު ރެޕް ފަންނާނު ކާންޔޭ ވެސްޓް--ފޮޓޯ/އޭއެންއައި

ދުނިޔޭގެ މަޝްހޫރު ރެޕް ފަންނާނު ކާންޔޭ ވެސްޓް އިންޑިއާގައި ބޭއްވުމަށް ހަމަޖެހިފައި އޮތް އޭނާގެ ފުރަތަމަ ކޮންސެޓް، ދުނިޔޭގެ ސިޔާސީ މަސްރަޙަށް އަންނަމުންދާ ބަދަލުތަކާއި ނުތަނަވަސްކަމުގެ ސަބަބުން ފަސްކޮށްފިއެވެ. މި އިވެންޓް އިންތިޒާމުކުރާ 'ޑިސްޓްރިކްޓް ބައި ޒޮމާޓޯ'އިން ހާމަކޮށްފައިވާ ގޮތުގައި، މި ނިންމުމަކީ ބައިނަލްއަޤްވާމީ ޝޯތަކުގައި ބައިވެރިވާ ފަރާތްތަކާއި، ފަންނާނުގެ އިތުރުން ޕްރޮޑަކްޝަން ޓީމުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެޅި ފިޔަވަޅެކެވެ. ކުރިން މި ޝޯ ބޭއްވުމަށް ތާވަލުކޮށްފައި އޮތީ މާރިޗު މަހުގެ 29 ވަނަ ދުވަހު ނިއުދިއްލީގެ ޖަވާހަރްލާލް ނެހުރޫ ސްޓޭޑިއަމްގައެވެ.

  • ޝޯ ފަސްކުރެވުނީ ބައިނަލްއަޤްވާމީ ސިޔާސީ ހާލަތު ހުރި ގޮތުން ސަލާމަތީ ފިޔަވަޅެއްގެ ގޮތުންނެވެ
  • ކާންޔޭ ވެސްޓްގެ އިންޑިއާ ކޮންސެޓް މިހާރު ބޭއްވުމަށް ހަމަޖެހިފައިވަނީ 23 މެއި 2026 ގައެވެ
  • މިހާތަނަށް ވިއްކާފައިވާ ޓިކެޓްތައް އާ ތާރީޚުގައި ބޭނުންކުރެވޭނެއެވެ
  • ޓިކެޓް އަނބުރާ ހޯދަން ބޭނުންވާ ފަރާތްތަކަށް އޮންލައިންކޮށް އެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނެއެވެ

ދުނިޔޭގެ މަޝްހޫރު ރެޕް ފަންނާނު އަދި މިއުޒިކް ޕްރޮޑިއުސަރު ކާންޔޭ ވެސްޓް މި މަހު އިންޑިއާގައި ބޭއްވުމަށް އިއުލާނުކުރި އޭނާގެ ފުރަތަމަ ކޮންސެޓް، ދުނިޔޭގެ ސިޔާސީ މަސްރަޙަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން ފަސްކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން މި ކޮންސެޓް އިންތިޒާމުކުރާ 'ޑިސްޓްރިކްޓް ބައި ޒޮމާޓޯ'އިން ނެރުނު ބަޔާނެއްގައިވާ ގޮތުން، ބައިނަލްއަޤްވާމީ ސިޔާސީ ނުތަނަވަސްކަމުގެ ސަބަބުން، މި މަހުގެ 29 ވަނަ ދުވަހު ނިއުދިއްލީގެ ޖަވާހަރްލާލް ނެހުރޫ ސްޓޭޑިއަމްގައި ބޭއްވުމަށް ކުރިން ތާވަލުކުރި މި ޝޯ މިހާރު ވަނީ 23 މެއި 2026އަށް ތާވަލުކުރެވިފައެވެ.

މި އިވެންޓް އިންތިޒާމުކުރާ ފަރާތްތަކުން އިންސްޓަގްރާމް މެދުވެރިކޮށް ހާމަކޮށްފައިވާ ގޮތުގައި، މި ނިންމުން ނިންމީ ބޭރު ގައުމުތަކުން ޝޯ ބަލަން އަންނަ ފަރާތްތަކާއި، ފަންނާނުގެ އިތުރުން ޕްރޮޑަކްޝަން ޓީމުގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަން ދިނުމުގެ ގޮތުންނެވެ.

