މަޝްހޫރު ޑްރާމާ ސިލްސިލާ "ޑޭޒް އޮފް އަވަ ލައިވްސް"އިން ބޮޑު މަގުބޫލުކަމެއް ހޯދި އެމެރިކާގެ އެކްޓަރު އަދި ޕްރޮޑިއުސަރު ޕެޓްރިކް މަލްޑޫން މަރުވެއްޖެއެވެ.
ޕެޓްރިކް މަރުވީ މިދިޔަ އާދީއްތަ ދުވަހުގެ ވަގުތެއްގައި، ހާޓް އެޓޭކެއް ޖެހިގެން ކަމަށް އެމެރިކާގެ މުނިފޫހިފިލުވުމާ ބެހޭ ޚަބަރުތައް ގެނެސްދޭ "ޑެޑްލައިން"އިން ވަނީ ކަށަވަރުކޮށްދީފައެވެ.
އުމުރުން 57 އަހަރުގެ ޕެޓްރިކަކީ، ކެލިފޯނިއާގެ ސެން ޕެޑްރޯއަށް އުފަން އެކްޓަރެކެވެ. އޭނާއަކީ ތައުލީމު ހާސިލުކުރި ޔުނިވާސިޓީ އޮފް ސަަދަން ކެލިފޯނިއާގެ "ޓްރޯޖަންސް" ފުޓްބޯޅަ ޓީމުގެ ކުޅުންތެރިއެއް ވެސް މެއެވެ.
ޕެޓްރިކްގެ ފިލްމީ ދާއިރާގެ މަސައްކަތްތައް ފެށީ ކޮލެޖުގައި ކިޔެވި ދުވަސްވަރު "ހޫ އިޒް ދަ ބޮސް؟" ސިލްސިލާއިންނެވެ. އޭގެ ފަހުން، 1991 ވަނަ އަހަރު ގްރެޖުއޭޓްވުމާ އެކު "ސޭވްޑް ބައި ދަ ބެލް"އިން ފުރުސަތު ލިބުނެވެ.

ޕެޓްރިކް މަލްޑޫން ފިލްމު "ސްޓާ ޓްރޫޕްސް"ގެ މަންޒަރެއްގައި--ފޮޓޯ/ބީބީސީ
މަލްޑޫން އެންމެ ބޮޑަށް ބެލުންތެރިންގެ މެދުގައި މަޝްހޫރުކަން ހޯދީ "ޑޭޒް އޮފް އަވަރ ލައިވްސް"ގައި ކުޅުނު އޮސްޓިން ރީޑްގެ ކެރެކްޓާއިންނެވެ. ޕެޓްރިކް ވަނީ 1992 އިން 1995އަށް އަދި 2011 އިން 2012އަށް އެ ސިލްސިލާގައި މަސައްކަތްކޮށްފައެވެ. މީގެ އިތުރުން، "މެލްރޯޒް ޕްލޭސް"ގެ ރިޗަޑް ހާޓްގެ ރޯލުން ވެސް ފަހުން ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފައިވާ އެކްޓަރު ފެނިފައިވެއެވެ.
ޕެޓްރިކްގެ އެންމެ ފަހު ފިލްމަކީ މި އަހަރުގެ ފަހުކޮޅު ރިލީޒްކުރުމަށް ތައްޔާރުވަމުން އަންނަ "ޑާޓީ ހޭންޑްސް"އެވެ. ޕެޓްރިކް އެގްޒެކެޓިވް ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ފިލްމުތަކުގެ ތެރޭ، "ދަ ޓްރައިބްސް އޮފް ޕަލޯސް ވާޑްސް"، "އަކަންސާ"، "މާލޯ" އަދި ކްރިސް ހެމްސްވޯތު މުހިއްމު ރޯލެއް ކުޅުނު "ކޮކްރޯޗް" ހިމެނެއެވެ.
ޕެޓްރިކް މަލްޑޫން ދުނިޔެ ދޫކުރިއިރު، އޭނާގެ ބައިވެރިޔާ މިރިއަމް ރޮތްބާޓްއާއި، މައިންބަފައިންގެ އިތުރުން އޭނާގެ އާއިލާގެ މެންބަރުން ދުނިޔޭގައި އެބަތިއްބެވެ.