އަދި މިހާތަނަށް ވިއްކާފައިވާ ހުރިހާ ޓިކެޓެއް ވެސް ޝޯގެ އާ ތާރީހުގައި ސައްހަވާނެ ކަމަށާއި، ޓިކެޓް ކެންސަލްކޮށް ފައިސާ އަނބުރާ ހޯދަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އޮންލައިން ޕްލެޓްފޯމް މެދުވެރިކޮށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށްވެސް އެ ފަރާތުން ބުނެފައިވެއެވެ.

ކާންޔޭ އޭނާގެ ދަރިފުޅާ އެކު--ފޮޓޯ/އެމްެސްއެން

ޢުމުރުން 48 އަހަރުގެ ޔޭ، އިންޑިއާގައި ބާއްވާ މި ފުރަތަމަ ކޮންސަޓަކީ އޭނާގެ ގްލޯބަލް ޓުއާ ތެރޭގައި ހިމެނޭ މުހިންމު ހަރަކާތެކެވެ. މި އިވެންޓް އިންތިޒާމު ކުރަނީ ވައިޓް ފޮކްސް، ވިޒްކްރާފްޓް އަދި ޕްލަޝް އެންޓަޓައިންމަންޓް ގުޅިގެންނެވެ.

މި ޝޯ އިންތިޒާމުކުރާ ފަރާތްތަކުން ބުނާ ގޮތުގައި ނިއުދިއްލީގައި ބާއްވާ މި ޝޯވެސް ކުރިއަށްދާނީ ބައިނަލްއަޤްވާމީ އެންމެ މަތީ މިންގަނޑުތަކާ އެއްގޮތަށެވެ.

ކާންޔޭ ފަދަ ދުނިޔޭގެ ނުފޫޒުގަދަ ލަވަކިޔުންތެރިންގެ ތެރޭ ހިމެނޭ ފަންނާނަކު އިންޑިއާގައި ޝޯއެއް ދިނުމަކީ އެ ޤައުމުގެ މިއުޒިކް އިންޑަސްޓްރީއަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި ބޭރު ޤައުމުތަކަށް އިންޑިއަން މިއުޒިކް އިތުރަށް ތައާރަފުވުމަށް ލިބޭނެ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.

މިހާތަނަށް 24 ގްރެމީ އެވޯޑާ އެކު ތާރީޚުން ޖާގަ ހޯދާފައިވާ ލަވަކިޔުންތެރިޔާގެ މަޝްހޫރު ލަވަތަކުގެ ތެރޭ "ގޯލްޑް ޑިގާ"، "ސްޓްރޯންގާ"، "ގުޑް ލައިފް" އަދި "އަލްޓްރާލައިޓް ބީމް" ހިމެނެއެވެ.

ކާންޔޭ އިންޑިއާގައި ޝޯތަކެއް ދޭން ހަމަޖެހިފައިވާއިރު މިހާތަނަށް ވަރަށް ގިނަ ބޭރުގެ މަޝްހޫރު ފަންނާނުން ވަނީ އެ ޤައުމުގައި ޝޯތަކެއް ދީފައެވެ.

އޭގެ ތެރޭގައި އެޑް ޝީރަން، ޖަސްޓިން ބީބާ، ޑުއާ ލިޕާ، އޭކަން، ޝޯން މެންޑޭޒް، ޖޯނަސް ބްރަދާސް، މެރޫން 5، ބެކްސްޓްރީޓް ބޯއިސް އަދި ކޯލްޑްޕްލޭ ހިމެނޭއިރު ޖަރުމަނުގެ އައިކޮނިކް ބޭންޑް "ސްކޯޕިއަން"އިން ވެސް އޭޕްރިލް މަހު އިންޑިއާގައި ޝޯތަކެއް ބާއްވާނެކަން ވަނީ އިއުލާނުކޮށްފައެވެ.

comment ކޮމެންޓް